twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް: ހޮސްޕިޓަލު އަތުން ޕޯޓްސް މޮޅުވިއިރު އެމްޑަބްލިޔުއެސްސީގެ އަތުން ޔުޓިލިޓީސް ކުންފުންޏަށް ތަފާތު ބޮޑު މޮޅެއް

Oct 18, 2011

ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އޮފީސްތަކަށާއި ކުންފުނިތަކަށް އަމާޒުކޮށްގެން މިހާރު ކުރިއަށްދާ ފުޓްސަލް މުބާރާތުގައި، މިރޭ ހޮސްޕިޓަލާއި ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑް ބައްދަލުކުރި މެޗުން ޕޯޓްސް ލިމިޓެޑް މޮޅުވިއިރު، އެމްޑަބްލިޔުއެސްސީގެ ގޯލަށް 11 ލަނޑު ޖަހައިގެން ޔުޓިލިޓީސް ކުންފުނި ބޮޑު ތަފާތަކުން މޮޅުވެއްޖެ އެވެ.

މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި އެމްޑަބްލިޔުއެސްސީ އާއި ޔުޓިލިޓީސް ކުންފުނި ބައްދަލުކުރި މެޗުގައި ޔުޓިލިޓީސް ކުންފުނީގެ ހަސަން ޚާލިދު ވަނީ ޑަބަލް ހެޓްރިކް ހަދާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި އެވެ. ހަސަން ޚާލިދު މިރޭގެ މެޗުގައި ޖުމްލަ 7 ލަނޑު ޖަހާފައި ވެއެވެ. 11 ލަނޑު 0 ލަނޑުން ޔުޓިލިޓީސް ކުންފުނި މޮޅުވި މިމެޗުގައި އެޓީމަށް އާދަމް އަބްދުﷲ އާއި މޫސާ ފަތުހީ ވަނީ ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ޖަހާފައި އެވެ.

މިރޭގެ ނަތީޖާއާ އެކު މިމުބާރާތުގައި 19 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑުޖެހި ޓީމަކަށް ވެފައިވަނީވެސް ޔުޓިލިޓީސް ކުންފުނީގެ ޓީމެވެ.

މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް 4 ގެ ހޮސްޕިޓަލް ޓީމާއި ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑްގެ ޓީމެވެ. މިމެޗް 3-1 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑްގެ ޓީމެވެ.

މިމެޗުގެ ފުރަތަމަ ގޯލު ފެނިފައިވަނީ މެޗު ފެށުނުތާ 6 ވަނަ މިނިޓްގެ ތެރޭގައި ޕޯޓްސް ލިމިޓެޑްގެ ހަސަން އާދަމް ޖެހި ލަނޑުންނެވެ. އޭގެ 6 މިނިޓް ފަހުން ޕޯޓްސް ލިމިޓެޑްގެ ދެވަނަ ލަނޑު ޖަހާދީފައިވަނީ އެޓީމުގެ އަބްދުއްރަހީމް އަލީ އެވެ. ހޮސްޕިޓަލުގެ ޓީމު ޖެހި ހަމައެކަނި ލަނޑު މެޗުގެ 15 ވަނަ މިނިޓްގައި ޖަހާދީފައިވަނީ ހޮސްޕިޓަލު ޓީމުގެ އަހުމަދު ގާސިމެވެ. މެޗުގެ ފަހު ލަނޑު ޕޯޓްސް ލިމިޓެޑްގެ ޓީމަށް  ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ އަލީ ޒިޔާދެވެ.

ގްރޫޕް 4 ގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު 5 ޕޮއިންޓާއެކު އެއްވަނާގައި އޮތީ ހޮސްޕިޓަލުގެ ޓީމެވެ. މިގްރޫޕުގައި ހިމެނޭ ކަސްޓަމްސް އަށާއި ޕޯޓްސް ލިމިޓެޑަށް ލިބިފައިވަނީ ކޮންމެ ޓީމަކަށް 4 ޕޮއިންޓެވެ. މިގްރޫޕުން ހޮސްޕިޓަލުގެ ޓީމު ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައިވާއިރު ދެން އެގްރޫޕުން ކުއާޓަރ ފައިނަލަށް ދާނެ ޓީމެއް ކަށަވަރު ވާނީ ކަސްޓަމްސްއާ ޕޯޓްސް ލިމިޓެޑް ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355