twitterviber whatsapp telegramfacebookyoutube instagram
12th October 2026

ހޮންޑާ އީ-ޕްރީ ޗެމްޕިއަންޝިޕް ކުޅުދުއްފުށި އެޑިޝަން ކާމިޔާބު، ޗެމްޕިއަނަކަށް އައިމަން!

މުޙައްމަދު އަހުމަދު
Oct 12, 2026

ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ރަސްމީ ސިމް ރޭސިންގ މުބާރާތުގެ ކުޅުދުއްފުށި އެޑިޝަން އިއްޔެ ނިމިއްޖެ އެވެ. ހޮންޑާ އީ-ޕްރީ ޗެމްޕިއަންޝިޕް 2026 އަކީ ރޭސިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރް.އޭ.އެމް) އިން އިންތިޒާމުކުރާ، ރާއްޖޭގެ ފުރަތަމަ ރަސްމީ ސިމް ރޭސިންގް ޗެމްޕިއަންޝިޕެވެ. މިމުބާރާތުގެ ކުޅުދުއްފުށި އެޑިޝަން ކާމިޔާބުކޮށްފައިވަނީ އައިމަން މުހައްމަދު ނަޝީދެވެ.

58 ބައިވެރިންނާއެކު ކުޅުދުއްފުށީގައި އިއްޔެ ކާމިޔާބުކަމާއެކު ނިންމާލި މިމުބާރާތުގެ ޗެމްޕިއަންކަން (އެއްވަނަ) ހޯދާފައިވަނީ އައިމަން މުހައްމަދު ނަޝީދެވެ. އަދި ދެވަނައިގައި ރޭސް ނިންމާލީ އިސްމާއިލް ހަލަފް މުހައްމަދެވެ.

މި މުބާރާތުގެ ހަރަކާތްތައް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ކުރިއަށްދާނެ އެވެ. އެއީ ގްރޭޓަރ މާލެ، ލާމު އަތޮޅު، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލަކު ސިޓީގަ އެވެ. މި ސަރަހައްދުތަކުން ހޮވޭ ފަރާތްތަކުގެ މެދުގައި ބޭއްވޭ ބޮޑު ފައިނަލް އޮންނާނީ މިއަހަރުގެ ނޮވެމްބަރު މަހު ހުޅުމާލޭގަ އެވެ. އާރްއޭއެމުން މިމުބާރާތް ކުރިއަށް ގެންދަނީ އަންހެން އަދި ފިރިހެން ދެ ޖިންސަށްވެސް ވާދަކުރެވޭ ގޮތަށެވެ. ދެން އެންމެ އަވަހަށް ކުރިއަށް ގެންދަން ރޭވިފައިވަނީ ފުވައްމުލަކު އެޑިޝަން އެވެ. ފުވައްމުލަކު އެޑިޝަން ފެށުމަށް ތާވަލުކުރެވިފައިވަނީ މިމަހު 23 ގަ އެވެ. މިހާތަނަށް ގްރޭޓާ މާލެ އަދި ލާމު އެޑިޝަން ވަނީ ނިމިގެން ގޮސްފަ އެވެ.

ވާރޗުއަލް މޮޓޯސްޕޯޓްސްގެ ސިމް ރޭސިންގް (ސިމިއުލޭޝަން ރޭސިންގް) އަކީ މޮޓޯސްޕޯޓްސްގެ އަސްލު ތަޖުރިބާ ހޯދައިދޭ، ވާދަވެރި އީ-ސްޕޯޓްސްއެކެވެ. މީގައި ކާރު ދުއްވުމުގެ ހަގީގީ ފިޒިކްސް، އެގޮތުން ޓަޔަރުގެ ގްރިޕް، ބަރުދަން ބަދަލުވާގޮތް އަދި ބްރޭކް ޖެހުމުގެ އުކުޅުތައް ހިމެނެ އެވެ. މިއީ މޮޓޯސްޕޯޓްސްގެ އެންމެ ފުރަތަމަ ފެށުމެވެ.

ކޮންމެ ސަރަހައްދަކުން ހޮވޭ އެންމެ މޮޅު ދެ ބައިވެރިންނަށް (ޗެމްޕިއަން އަދި ރަނަރ-އަޕް) ނޮވެމްބަރު 2026 ގައި ހުޅުމާލޭގައި ބާއްވާ ފައިނަލުން ފުރުސަތު ލިބޭނެ އެވެ. މި ފައިނަލުގައި ޖުމްލަ 8 ބައިވެރިން ވާދަކޮށް، ރާއްޖޭގެ ފުރަތަމަ ސިމް ރޭސިންގް ޗެމްޕިއަން ހޮވޭނެ އެވެ.

މިމުބާރާތުގެ ޓްރެކަކީ ސިލްވަަސްޓޯން ޖީޕީ (އެސެޓޯ ކޯސާ ޕްލެޓްފޯމް) އެވެ. ރޭސް ކުރިއަށް ގެންދިޔަ ގޮތަށް ބަލާއިރު ބައިވެރިންނަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި، ޓްރެކުގައި އެންމެ ހަލުވި ލެޕެއް ނިންމުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ. ލީޑަރބޯޑުގައި ބައިވެރިއަކަށް ލިބޭނެ މަގާމު ކަނޑައެޅޭނީ މުޅި ދުވަހުގެ ތެރޭގައި އެ ބައިވެރިއަކު ފުރިހަމަކުރި އެންމެ ހަލުވި ލެޕްގެ ވަގުތަށް ބަލައިގެންނެވެ.

އަދި ކުޅުދުއްފުށި އެޑިޝަނުން މިކާމިޔާބީ ހޯދާ ޗެމްޕިއަންކަން ގެންގޮސްފައިވަނީ އައިމަން އެވެ. ދެވަނަ ހޯދި ހަލަފު އަދި އެއްވަނައަށް ދިޔަ އައިމަންއަށް ވަނީ ނޮވެމްބަރުގައި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ގްރޭންޑް ފައިނަލުގެ ޖާގައެއް ޔަގީންވެފަ އެވެ.

ރޭސިންގ އެސޯސިއޭޝަނުން ހާމަކުރާގޮތުގައި މިއީ ހުރިހާ ފެންވަރެއްގެ ބައިވެރިންނަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. މިއީ ސިމް ރޭސިންގް ނުވަތަ ގޭމް ކުޅުމަށް ފަރިތަ ފަރާތްތަކާއި، މޮޓޯސްޕޯޓްސްއަށް ލޯބިކުރާ ފަރާތްތަކުގެ ތެރޭގައި ތިބި ހުނަރުވެރި ދުއްވުންތެރިން ދެނެގަތުމަށް ބާއްވާ ހަރަކާތެެއް ކަމަށް އެ އެސޯސިއޭޝަނުން ވިދާޅުވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293