twitterviber whatsapp telegramfacebookyoutube instagram
23rd August 2025

ވާދަވެރި ކުޅުމަކަށްފަހު ޕެނަލްޓީގައި ޒިގްޒެގް ބަލިކޮށް ކަނޑިތީމު ފައިނަލަށް

މުޙައްމަދު އަހުމަދު
Aug 23, 2025

ކުޅުދުއްފުށި ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ޒިގްޒެގް ފޯރ ޔޫތް ލިންކޭޖް ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ކަނޑިތީމު ފުޓްބޯޅަ ޓީމުން ހޯދައިފި އެވެ

މިއަދު ހަވީރު ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގައި ކަނޑިތީމުން ޒިގްޒެގްގެ މައްޗަށް ކުރިހޯދީ ޕެނަލްޓީ ޖަހައިގެން 7 - 6 ންނެވެ

މިހާތަނަށް މިމުބާރާތުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ އެއް މެޗަށް މިމެޗު ވެގެންދިޔައިރު ދެޓީމުން ވެސް ވަނީ މެޗުގައި މޮޅުކުޅުމެއް ދައްކާފަ އެވެ

މެޗު ފެށިގެން 5 ވަނަ މިނެޓުގައި ކަނޑިތީމުން މެޗުގެ ލީޑު ނެގި އެވެ. ދަނޑުގެ މެދަކާ ހިސާބުން ލިބުނު ހިލޭ ޖެހުމެއް ޒިގްޒެގް ކީޕަރުގެ ބޯމަތިން ގޯލުގެ މަތީ ކަނަށް ވައްދާލައިގެން އެޓީމަށް ލީޑު ނަގައިދިނީ އެޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރު މުހައްމަދު ޝާން އެވެ

މިލަނޑާއެކު ޒިގްޒެގުން ވަނީ ކުޅުން ވަރަށް ބޮޑަށް ވަރުގަދަކޮށް ފުރަތަމަ ހާފުގެ ކޮންޓްރޯލް ނަގާފަ އެވެ. އެގޮތުން ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އެޓީމުގެ އިބްރާހީމް އިސްމާއީލް (ލިއަމްސީ) ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ

އޭނަ މި ލަނޑު ކާމިޔާބުކޮށްދިނީ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ޒިގްޒެގްގެ މުހައްމަދު ނިސާލް ބޮލުން ފޮނުވާލި ވަގުތު ގޯލުގެ މަތީ ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ

ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1 - 1 ން އެއްވަރުވެގެންނެވެ. ދެވަނަ ހާފުގައި ވެސް ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެޓީމުން ވެސް ހާފަށް ނުކުމެފައިވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްގެންނެވެ

މެޗުގެ 60 ވަނަ ޒިގްޒެގްގެ މުހައްމަދު ނިސާލްއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލައިފަ އެވެ. މިއީ ކަނޑިތީމު ކުޅުންތެރިޔަކާ ނިސާލްއާ ދެމެދު ހިނގައިދިޔަ ހަމަނުޖެހުމެއްގެ ތެެރެއިން ދެއްކި ކާޑެކެވެ

މިހާފުގެ ބާކީ ވަގުތު ޒިގްޒެގުން ކުޅެމުންދިޔައީ ކުޅުންތެރިޔަކު މަދުކޮށެވެ. ނަމަވެސް މެޗުގެ 80 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފަ އެވެ. އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަމަން ފައިޒާގެ ވަރަށް ރީތި ސޯލޯ ގޯލަކުން އެޓީމުން ނަތީޖާ ހަމަހަމަ ކުރި އެވެ

ނަމަވެސް އޭގެ ފަސްވަރަކަށް މިނެޓް ފަހުން ގޯލު ކުރިމައްޗަށް ހުރަސްކޮށްދޭން އުޅުނު ބޯޅައެއް ގޮސް ގޯލުގެ ތެރެއަށް ވަދެގެން ކަނޑިތީމުގެ ހުސެއިން ވާފިރު (ހުސެއިން ޕީ) އެޓީމަށް މެޗުގައި އުއްމީދު އާކޮށްދިނެވެ

ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ޒިގްޒެގުން ބޮޑު ލީޑެއް ނަގައިފައިވަނިކޮށް ކަނޑިތީމުން ވަނީ ފަހަތުން އަރާ އެޓީމު ބަލިކޮށްފަ އެވެ

މާދަމާ މިމުބާރާތުގެ ސެމީގެ ފަހު މެޗު ކުޅެވޭނެ އެވެ. މިމެޗުގައި ބައްދަލުކުރާނީ މަގުލަސް ކުލަބާއި ދިއްދޫގެ ހީވެސް ނުވޭ އެވެ. މިމެޗުން މޮޅުވާ ޓީމެއް ފައިނަލްގައި ނުކުންނަން ޖެހޭނީ ކަނޑިތީމު ފުޓްބޯޅަ ޓީމާ ދެކޮޅަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355