ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި މިއަދު ޒިގްޒެގް ފޯރ ޔޫތް ލިންކޭޖައި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު އެއްވަރުވެ ނޮޅިވަރަންފަރު މުބާރާތުން ކަޓައިފި އެވެ
ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު ނިމުނީ 1 - 1 ން އެއްވަރުވެގެންނެވެ. މިމެޗުން އެއްވަރުވެ ކުޅުނު 3 މެޗުން ލިބުނު ތިން ޕޮއިންޓާއެކު ނޮޅިވަރަންފަރު ދިޔައީ ގްރޫޕުގެ 3 ވަނަ އަށެވެ
މިމެޗުން ލިބުނު ޕޮއިންޓާއެކު ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން އެއްވަރުވެ 1 މެޗުން މޮޅުވެ ޖުމްލަ 5 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި ޒިގްޒެގް މިވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ
މިއަދު ކުޅެވުނު ފޯރިގަދަ މެޗު ފެށިގެން ވެސް ދެޓީމުން ހަމަހަމަ ވަރުގަދަ ކުޅުމެއް ދެއްކި އިރު މެޗުގެ ކުރީކޮޅު ޒިގްޒެގުން ވަނީ ލީޑު ނަގައިފަ އެވެ. 6 ވަނަ މިނެޓުގައި ޒިގްޒެގްގެ ނާއިލް އެޓީމުގެ އަބޫއަށް ޖައްސާލި ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ނޮޅިވަރަންފަރުގެ އަހްމަދު ރަޝީދު ފަހަތަށް ޖައްސާލި ބޯޅަ އަބޫބަކުރު އާދަމް (އަބޫ)ގެ ފައިގައި ޖެހިފައި ގޮސް ވަނީ ގޯލުގެ ތެރެއަށެވެ
ނަމަވެސް މާގިނަ އިރުތަކެއް ނުވެ ނޮޅިވަރަންފަރުން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މެޗުގެ 24 ވަނަ މިނެޓުގައި ޒިގްޒެގްގެ އަލީ މުހައްމަދު އޭރިއާ ބޭރުން ނޮޅިވަރަންފަރުގެ މުހައްމަދު ރަޝީދު (ހޮކޭ)އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމެއް ގޯލު ކުރިމައްޗަށް ނަގައިދިން ވަގުތު ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ގޯލް ކުރިމައްޗަށް ވެއްޓުނު ވަގުތު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ކުޅުންތެރިޔާ މުހައްމަދު ޝާމިހް ފަތުހުﷲ އެވެ
ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1 - 1 ން އެއްވަރުވެގެންނެވެ. ދެވަނަ ހާފަށް ދެޓީމުން ވެސް ވަރުގަދަކޮށް ނުކުތް އިރު ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ފުރުސަތުތަކެއް އުފައްދާފަ އެވެ. ނަމަވެސް މިހާފުގައި ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މެޗުގައި މޮޅުކުޅުމެއް ދެއްކި ނޮޅިވަރަންފަރުގެ މުހައްމަދު ރަޝީދު (ހޮކޭ) އަށެވެ
މިގްރޫޕުގެ އެއްވަނައިގައި ޒިގްޒެގް ސެމީއަށް ދަތުރުކުރިއިރު ކުޅުނު 3 މެޗުގެ ތެރެއިން 1 މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ އަދި އެއް މެޗުން ބަލިވެ ޖުމްލަ 4 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައި ސެމީއަށް ދަތުރުކުރީ ދިއްދޫގެ ހީވެސް ނުވޭ އިންނެވެ
ސެމީގައި ޒިގްޒެގް އަދި ހީވެސް ނުވޭ ބައްދަލުކުރަން ޖެހޭ ޓީމުތައް ޔަގީން ވާނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މަގުލަހާއި ކަނޑިތީމު ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ
މާދަމާ ކުޅެވޭ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ ހަނިމާދޫ ކެތިއަރާއާއި ހިރަފުސް ސްޕޯޓްސް ކްލަބެވެ. މިމެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް މިދެޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ