ށ. ކަނޑިތީމްގައި މި ނިމިގެން ދިޔައީ ވަރަށް ފޯރިގަދަ، ވާދަވެރި ފުޓްސަލް މުބާރާތެކެވެ! ޝައުގުވެރިކަން އިންތިހާއަށް ދަމައިގަތް މި މުބާރާތުގެ މެޗްތަކަށް ފަހު ޗެމްޕިއަންކަން ކަނޑިތީމުން އިއްޔެ ވަނީ އުފުލާލައިފަ އެވެ.
"މިލައުތުރު ފުޓްސަލް މުބާރާތް" ގެ ނަމުގައި ށ. އަތޮޅު ކައުންސިލުން އިންތިޒާމްކުރި މި މުބާރާތުގެ ފައިނަލް މެޗްގައި ރޭ ކަނޑިތީމުން ނުކުތީ އަތޮޅު ވެރިކަން ކުރާ މިލަންދޫއާ ދެކޮޅަށެވެ. ވަރަށް ފޯރީގައި ކުރިއަށް ދިޔަ މި މެޗްގައި ފުރަތަމަ ލަނޑެއް ޖަހާފައިވަނީ މިލަންދޫއިންނެވެ. އެއީ އެ ޓީމުގެ ޖާޒީ ނަންބަރު 30، އަހުމަދު ޝަނީ އެވެ.
ދެވަނަ ހާފްގައި ވަރުގަދައަށް ފަށައި ފުރަތަމަ ދެ މިނެޓްގެ ތެރޭގައި ކަނޑިތީމުން ވަނީ ފަހަތުން އަރާ މިލަންދޫގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެ ދެ ލަނޑު ކާމިޔާބުކުރީ ކަނޑިތީމު ޓީމްގެ ޖާޒީ ނަންބަރު 15، އާދަމް ތައުފީގާއި ޖާޒީ ނަންބަރު 9، ރައުލް ނިޔާޒެވެ.
އޭގެ ފަހުން ވެސް ކަނޑިތީމުން ވަނީ މެޗްގައި ހަތަރު ލަނޑު ޖަހައިފަ އެވެ. އެ ލަނޑުތައް ކާމިޔާބުކުރީ:
- ޖާޒީ ނަންބަރު 4، އަލީ މިޒްޔާން
- ޖާޒީ ނަންބަރު 96، މުހައްމަދު އިޝާން
- ޖާޒީ ނަންބަރު 9، ރައުލް ނިޔާޒު (ފަހު ދެ ލަނޑު)
މެޗުގެ ފަހު ފަސް މިނެޓްގެ ތެރޭގައި މިލަންދޫ ޓީމުން އިތުރު ލަނޑެއް ޖެހި އެވެ. އެ ލަނޑު ޖެހީ އެ ޓީމުގެ ޖާޒީ ނަންބަރު 17، މުހައްމަދު ނިޒާހް އަލީ އެވެ. މެޗް ނިމުނީ 2-6 ން ކަނޑިތީމު މޮޅުވެގެންނެވެ.
ފައިނަލް މެޗްގެ ޝަރަފުވެރި މެހެމާނަކީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ ފައިނަލް މެޗުގައި ހެޓްރިކް ހެދި ރައުލް ނިޔާޒެވެ.
ޗެމްޕިއަން ޓީމު ކަނޑިތީމަށް ޗެމްޕިއަން ތައްޓާ އެކު 35،000 ރުފިޔާ ދީފައިވެ އެވެ. މިލަންދޫ ޓީމަށް ތައްޓާ އެކު 15،000 ރުފިޔާ ދީފައިވެ އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ބިލެތްފަހި ޓީމެވެ. އެންމެ މޮޅު ކޯޗަކަށް ހޮވީ ކަނޑިތީމްގެ ކޯޗު އަހުމަދު ފައުޒާން އެވެ. މުބާރާތުގެ ބެސްޓް ސަޕޯޓިން ޓީމަކަށް ފޭދޫ ޓީމު ހޮވި އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ މުބާރާތުގެ ކިންގްގެ މާގާމު ހާސިލްކޮށްފައިވަނީ ފައިނަލްގެ މެޗުގެ ފުރަތަމަ ލަނޑު ޖެހި މިލަންދޫ ޓީމުގެ އަހުމަދު ޝަނީ އެވެ. މުބާރާތުގައި ޖުމްލަ 8 ލަނޑު ޖެހި ޝަނީ ވަނީ ޓޮޕް ސްކޯރާގެ މަގާމު ވެސް ހާސިލްކޮށްފަ އެވެ.
އެންމެ މޮޅު ކީޕަރުގެ މަގާމު ހާސިލްކުރީ މަރޮށީ ޓީމުގެ އަބްދުالله ސައީދު އެވެ. އަދި މިބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ މަގާމު ހާސިލްކުރީ ކޮމަންޑޫ ޓީމުގެ ޖާޒީ ނަންބަރު 14، ރުބަން ހުސައިން ހަބީބް އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ:
- ކަނޑިތީމު ޓީމުގެ ޖާޒީ ނަންބަރު 9، ރައުލް ނިޔާޒު
- ކަނޑިތީމު ޓީމުގެ ޖާޒީ ނަންބަރު 5، މުހައްމަދު ނާފިއު
- މިލަންދޫ ޓީމުގެ ޖާޒީ ނަންބަރު 8، އިބްރާހީމް ސައީދު
- މަރޮށީ ޓީމުގެ ޖާޒީ ނަންބަރު 4، އަބްދުالله ނާސިފް
- ބިލެތްފަހީ ޓީމުގެ ޖާޒީ ނަންބަރު 10، އިބްރާހީމް އައިމަން