ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި މިއަދު ޕްރިންސް ބޯޑޫ (އެސިއެން)ގެ ހެޓްރިކާއެކު ހިރަފުސް ސްޕޯޓްސް ކްލަބް ކަޓުވާލުމަށްފަހު ސެމީ ފައިނަލުގެ ޖާގައެއް މަގުލަސް ކުލަބުން ކަށަވަރުކޮށްފި އެވެ.
މިއަދު ކުޅެވުނު މެޗު މަގުލަހުން ކާމިޔާބުކުރީ 6 - 2 ން ހިރަފުސް ބަލިކޮށްގެންނެވެ. މިމެޗުގައި މަގުލަސް ކުލަބުގެ ބިދޭސީ ފޯވާޑް ޕްރިންސް ބޯޑޫ (އެސިއެން) ވަނީ ހެޓްރިކެއް ހަދާފަ އެވެ. އޭނާގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔައިރު މުޅި މެޗު އެއްކޮށްހެން ޑޮމިނޭޓްކޮށްގެން މޮޅަށް ކުޅެފައިވަނީ މަގުލަހުންނެވެ.
މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވެ މަގުލަހުން ވަނީ މެޗުގެ ލީޑު ނަގައިފަ އެވެ. 15 ވަނަ މިނެޓުގައި އެޓީމުގެ އެސިއެން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
އެސިއެން މިލަނޑު ކާމިޔާބުކުރީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އިބްރާހިމް އޮލަޑިމޭޖީ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ހުސްކޮށް އޮވެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ނަމަވެސް މެޗުގެ 29 ވަނަ މިނެޓުގައި ހިރަފުހުގެ ކެޕްޓަން އާދަމް މުހައްމަދު (ކުޑަ އާދަމް) ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަހު ވަގުތު އެސިއެން އެޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިންއިރު މެޗުގެ ދެވަނަ ހާފަށް ނުކުމެ ދެމިނެޓެއްވަރު ފަހުން ލިބުނު ޕެނަލްޓީއަކުން އެސިއެން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ
މިއީ މަގުލަހަށް ލިބުނު ކޯނަރެއް ގޯލު ކުރިމައްޗަށް ނަގައިދިން ވަގުތު ހިރަފުސް ކުޅުންތެރިއެއްގެ އަތުގައި ޖެހިގެން ލިބުނު ޕެނަލްޓީއެކެވެ. ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެނިގެންދިޔައީ މަގުލަސް ކުލަބެވެ
ނަމަވެެސް 53 ވަނަ މިނެޓުގައި ހިރަފުހުގެ ކުޑަ އާދަމްއަށް ވަނީ އަނެއްކާވެސް ނަތީޖާ އެއްވަރުކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. މަގުލަސް ކުލަބުގެ 4 ވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އަހުމަދު އާދަމް (ޒަރޭ) އެވެ
މެޗުގައި މަގުލަހުގެ 5 ވަނަ ލަނޑު އެސިއެން ގޯލު ކުރިމަތިން އެޓީމުގެ ޖާޒީ ނަންބަރު 19 މުހައްމަދު ރީހާންއަށް ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިލަނޑު ކާމިޔާބުކޮށްދިނީ ރީހާން އެވެ.
އެޓީމުގެ ފަހު ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގެ 4 ވަނަ މިނެޓުގައި އޭރިއާ ބޭރުގައި ހުރެފައި ވަރަށް ރީތިކޮށް ބޯޅަ ގޯލުގެ މަތީ ކަނަށް ވައްދާލައިގެން ހުސެއިން އަބްދުއްރަޝީދު (ބިގޭ) ކާމިޔާބުކޮށްދިން ލަނޑެކެވެ
މިމެޗުގައި ހިރަފުސް ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑަކީ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި ހިރަފުހަށް އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއް މަގުލަހުގެ ކީޕަރު ދިފާއުކުރި ވަގުތު ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އެޓީމުގެ ޖާޒީ ނަންބަރު 17 މުހައްމަދު ޒިޔާން ކާމިޔާބުކޮށްދިން ލަނޑެކެވެ
މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އަދި މިމެޗުގައި ހެޓްރިކް ހެދި މަގުލަހުގެ ބިދޭސީ ފޯވާޑް ޕްރިންސް ބޯޑޫ (އެސިއެން) އެވެ. މިއާއެކު ހިރަފުސް ސްޕޯޓްސް ކްލަބް މިވަނީ މުބާރާތުން ކަޓައިފަ އެވެ. މަގުލަސް ސެމީގެ ޖާގައެއް ހޯދިއިރު މިގްރޫޕުން ސެމީގެ ޖާގައެއް ދެން ކަށަވަރުކޮށްފައިވަނީ ކަނޑިތީމުންނެވެ. ހަނިމާދޫގެ ކެތިއަރާ ވެސް ވަނީ މުބާރާތުން ކަޓައިފަ އެވެ
މާދަމާ ކުޅެވޭ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ ކުލަބް ކޮރަލްސްއާ ހީވެސް ނުވޭ އެވެ