twitterviber whatsapp telegramfacebookyoutube instagram
12th August 2025

ވާދަވެރި ކުޅުމަކާއެކު މަގުލަސް ސްޕޯޓް ކުލަބުން ކެތިއަރާ ބަލިކޮށްފި

މުޙައްމަދު އަހުމަދު
Aug 11, 2025

ވާދަވެރިކުޅުމަކާއެކު ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި ކުޅެވުނު މެޗުން މަގުލަސް ކުލަބުން ކުރިހޯދައިފި އެވެ

މިއަދު ހަވީރު ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މުބާރާތުގެ 3 ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ މަގުލަސް ކުލަބާއި ހަނިމާދޫގެ ކެތިއަރާ އެވެ.

ފޯރިގަދަ ކުޅުމަކާއެކު މިމެޗު މަގުލަހުން ކާމިޔާބުކުރީ 4 - 2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޖުމްލަކޮށް ބަލާއިރު ދެޓީމުގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ އެވެ. ނަމަވެސް މަގުލަހުން ގިނަ މޮޅުކުޅުންތެރިންތަކެއް ފާހަގަވެގެން ދިޔަ އެވެ

އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މަގުލަހުގެ ޖާޒީ ނަންބަރު 18 އާލާފް އަހްމަދެވެ. މެޗުގައި އާލާފްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު މަގުލަހުން ކާމިޔާބުކުރި 4 ގޯލުގެ ތެރެއިން 3 ގޯލުގައި އޭނާގެ ހިއްސާ ފާހަގަވެގެން ދިޔަ އެވެ

ނަމަވެސް މެޗު ފެށިގެން 3 ވަނަ މިނެޓުގައި ކެތިއަރާއިން ވަނީ މެޗުގެ ފުރަަތަމަ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މިއީ ގޯލު އޭރިޔާގެ ބޭރުން އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން އެޓީމުގެ ނާއިލް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖާޒީ ނަންބަރު 12 އަލީ ހުސައިން (ދަގަނޑޭ) ކާމިޔާބުކޮށްދިން ލަނޑެކެވެ.

މަގުލަހަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 10 ވަނަ މިނެޓުގައި އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހްމަދު މުހައްމަދު (އައްމަޑޭ) އެވެ. މިލަނޑަކީ އައްމަޑޭ ކުރިއަށް ޖެހިލި ވަގުތު ވަރަށް ރީތިކޮށް ކެތިއަރާގެ ފަހަތުން ތިބި ދެކުޅުންތެރިން ދޭތެރެއިން އާލާފް ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އައްމަޑޭ ކާމިޔާބުކުރި ގޯލެކެވެ.

ދެޓީމުން ވެސް ފުރަތަމަ ހާފު ރަނގަޅު ކުޅުމެއް ދެއްކި އިރު މެޗުގެ ކުރީކޮޅު މަގުލަހުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ކެތިއަރާގެ ގޯލާ އަމާޒުކޮށް ފޮނުވާލާފަ އެވެ. ހާއްސަކޮށް އާލާފްއަށް ވަނީ ލަނޑުޖަހާނެ ވަރަށް ހުސް 3 ފުރުސަތެއް ލިބި ބޭނުން ނުހިފިފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އާލާފްގެ ރީތި ގޯލަކުން މަގުލަހުން ވަނީ މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނަގާފަ އެވެ.

ދެވަނަ ހާފަށް ދިއުމުގެ ކުރިން ކުރީގައި އޮވެ ފުރަތަމަ ހާފު ނިންމާލެވުމުން މަގުލަހުގެ ކުޅުންތެރިންގެ ފަރާތުން ހިތްހަމަޖެހުން ފެނުނުއިރު ކެތިއަރާ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓުނެވެ. ދެވަނަ ހާފަށް ވަރުގަދަކޮށް ދެޓީމުން ވެސް ނުކުތް ނަމަވެސް މިހާފުގެ ކުރީކޮޅު ވެސް ތަފާތު ދެއްކީ މަގުލަހުންނެވެ.

53 ވަނަ މިނެޓުގައި މަގުލަހުގެ އާލާފް ވަރަށް ރީތިކޮށް އޭރިއާ ތެރެއަށް ވަދެ ކެތިއަރާގެ ޑިފެންޑަރުގެ ކައިރިން ނައްޓާލުމަށް ފަހު ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ހުސްކޮށް އޮވެ އައްމަޑޭ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާގެ ދެވަނަ ލަނޑު ވަނީ ކާމިޔާބުކޮށްފަ އެވެ.

މެޗުގެ 67 ވަނަ މިނެޓުގައި އަނެއްކާވެސް އިތުރު ގޯލެއް ޖަހާ ކެތިއަރާއިން ވަނީ މެޗުގެ ފަރަގު ކުޑަކޮށްފަ އެވެ. މިލަނޑަކީ އޭރިއާ ތެރެއިން މަގުލަހުގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ދަގަނޑޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މަގުލަހަށް މެޗުގައި ކުރިމަތިވެގެންދިޔަ އެންމެ ބޮޑު ގެއްލުމަކަށްވީ 68 ވަނަ މިނެޓުގައި އެޓީމުގެ އާލާފްއަށް އިންޖަރީވެ ބަދަލުކުރަން ޖެހުމުންނެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ ޖާޒީ ނަންބަރު 20 އަޔާން މުޙައްމަދެވެ.

އާލާފް ބޭލިފަހުން މެޗުގެ ކޮންޓްރޯލް ކެތިއަރާއިން ވަރަށް ބޮޑަށް ނެގި އެވެ. ނަމަވެސް މަގުލަހުގެ ތަފާތަކަށްވީ މެދުތެރޭން ކުޅެމުންދިޔަ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އިބްރާހިމް އޮލަޑިމޭޖީ އެވެ. މެދުތެރޭގައި އިބްރާހީމް މޮޅު ކުޅުމެެއް ދެއްކިއިރު އޭނާ ވަނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. މެޗުގެ ފަހު ލަނޑު އަދި މަގުލަހުގެ 4 ވަނަ ލަނޑަކީ އޭރިއާ ބޭރުން ދުރުން ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް ވައްދާލައިގެން އެޓީމުގެ ބިދޭސީ ފޯވާޑް ޕްރިންސް ބޯޑޫ ކާމިޔާބުކުރި ގޯލެކެވެ.

މާދަމާ އޮންނަ މިމުބާރާތުގެ 4 ވަނަ މެޗުގައި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓްސް ކްލަބުން ނުކުންނާނީ ކަނޑިތީމު ފުޓްބޯޅަ ޓީމާ ދެކޮޅަށެވެ. ކަނޑިތީމު ޓީމަކީ މިހާތަނަށް ބޭއްވި އެއްވެސް ކުޅުދުއްފުށި ޗެމްޕިއަންޝިޕް މުބާރާތެއްގައި ބައިވެރިނުވާ އަލަށް ވާދަކުރާ ޓީމެއްކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355