މިއަދު ހެނދުނު ރާއްޖެގަޑިން 9 ޖަހާއިރު ކުޅެވުނު އޭޝިއަން ބީޗް ގޭމްސް 2026 ގެ ބީޗް ހޭންޑްބޯޅަ މެޗުން މޮންގޯލިއާގެ މައްޗަށް ދިވެހިރާއްޖެއިން ކުރިހޯދައިިފި އެވެ.
ބީޗް ހޭންޑްބޯޅައިގައި ރާއްޖޭގެ 3 ވަނަ މެޗުގައި މިއަދު ނުކުތީ މޮންގޯލިއާއާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި 2 - 1 ން ބަންގްލަދޭޝް ބަލިކޮށް ދެވަނަ މެޗުން 2 - 0 ން ޖޯޑަން އަތުން ރާއްޖެ ބަލިވި އެވެ. ދެވަނަ މެޗުންވީ ބަލިވި ނަމަވެސް ހިތްވަރާއެކު ދިވެހި ޓީމު ނުކުމެ މޮންގޯލިއާގެ މައްޗަށް މިވަނީ ފަހަތުން އަރާ 2 - 1 ން ކުރިހޯދާފަ އެވެ.
މިއަދުގެ މެޗުގައި ދިވެހި ޓީމުން ވަނީ ވަރަށް މޮޅަށް ކުޅެފަ އެވެ. ފުރަތަމަ ޕީރިއަޑުގައި 13 - 11 ން މޮންގޯލިއާ ކާމިޔާބުކުރި ނަމަވެސް ރާއްޖެއިން ވަނީ ދެވަނަ ޕީރިއަޑް 13 - 9 ން ކާމިޔާބުކޮށް ނަތީޖާ 1 - 1 ން އެއްވަރުކޮށް މެޗު ޝޫޓްއައުޓަށް ގެންގޮސްދީފަ އެވެ.
ރާއްޖެ ކުޅުންތެރިންގެ މަސައްކަތާއި އަދި ހާއްސަކޮށް ކީޕަރު އަހްމީމް އަލީގެ ހުނަރުވެރިކަމާއެކު ރާއްޖެއިން 8 - 6 ން ޝޫޓްއައުޓް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ މޮޅު މިވަނީ ހޯދާފަ އެވެ. ކުޅުނު 3 މެޗުގެ ތެރެއިން ރާއްޖެ ދެމެޗުން މޮޅުވިއިރު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.
ހުކުރު ދުވަހު ރާއްޖެއިން ނުކުންނަން ޖެހޭނީ އޮމާން އަދި ތައިލޭންޑާ ދެކޮޅަށެވެ. ހޮނިހިރު ދުވަހު ޕާކިސްތާނާއި ދެކޮޅަށް ނުކުންނައިރު އާދިއްތަ ދުވަހު ނުުކުންނާނީ ގަތަރާއި ދެކޮޅަށެވެ.
ރާއްޖޭގެ ގްރޫޕަށް ބަލާލާއިރު އޮމާން އަދި ގަތަރަކީ 2024 ވަނަ އަހަރު ހޭންޑް ބޯލް ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރި ދެޓީމުކަން ފާހަގަކޮށްލެވެ އެވެ. އަދި އޮމާނުން މިއަހަރުގެ ދުނިޔޭގެ މުބާރާތުގައި ވެސް ވާދަކުރާނެ އެވެ.
މުބާރާތުގެ އެހެން ކުޅިވަރުތަކަށް ބަލާލާއިރު މިއަދު ފިރިހެން ބީޗް ވޮލީބޯލްގައި ރާއްޖޭގެ ޕެއާ ވަނީ ގަތަރުގެ ޕެއާ އަތުން 2 - 0 ން ބަލިވެފަ އެވެ. ރާއްޖެއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް މި މެޗު ކާމިޔާބުކޮށްފައިވަނީ ގަތަރުންނެވެ.
އަންހެން ބީޗް ވޮލީގެ އެއް ޕެއާ ޖަޕާނު އަތުން ބަލިވިއިރު އަނެއް ޕެއާ ވެސް ސީދާ ދެ ސެޓުން އިންޑޮނޭޝިއާ އަތުން ބަލިވީ އެވެ. ދެވަނަ ފިރިހެން ޕެއާ ވެސް ޖަޕާނު އަތުން ވަނީ ސީދާ ދެ ސެޓުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. ވޮލީބޯޅައިގައި އަދި ރާއްޖެއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް ދިވެހި ކުޅުންތެރިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންކަން ފާހަގަކޮށްލެވެ އެވެ.




