ދުނިޔޭގެ އެންމެ ބޮޑު އެއް ވިޔަފާރި މަޖައްލާ "ފޯބްސް" އިން ހޮވި މި އަހަރުގެ ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެ އެވެ.
ފޯބްސް އާއި މާކެޓް ރިސާޗް ފާމް "ސްޓެޓިސްޓާ" ގުޅިގެން އެކުލަވާލި މި ރޭންކިންގެ ފުރަތަމަ އެޑިޝަންގައި 89 ގައުމަކުން 500 ބޭންކެއް ހޮވުނެވެ. އޭގެ ތެރޭގައި ބީއެމްއެލް ވެސް ހިމެނެ އެވެ.
އެންމެ ހިންގުންތެރި ބޭންކު ވަޒަަން ކުރުމަށް މާލީ އަދި ހިންގުމުގެ ދާއިރާގެ މުހިންމު ހަތަރު މިންގަނޑަކަށް ބަލާފައިވެ އެވެ. އެއީ ފައިދާ ލިބޭ މިންވަރާއި ކުރިއެރުމާއި އާމްދަނީގެ ފެންވަރާއި ރައުސްމާލާއި ފަންޑިންގެ ވަރުގަދަކަން އަދި އެސެޓްގެ ފެންވަރާއި ހިންގުންތެރިކަމެވެ.
މި ލިސްޓުގައި ބީއެމްއެލްގެ އިތުރުން މޯގަން ޗޭސް، ޑީބީއެސް، އޯސީބީސީ އަދި އެޗްޑީއެފްސީ ބޭންކް ފަދަ ދުނިޔޭގެ ބޮޑެތި ބޭންކުތައް ހިމެނެ އެވެ.
އެ ލިސްޓު ހަ ގިންތިއަކަށް ބަހާލާފައިވާއިރު ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް ތިން ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހުރި ބޭންކުތައް ހިމެނޭ ހަ ވަނަ ފަންތީގަ އެވެ. އެ ޓިއާގައި ބީއެމްއެލް ވަޒަން ކޮށްފައިވަނީ އެހެން ގައުމުތަކުގައި ހުރި އެ ބޭންކާ އެއްވަރުގެ މާލީ އިދާރާތަކާ އަޅައިކިޔައިގެންނެވެ.
އެކަމާ ގުޅިގެން ބީއެމްއެލް އިން ބުނީ، މި ކާމިޔާބީން ދޭހަކޮށްދެނީ މިއަދުގެ ބަދަލުވަމުންދާ ދުނިޔޭގެ ބޭންކިން މާހައުލުގައި އެ ބޭންކުގެ މާލީ ނަތީޖާގެ ވަރުގަދަކަމާއި ހަރުދަނާ ރިސްކް މެނޭޖްމަންޓާއި ލޯނު ދޫކުރުމުގެ އުސޫލުތަކުގެ އިތުރުން، ދެމެހެއްޓެނިވި ކުރިއެރުމާއި ބޭންކުގެ ބެލެންސް ޝީޓުގެ ހަރުދަނާކަން ކަމަށެވެ.
"އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފުރިހަމަ އިތުބާރާއެކު ބޭންކިން ހިދުމަތް ހޯދޭނެ އަދި ހިއްސާދާރުންނަށް ބޭންކުން ހޯދައިދޭ ކުރިއެރުން މިވަނީ ސާބިތުވެފައި. ގައުމީ ބޭންކުގެ ހައިސިއްޔަތުން، ރާއްޖޭގެ އިގްތިސާދަށްޓަކައި އަޅުގަނޑުމެން އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އުފުލައި، ބޭންކުގެ ބިންގާ ވަރުގަދަކޮށް، މުވައްޒަފުންނާއި ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް، ވިޔަފާރިތަކާއި މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރުމުގައި ދެމިތިބޭނަން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.




