twitterviber whatsapp telegramfacebookyoutube instagram
24th August 2025

ހީވެސް ނުވޭ ބަލިކޮށް މަގުލަސް ފައިނަލަށް، ކަނޑިތީމާ މަގުލަހުގެ ކުރިމަތިލުމެއް

މުޙައްމަދު އަހުމަދު
Aug 23, 2025

ކުޅުދުއްފުށި ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ފަހު މެޗުގައި ފަސޭހަކަމާއެކު ދިއްދޫގެ ހީވެސް ނުވޭގެ މައްޗަށް ކުރިހޯދާ މަގުލަސް ކުލަބުން ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ

ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅެވުނު މިމެޗު މަގުލަހުން ކާމިޔާބުކުރީ 2 - 0 ންނެވެ. ފޯރިގަދަ ކުޅުމެއް މެޗުގައި ފެނުނުއިރު ދެޓީމުން ވެސް މޮޅުކުޅުމެއް ދެއްކި އެވެ. އެހެން ނަމަވެސް މެޗުގެ ކޮންޓްރޯލް ނަގައިގެން މަގުލަހުން މިމެޗުގައި ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ

މެޗުގެ ފުރަތަމަ ހާފު ދެޓީމުން ވެސް ހަމަލާތަކެއް އުފެއްދުމަށް ވަނީ މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއްނުވި އެވެ

ދެވަނަ ހާފަށް ދެޓީމުން ވެސް ކުޅުން ރަނގަޅުކޮށްގެން ނުކުތްއިރު ހާފު ވަރުގަދަކޮށް ފެށީ މަގުލަހުންނެވެ. މެޗުގެ 68 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޕްރިންސް ބޯޑޫ (އެސިއެން) އޭރިއާ ތެެރެއިން އެރި އެޓީމުގެ އާލާފްއަށް ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އާލާފް ވަނީ މަގުލަހަށް ލީޑު ނަގައިދީފަ އެވެ

އާލާފްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މަގުލަހުގެ ޕްރިންސް ބޯޑޫގެ ކުޅުމާ އިންޖަރީގައި ހުރެގެން ކުޅެމުންދިޔަ ބިދޭސީ ކުޅުންތެރިޔާ އިބްރާހިމް އޮލަޑިމޭޖީގެ ކުޅުމެކެވެ

ކުޅުންތެރިންގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔައިރު މަގުލަހުން ވަނީ މެޗުގެ ފުރިހަމަ ވަގުތުގެ އިތުރު ވަގުތުގައި އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ފައިނަލުގެ ޖާގައެއް ޔަގީންކޮށްދީފަ އެވެ.

މިއީ ހީވެސް ނުވޭގެ އެޓޭކެއް ހުއްޓުވުމަށްފަހު ކުރި ކައުންޓާ އެޓޭކެއްގައި އެޓީމުގެ އިބްރާހީމް އާލާފްއަށް ޖައްސާލި ބޯޅަ ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްދިން ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން އިބްރާހީމް ކާމިޔާބުކުރި ގޯލެކެވެ

މިމެޗުގައި މަގުލަހުން އިތުރު ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ގޯލެއް ކަމަށެވެ. ހަމަ އެހެންމެ ހީވެސް ނުވޭއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ވެސް އޮފްސައިޑްވީ އެވެ.

މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދީ މުޅި މެޗުގައި ވެސް މަގުލަސް ޓީމުގެ މެދުތެރެ ހިފަހައްޓައިގެން ރީތި ކުޅުމެއް ދެއްކި ޕްރިންސް ބޯޑޫ އަށެވެ

މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުގެ ހަވީރު 4 ޖަހާއިރު އެވެ. ފައިނަލުގައި ބައްދަލުކުރާނީ ކުޅުދުއްފުށީ ކުލަބް މަގުލަހާއި ކަނޑިތީމު ފުޓްބޯޅަ ޓީމެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިދެޓީމު ބައްދަލުކުރިއިރު އެމެޗުން 6 - 2 ގެ ނަތީޖާއަކުން ކުރި ހޯދާފައި ވަނީ މަގުލަހުންނެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355