ތިލަދެކުނު ފުޓްބޯޅަ މުބާރާތުގައި އިއްޔެ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބުން މަގުލަހުގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފި އެވެ.
ނޮޅިވަރަންފަރުން ވަނީ އިއްޔެގެ މެޗުގައި މަގުލަސް ކޮޅަށް 7 ގޯލު ޖަހާފަ އެވެ. މިމެޗު އެޓީމުން ކާމިޔާބުކުރީ 7 - 1 ންނެވެ. ޒުވާން ކުޅުންތެރިންގެ ސްކޮޑަކާއެކު މުބާރާތަށް ނުކުތް މަގުލަހުން ހިތްވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް މިމެޗު ޑޮމިނޭޓްކޮށްގެން ކުޅެފައިވަނީ ނޮޅިވަރަންފަރުންނެވެ.
ނޮޅިވަރަންފަރުން މެޗު ފެށީ ވެސް ވަރަށް ވަރުގަދަކޮންނެވެ. މެޗު ފެށިގެން 2 ވަނަ މިނެޓުގައި އެޓީމުގެ ކުޅަދާނަ ކުޅުންތެރިޔާ ހުސެއިން ޝަރީފް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ.
މެޗުގެ ފުރަތަަމަ ހާފު ތެރޭގައި ނޮޅިވަރަންފަރުން ވަނީ 5 ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މެޗުގައި މޮޅުކުޅުމެއް ދެއްކި ހުސެއިން ޝަރީފްގެ ފަރާތުން 4 ލަނޑު ފެނިގެންދިޔައިރު އެޓީމުގެ ބާކީ ލަނޑުތައް ޖަހައިދީފައިވަނީ އިބްރާހީމް ވަހީދު (އިއްބެ) 2 ލަނޑު އަދި އައްޒާމް އަބްދުﷲ ވަނީ ލަނޑެއް ޖަހައިދީފަ އެވެ.
މިމެޗުގައި މަގުލަސް ކުލަބުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ އެންމެ ފަހު މިނެޓުގައި އެޓީމުގެ ޒުވާން ކުޅުންތެރިޔާ އާލިފް އަހްމަދު ނައީމް އެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ވެސް މެޗުގައި 4 ގޯލު ކާމިޔާބުކޮށް މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ޖޯޒީ ނަންބަރު 10 ހުސެއިން ޝަރީފް އެވެ.
މިއާއެކު ޖުމްލަ 3 މެޗުން 7 ޕޮއިންޓާއެކު އެޓީމް އޮތީ ގްރޫޕްގެ އެއްވަނައިގަ އެވެ. މިގްރޫޕްގެ ދެވަނައިގައި އޮތީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ ކުލަބް ކޮރަލްސް އެވެ. އެޓީމުން ވަނީ ދެމެޗުން 4 ޕޮއިންޓް ހޯދާފަ އެވެ.
ގްރޫޕުގެ ތިންވަނައިގައި އޮތީ ދެމެޗުން 3 ޕޮއިންޓާއެކު ކުމުންދޫ ސްޕޯޓްސް ކްލަބެވެ. އަދި ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ މަގުލަސް ކުލަބެވެ. މިއަދު މިގްރޫޕްގެ މެޗެއް ކުޅެވޭނެ އެވެ. އެމެޗުގައި ބައްދަލުކުރާނީ ކުލަބް ކޮރަލްސްއާއި ކުމުންދޫ ސްޕޯޓްސް ކްލަބެވެ. މިއަދުގެ މެޗަކީ ދެޓީމަށްވެސް ވަރަށް މުހިންމު މެޗަކަށް ވާނެ އެވެ.
މިއަދުގެ މެޗުން ކޮރަލްސް މޮޅުވެގެން ނުވަތަ އެއްވަރުކޮށްލައިގެން ވެސް ސެމީގެ ޖާގައެއް ޔަގީންވާނެ އެވެ. އެހެންނަމަވެސް ކުމުންދޫއަށް ސެމީގެ ފުރުސަތެއް އޮތީ މޮޅުވެގެންނެވެ. މިއަދުގެ މެޗުން ކޮރަލްސް މޮޅުވެއްޖެނަމަ ނޮޅިވަރަންފަރާއި ޕޮއިންޓްގެ ގޮތުން އެއްވަރުވާނެ އެވެ. އޭރުން ގްރޫޕްގެ އެއްވަނަ ބަލާނީ ފައިދާ ގޯލުންނެވެ.