twitterviber whatsapp telegramfacebookyoutube instagram
12th August 2025

އަބޫގެ މޮޅު ކުޅުމާއެކު ޒިގްޒެގުން މުބާރާތުގެ ފެށުން ވަރުގަދަކޮށްފި

މުޙައްމަދު އަހުމަދު
Aug 10, 2025
1

ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ޒިގްޒެގް ފޯރ ޔޫތް ލިންކޭޖުން ކުޅުނު ފުރަތަަމަ މެޗުގައި ފަސޭހަ މޮޅަކާއެކު މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ

މިއަދު ކުޅެވުނު މެޗުގައި ބައްދަލުކޮށްފައިވަނީ ޒިގްޒެގް ފޯރ ޔޫތް ލިންކޭޖައި ދިއްދޫގެ ހީވެސް ނުވޭ އެވެ. މިމެޗު 3 - 0 ން ޒިގްޒެގުން ވަނީ ކާމިޔާބުކޮށްފަ އެވެ

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅެވުނު ފޯރިގަދަ މެޗުގެ ކުރީކޮޅު ޒިގްޒެގުން ވަނީ ލީޑު ނަގައިފަ އެވެ. މެޗު ފެށިގެން 4 ވަނަ މިނެޓުގައި ޒިގްޒެގްގެ ޒުވާން ފޯވާޑް އަހްމަދު ނާއިލް ވަނީ އެޓީމަށް އިދިކޮޅު ގޯލު ހުޅުވާލަދީފަ އެވެ

ނާއިލްގެ ގޯލަށްފަހު ވެސް ޒިގްޒެގަށް ލަނޑުޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް ފުރަތަމަ ހާފުގައި އެޓީމަށް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ. އަދި 'ހީވެސް ނުވޭ' އަށް ވެސް މެޗުގެ ފުރަަތަމަ ހާފު ޒިގްޒެގްގެ ގޯލަށް އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައިނުވާކަން ފާހަގަކޮށްލެވެ އެވެ.

ފުރަތަމަ ހާފު ނިމުނީ 1 ގޯލުން ޒިގްޒެގް ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފަށް ދެޓީމުން ވެސް ނުކުމެފައިވަނީ ކުޅުން އިތުރަށް ވަރުގަދަކޮށްގެންނެވެ. ދެވަނަ ހާފުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ޒިގްޒެގްގެ ޖާޒީ ނަންބަރު 19 އަބޫބަކުރު އާދަމް (އަބޫ) ކުޅުމެވެ.

އަބޫބަކުރު އާދަމްގެ ފަރާތުން މޮޅުކުޅުމެއް މިމެޗުގައި ފެނިގެންދިޔަ އެވެ. ފަހު ހާފުގައި ޒިގްޒެގުން ކާމިޔާބުކުރި ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ އަބޫބަކުރު އާދަމް އެވެ. ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ އޭނާ ޓީމުގެ ލީޑު ފުޅާކޮށްދިންއިރު މެޗުގެ ފަހު ލަނޑު މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ކާމިޔާބުކޮށް އޭނާ ވަނީ ޒިގްޒެގަށް 3 ޕޮއިންޓް ޔަގީންކޮށްދީފަ އެވެ

މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ގިނަ ފައުލުތަކެއް ފެނިގެން ދިޔަ އެވެ. ހާއްސަކޮށް ޒިގްޒެގުން ގިނަ ފައުލުތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ޒިގްޒެގަށް ދެގޯލު ކާމިޔާބުކޮށްދީ ތަފާތު މޮޅު ކުޅުމެއް ދެއްކި އަބޫބަކުރު އާދަމް އެވެ

މާދަމާ ވެސް މިމުބާރާތުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މާދަމާ ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ހަނިމާދޫގެ ކެތިއަރާއާއި މަގުލަސް ކުލަބެވެ. މަގުލަހަކީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ޓީމެކެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355