މިއަހަރުގެ މުބާރާތުގައި ކަނޑިތީމާއި ދިއްދޫގެ ޓީމެއްގެވެސް ބައިވެރިވޭ.
ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެންމެ އަގުބޮޑު އަދި ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކުޅުދުއްފުށި ޗެމްޕިއަންޝިޕް މިއަދު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މިއަދު ހަވީރު ހަތަރެއް ޖަހާއިރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި މިމުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ފުރަތަަމަ މެޗުގައި ބައްދަލުކުރާނީ ކުލަބް ކޮރަލްސްއާ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. ކުލަބް ކޮރަލްސްއަކީ މިމުބާރާތް ބޭއްވި އެންމެ ފުރަތަަމަ ފަހަރު ކާމިޔާބުކޮށްފައިވާ ޓީމުކަން ފާހަގަ ކޮށްލެވެ އެވެ
މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ކުލަބް ކޮރަލްސްއާ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބުގެ އިތުރުން ޒިގްޒެގް ފޯރ ޔޫތް ލިންކޭޖާއި ހީވެސް ނުވޭ ޓީމެވެ. ޒިގްޒެގާއި ކޮރަލްސްއަކީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ދެ ޓީމެވެ. އަދި ޓީމް ހީވެސް ނުވޭ އަކީ ހއ. ދިއްދޫއަށް ނިސްބަތްވާ ޓީމެކެވެ.
ގްރޫޕް ބީއަށް ބަލާލާއިރު މިގްރޫޕުގައި ހިމެނެނީ މި މުބާރާތުގެ ތަށި އެންމެފަހުން ހިއްލާލި ހަނިމާދޫއަށް ނިސްބަތްވާ ޓީމެކެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ހަނިމާދޫން ތަށި އުފުލާލީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިންނެވެ. މިފަހަރު އެރަށުން ނުކުމެފައިމިވަނީ ކެތިއަރާ އެވެ. ކެތިއަރާގެ އިތުރުން މިގްރޫޕުގައި ހިމެނެނީ މަގުލަސް ކުލަބާއި ހިރަފުސް ސްޕޯޓްސް ކްލަބެވެ. އަދި މިގްރޫޕުގައި ދެން ހިމެނޭ ކަނޑިތީމު ފުޓްބޯޅަ ޓީމަކީ ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި އަލަށް ވާދަކުރާ ޓީމެކެވެ.
ވާދަވެރި އަދި ވަރުގަދަ ކުޅުންތެރިންނާއި ޓީމުތަކާއެކު މިއަދު ފެށޭ މިމުބާރާތުގެ ފޯރި ވަރަށް ގަދަވާނެ ކަމަށް ބެލެވޭއިރު މިފަހަރުގެ މުބާރާތުގައި އާޓީމަކުން ވެސް ވާދާކުރާއިރު މިއީ މުބާރާތް އިތުރަށް ފުރިހަމަވެ މުބާރާތުގެ ފޯރި ގަދަވާނެ ކަމެއްކަމަށް ބެލެވެ އެވެ.
މިމުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ގަވައިދުން ކުރިއަށް ދާނެ ފެންވަރު ރަނގަޅު ފުޓުބޯޅަ މުބާރާތެއް ބޭއްވުމާއި ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.
އަދި ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް ގައުމީ ފެންވަރުގައި ފުޓްބޯޅަކުޅޭ ޒުވާނުން އުފެއްދުމާއި ފުޓުބޯޅައަކީ ދިވެހިރާއްޖޭގެ އެންމެ ގިނަބަޔަކު ލޯބިކުރާ ކުޅިވަރަށް ވެފައި، ކުޅުދުއްފުއްޓަކީ ގައުމުގެ ފުޓުބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށެއް ކަމުގައި ހެދުމެވެ. އަދި ކުޅުދުއްފުށީގެ ފުޓްބޯޅަ މުޅިން އާ ހަރުފަތަކަށް ގެންދިއުމާއި ޒުވާނުން ކުށުގެވެށިން ދުރުކޮށް ރަށުގެ އިޖުތިމާއީ ރޫހު އާލާކޮށް ދިރުވުން ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވެ އެވެ.
މިދިޔަ އަހަރަށްވުރެ މިއަހަރުގެ މުބާރާތުގެ އަގުބޮޑުއިރު މިއީ ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަން ފާހަގަކޮށްލެވެ އެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށްދީފައިވަނީ 75 ހާސް ރުފިޔާ އެވެ. އަދި ރަނަރަޕް ޓީމަށް ދިނީ 20000 ހާސް ރުފިޔާ އެވެ. މިއަހަރު ޗެމްޕިއަން ޓީމަށް ދޭން ނިންމާފައިވަނީ 1 ލައްކަ ރުފިޔާ އެވެ. ރަނަރަޕް ޓީމަށް ދޭން ނިންމާފައިވަނީ 50 ހާސް ރުފިޔާ އެވެ.
ޕެނަލްޓީ ޖަހައިގެން ހިރިމަރަދޫ ޑޮމިނޭޓާސް ބަލިކޮށް، މިދިޔަ އަހަރުގެ ތަށި އުފުލާލީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އެވެ