twitterviber whatsapp telegramfacebookyoutube instagram
7th September 2026

މޯލްޑިވްސް އެކުއަތުލޯން ޗެމްޕިއަންޝިޕް މިއަހަރު ކުޅުދުއްފުށީގައި ބާއްވަން އިއުލާންކޮށް ބައިވެރިވާން ހުޅުވާލައިފި

Sep 7, 2026

ސްވިމް މޯލްޑިވްސް އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އެކުއަތުލޯން ޗެމްޕިއަންޝިޕް 2026" ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މުބާރާތުގެ ވަކިވަކި ފަރުދުންގެ (އިންޑިވިޖުއަލް) ރޭސްތައް 13 ނޮވެންބަރު 2026 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޓީމް ރިލޭ ރޭސްތައް ކުރިއަށްދާނީ 14 ނޮވެންބަރު 2026 ވާ ހޮނިހިރު ދުވަހުއެވެ.

އެކުއަތުލޯނަކީ ފެތުމާއި ދުވުން އެކުލެވިގެންވާ މަލްޓި-ސްޕޯޓްސް އިވެންޓެވެ. މި މުބާރާތުގައި އެތުލީޓުން ފުރަތަމަ ފެތުމުގެ ބައި ފުރިހަމަކުރުމަށްފަހު، ފަތާ ނިންމާ ގޮތަށް ބީޗުގައި ހުރެ ބޫޓަށް އަރައިގެން ދުވުމުގެ ބައި ފުރިހަމަކުރާނީ އެވެ. މުބާރާތުން މޮޅުވާނީ މި ދެ ބައި އެއްކޮށް އެންމެ އަވަހަށް ނިންމާ އެތުލީޓެކެވެ. އެހެންކަމުން، މި ރޭހުގައި ކާމިޔާބު ހޯދުމަށް ފެތުމާއި ދުވުމުގެ ހުނަރުވެސް އެއްވަރަކަށް މުހިންމުވެގެންދެއެވެ. މިއީ މިވަގުތު ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި މަލްޓި-ސްޕޯޓްސް އިވެންޓެވެ.

މިއީ މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. އެގޮތުން މިދިޔަ 2025 ވަނަ އަހަރުގެ ނޮވެންބަރުމަހު މި މުބާރާތް ބާއްވާފައިވަނީ ކ. މާފުށީގައެވެ.

ސްވިމް މޯލްޑިވްސްގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތުލީޓުންނަށް ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެހެންކަމުން، ކޮންމެ އަހަރަކުވެސް ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުގައި މި މުބާރާތް ބޭއްވުމަށް ވަނީ ރޭވިފައެވެ.

ފުރަތަމަ ގިންތިއަކީ 'އެލީޓް' ކެޓަގަރީއެވެ. މި ބައިގައި ހިމެނެނީ 1 ކިލޯމީޓަރުގެ ފެތުމަކާއި 5 ކިލޯމީޓަރުގެ ދުވުމެކެވެ. މިއީ މައިގަނޑު ގޮތެއްގައި ބޮޑެތި މީހުންނަށް އަމާޒުކޮށް، 15 އަހަރުން މަތީގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ބައެކެވެ. ނަމަވެސް، މި އުމުރަށްވުރެ ހަގު ކުދިންނަށްވެސް މި ގިންތީގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ދެވަނަ ގިންތިއަކީ 'ސްޕްރިންޓް' ކެޓަގަރީއެވެ. މިއީ ހާއްސަކޮށް 15 އަހަރުން ދަށުގެ ކުދިންނަށް ފަރުމާކޮށްފައިވާ ބައެކެވެ. މި ބައިގައި ހިމެނެނީ 500 މީޓަރުގެ ފެތުމަކާއި 2.5 ކިލޯމީޓަރުގެ ދުވުމެކެވެ. މި ގިންތީގައި 15 އަހަރުން މަތީގެ ފަރާތްތަކަށް ބައިވެރިވެވުނު ކަމުގައިވިޔަސް، ވަނަވަނަ ހޮވުމުގައި ބަލާނީ ހަމައެކަނި 15 އަހަރުން ދަށުގެ ބައިވެރިންނަށެވެ.

ތިންވަނަ ގިންތިއަކީ 'ޑިސްކަވަރ އެކުއަތުލޯން' އެވެ. މިއީ 250 މީޓަރު ފެތުމާއި 1 ކިލޯމީޓަރު ދުވުން ހިމެނޭ، ވާދަވެރިކަމެއް ނެތް ރޭހެކެވެ. މި ބައި ހާއްސަކުރެވިފައިވަނީ ކުޑަކުދިންނާއި، މި ކުޅިވަރަށް މުޅިން އަލަށް ނުކުންނަ ފަރާތްތަކަށް ތަޖުރިބާއެއް ހޯދައިދިނުމަށެވެ.

އިންޑިވިޖުއަލް ބައިގައި ފެތުމާއި ދުވުމުގެ ބައި ފުރިހަމަކުރާނީ އެ އެތުލީޓު އަމިއްލައަށެވެ. ނަމަވެސް، ޓީމު ރިލޭ ބައިގައި ފެތުންތެރިއަކާއި ދުވުންތެރިއަކާ އެއްކޮށް ޓީމު ހަދައިގެން ބައިވެރިވެވިދާނެއެވެ. ފެތުންތެރިޔާ ފަތާ ނިންމުމުން، ދުވުންތެރިޔާ ދުވަން ފަށާނީއެވެ. ޓީމު ރިލޭ ބައިގައިވެސް ރޭހުގެ ދިގުމިންތަކާއި އުމުރު ފުރާތަކުގެ ވަނަތައް ދިނުމަށް ހަމަޖެހިފައިވަނީ އިންޑިވިދިޖުއަލް ބައެކޭ އެއްގޮތަށެވެ.

ސްވިމް މޯލްޑިވްސްގެ މައިގަނޑު އަމާޒަކީ، މި ރޭހުގެ ޒަރީޢާއިން ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ތިބި ހުނަރުވެރި ދުވުންތެރިންނާއި ފެތުންތެރިންނަށް ތަފާތު މާހައުލެއްގައި އަދި އައު ކުޅިވަރެއްގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި އަބަދު މާލެ ސަރަހައްދަށް ދަތުރުކުރަން ނުޖެހި، އަމިއްލަ ސަރަހައްދުގައި ތިބެގެން ބޮޑެތި މުބާރާތްތަކުގައި ވާދަކުރުމުގެ ދޮރު އެތުލީޓުންނަށް ހުޅުވާލަދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355