twitterviber whatsapp telegramfacebookyoutube instagram
9th September 2026

އެމްބާޕޭއަށް ޔަމާލްގެ ވަރުގަދަ ރައްދެއް: ބެލޮންޑޯ ހޯދަން ކެމްޕޭން ކުރުމުގެ ޝައުގުވެރިކަމެއް ނެތް

މުޙައްމަދު އަހުމަދު
Sep 8, 2026

ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ އިނާމު ކަމަށްވާ ބެލޮންޑޯ ހޯދުމަށްޓަކައި އެހެން ކުޅުންތެރިން ފަދައިން މީޑިއާތަކުގައި ވާހަކަދައްކައިގެން 'ކެމްޕޭން' ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، އެ އެވޯޑު ހޯދަން އެހެން މީހުންގެ ކައިރީގައި 'ސަލާމްޖަހަން' ނުޖެހޭނެ ކަމަށް ބާސެލޯނާ އާއި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ބުނެފި އެވެ.

އިޓަލީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރިޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ޔަމާލް ވަނީ ރެއާލް މެޑްރިޑްގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ދާދިފަހުން ބެލޮންޑޯއާ ގުޅޭގޮތުން ދެއްކި ވާހަކަތަކަށް ސީދާ ރައްދެއް ދީފަ އެވެ.

މީގެ ކުރިން އެމްބާޕޭ ބުނެފައިވަނީ އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އަބަދުވެސް ގަބޫލުކުރާ ކަމަށާއި، މި އަހަރުގެ ބެލޮންޑޯ އޭނާއަށް ހައްގުވާ މިންވަރަށް ގޯލުޖަހައި ކާމިޔާބީތައް ހޯދާފައިވާ ކަމަށެވެ. ނަމަވެސް އެމްބާޕޭގެ މި ވާހަކަތަކަށް އިޝާރާތްކޮށް ޔަމާލް ބުނީ، "އަހަރެން މިއީ އެވޯޑަށް އެންމެ ހައްގުވާ މީހާއޭ ބުނެ އެކަން ސާބިތުކޮށްދޭން އެހެން މީހުންނަށް ވިސްނައިދޭކަށް ނޫޅޭނަން. ކޮންމެ މީހަކަށްވެސް އެމީހަކު ދެކެން ބޭނުންވާ ގޮތަކަށް ކަންކަން ދެކުމުގެ ހައްގު އޮންނާނެ." ޔަމާލް އިތުރަށް ބުނީ ބެލޮންޑޯ ކާމިޔާބުކުރުމަކީ ސީދާ އޭނާގެ އަތްމަތީގައި އޮތް ކަމެއް ނޫން ކަމަށާއި، އެއީ ވޯޓުދޭ ނޫސްވެރިންގެ ނިންމުމެއް ކަމަށެވެ.

"
"ބެލޮންޑޯ ލިބުން އޮތީ އަހަރެންގެ އަތްމައްޗަކު ނޫން، އެއީ ތިޔަބޭފުޅުންގެ (ނޫސްވެރިންގެ) އަތްމަތީގައި އޮތް ކަމެއް. ބާސެލޯނާ އާއި ގައުމީ ޓީމާއެކު އަހަރެން ކުރި މަސައްކަތާމެދު އިންތިހާއަށް ފަހުރުވެރިވޭ. އަހަރެމެން ވާނީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދައި، ލީގު ތަށިވެސް ދިފާއުކޮށްފައި. މިއަށްވުރެ އިތުރަށް އެދޭނެ އެއްވެސް ކަމެއް ނެތް."
ލަމީން ޔަމާލް

ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އެމްބާޕޭ ނިމިދިޔަ ސީޒަނުގައި ގިނަ ގޯލުތަކެއް ޖެހިނަމަވެސް ބޮޑު ތައްޓެއް ނުހޯދި ނިންމާލަން ޖެހުމުން، އޭނާ ބެލޮންޑޯއަށް ވަކާލާތު ކުރަމުންދާ ގޮތަށް ވަނީ މީޑިއާގެ ފާޑުކިޔުން އަމާޒުވެފަ އެވެ. އޭގެ ބަދަލުގައި، އުމުރުން އެންމެ 19 އަހަރުގެ ޔަމާލް ދައްކުވައިދިން ކެތްތެރިކަމާއި ކުޅިވަރުގެ އަހްލާގަށް ގިނަބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.

ބެލޮންޑޯ ވޯޓިންގްގައި ހެރީ ކޭން، އުސްމާން ޑެމްބެލޭ އަދި ކްވިޗާ ކްވާރަޓްސްކޭލިއާއާއެކު ޔަމާލްވެސް އެންމެ ކުރީގައި ވާދަކުރަމުންދާއިރު، އޭނާ ވަނީ މި އެވޯޑު ލިބިއްޖެނަމަ އެކަމުގެ ކްރެޑިޓް ޓީމުގެ އެހެން ކުޅުންތެރިންނަށް ދޭނެކަމަށް ބުނެފަ އެވެ. "އަހަރެން އެއްވެސް އެއްޗަކަށް އެދި ސަލާމެއް ނުޖަހާނަން. އެވޯޑު ލިބިއްޖެނަމަ، ބާސެލޯނާ އާއި ގައުމީ ޓީމުގައި އަހަރެންނާއެކު ކުޅޭ ކުޅުންތެރިންނަށް ނުހަނު ޝުކުރުވެރިވާނަން." ޔަމާލް ބުނެފައިވެ އެވެ.

ފުޓްބޯޅަ ސަޕޯޓަރުންނަށް މިއީ ފުޓްބޯޅައިގެ ނަފްސާނީ އަދި އަހްލާގީ ފިލާވަޅެކެވެ. މައިދާނުގައި ދައްކާ ހުނަރާއި ޓީމީ ކާމިޔާބީއަށްވުރެ ބޮޑަށް އަމިއްލަ ފަރުދީ އެވޯޑުތަކަށް ވަކާލާތުކުރުމުގެ ބަދަލުގައި، ކުޅިވަރުގެ ރޫހު އިސްކުރުމަކީ ޔަމާލް ފަދަ ޒުވާން ކުޅުންތެރިން ދުނިޔޭގެ އެންމެ އުހަށް ވާސިލުވަމުންދާ މައިގަނޑު ސަބަބެވެ. ޗެމްޕިއަންސް ލީގުގައި ފެޔަނޫރްޑާ ދެކޮޅަށް ބާސެލޯނާ ނުކުންނައިރު، މުޅި ދުނިޔޭގެ ނަޒަރު ހުރީ ވާހަކަދެއްކުމުގެ ބަދަލުގައި ދަނޑުމަތީގައި ސާބިތުކޮށްދޭން ތައްޔާރުވެގެން ހުރި މި ޒުވާން ޖާދޫގަރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293