twitterviber whatsapp telegramfacebookyoutube instagram
22nd April 2026

އޭޝިއަން ބީޗް ގޭމްސްގައި ގައުމީ ދިދަ އުފުލުމުގެ ޝަރަފު ކުޅުދުއްފުށީގެ ދެ އެތްލީޓުންނަށް

ގައުމީ ދިދަ އުފުލުމުގެ ޝަރަފު ކުޅުދުއްފުށީގެ ދެ އެތްލީޓުންނަށް ލިބިގެންދިޔައިރު ރާއްޖޭގެ ކޮންޓިންޖެންޓްގެ ހެޑަކަށްވެސް ހުންނެވީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ބޭފުޅެކެވެ.

މުޙައްމަދު އަހުމަދު
Apr 22, 2026

ޗައިނާގެ ސަންޔާގެ ހައިނާން އައިލެންޑްގައި މިހާރު ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސް 2026 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ގައުމީ ދިދަ އުފުލުމުގެ ޝަރަފު ކުޅުދުއްފުށީގެ ދެ އެތްލީޓުންނަށް ލިބިއްޖެ އެވެ.

މިމަހުގެ 22 ން 30 އަށް ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ގައުމީ ދިދަ އުފުލުމުގެ ޝަރަފު ލިބިގެންދިޔައި ބީޗް އެތްލެޓިކްސް ޓީމުގެ އަހްނާ ނިޒާރު އަދި ބީޗް ހޭންޑް ބޯޅަ ޓީމުގެ ޝަމްނޫޒް މުހައްމަދު ނައީމަށެވެ. މީގެ އިތުރުން ރާއްޖޭގެ ކޮންޓިންޖެންޓްގެ ހެޑަކަށްވެސް ހުންނެވީ ކުޅުދުއްފުއްޓަށް ނިސްބަތްވާ އަހުމަދު އައުޝަން އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ހާމަކުރިގޮތުގައި ރަސްމީކޮށް އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު އަދި ސްޕޯޓްސް ކޮމިޝަނަރ މުހައްމަދު ތޮލާލް ވަނީ މިދެ އެތްލީޓުންނާއި ގައުމީ ދިދަ ހަވާލުކޮށްފަ އެވެ. މިއީ ޓީމް މޯލްޑިވްސްއަށް ލިބިގެންދިޔަ ބޮޑު ފަހުރެއްކަން އެމްއޯސީން ފާހަގަކުރެއްވި އެވެ.

މި ލިބުނު ޝަރަފާ ގުޅިގެން ވާހަކަދައްކަމުން އަހްނާ ނިޒާރު ބުނީ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގައި ފްލެގް ބެރިއާއަކަށް ވުމަކީ ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އަދި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ބައިވެރިވެވިފައި ހުރިއިރު މިފަހަރު ދިދަ ހިފަހައްޓާލަން ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށް ވެސް އަހްނާ ބުންޏެވެ. އަދި އޭނާ ވަނީ މިފުރުސަތު ދެއްވީތީ އެމްއޯސީއަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފަ އެވެ.

"މިއީ އަޅުގަނޑު ވެސް ދުވަހަކުވެސް ހުވަފެނުން ވެސް ނުދެކޭވަރުގެ ޝަރަފެއް. އަޅުގަނޑު އެދެނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެންގެ ހުރިހާ ކުޅިވަރުތަކަކަށް ސަޕޯޓްކޮށްދިނުމަށް" އެމްއޯސީއަށް ޝުކުރުއަދާކުރަމުން ޝަމްނޫޒް ބުނެފައިވެ އެވެ.

އަދި އެއާއެކު މިޝަރަފު ކުޅުދުއްފުށީގެ ދެ އެތްލީޓުންނަށް ލިބިގެންދިޔުމަކީ މުޅި ކުޅުދުއްފުއްޓަށް ވެސް ލިބިގެންދިޔަ ބޮޑު ފަހުރެކެވެ. އެންމެ ފުރަތަމަ މެޗުގައި ބީޗް ހޭންޑްބޯޅައިގައި ރާއްޖެއިން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދި މެޗުގައި 14 ޕޮއިންޓް ހޯދައިދީ އެންމެ މޮޅު ކުޅުމެއް ދެއްކި އެތްލީޓަކީ ވެސް ޝަމްނޫޒް ކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355