twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޒިޒްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް: ފޯރިގަދަ މެޗަކަށް ފަހު ޖަލާލުއްދީން އަތުން އެސްޓީއޯ މޮޅުވެއްޖެ

Oct 20, 2011

– ޕޮލިހާއި އެމްއާރުޑީސީގެ މެޗުން މޮޅުވީ ޕޮލިސް.

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ރޭގެ ފުރަތަމަ މެޗުގައި އެސްޓީއޯއާއި ޖަލާލުއްދީން ސްކޫލު ބައްދަލުކޮށް ފޯރިގަދަ ކުޅުމަކަށްފަހު އެސްޓީއޯ މެޗު ކާމިޔާބު ކޮށްފިއެވެ.

އެސްޓީއޯ އާއި ޖަލާލުއްދީން ސްކޫލުގެ މެޗުން އެސްޓީއޯ މޮޅުވީ 6-8 ކުންނެވެ. ރޭގެ މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާފައި ވަނީ ދެވަނަ މިނެޓްގައި ޖަލާލުއްދީން ސްކޫލުގެ އަބްދު ﷲ އާދަމް އެވެ. ނަމަވެސް އޭގެ ދެމިނެޓް ފަހުން އެސްޓީއޯގެ އިބްރާހިމް އާސިފް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަކޮށްފައެވެ. ދެންވެސް ފެނިގެން ދިޔައީ ޖަލާލުއްދީންގެ ޓީމުން ލީޑު ނެގިތަނެވެ. މިފަހަރު ލަނޑު ޖަހައިދިނީ 6 ވަނަ މިނެޓްގައި ހަސަން ސޮބާއެވެ. އޭގެ ފަސް މިނެޓް ފަހުން 9 ވަނަ މިނެޓް ގައި އިބްރާހިމް އާސިފް ގޯލެއް ޖަހައި އެސްޓީއޯއަށް އެއްވަރު ކޮށްދިނެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އާސިފް އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ހޯދައިދިނެވެ. އެއަށްފަހު އެސްޓީއޯގެ އިބްރާހިމް ރަޝީދު ވެސް ގޯލެއް ޖަހައި އެސްޓީއޯގެ ލީޑު ފުޅާކުރިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަސަން ސޮބާ ގޯލެއް ޖަހައި އަނެއްކާވެސް ލީޑު ހަނިކޮށްލިއެވެ.

ދެވަނަ ހާފު ފެށިގެން ދެޓީމުންވެސް ހަމަލާތައް އުފައްދަމުން ދިޔައެވެ. ނަތީޖާ އަކަށްވީ 29 ވަނަ މިނެޓްގައި ޖަލާލުއްދީން ގެ ލޯރެންސް ޑެލަސް ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަކުރުމެވެ. ނަމަވެސް ދެން ފެނިގެން ދިޔައީ އެސްޓީއޯ ކުރިހޯދަން ފެށިތަނެވެ. އާސިފް އާއި އިބްރާހިމް ރަޝީދު ވަނީ މިހާފުގައި ކޮންމެ ކުޅުންތެރިޔަކު އިތުރު ދެ ގޯލު ޖަހައިފައެވެ. ޖަލާލުއްދީންގެ ގޯލުތައް ޖަހައިދިނީ އަބްދު ﷲ އާދަމް އާއި ސޮބާއެވެ.

މިމެޗުގައި އެސްޓީއޯގެ އާސިފް ފަސްގޯލުޖަހައި، އިބްރާހިމް ރަޝީދު ތިން ގޯލު ޖެހި ކަމުގައި ވިޔަސް، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖަލާލުއްދީން ޓީމުގައި މޮޅު ކުޅުމެއް ދައްކައި 3 ގޯލު ޖެހި ސޮބާއެވެ.

އެސްޓީއޯގެ މިމޮޅާއެކު އެޓީމު ވަނީ ގްރޫޕް 2 ގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ހޮވިފައެވެ. ކުއާޓަރ ފައިނަލުގައި އެސްޓީއޯ ބައްދަލު ކުރަން ޖެހޭނީ ގްރޫޕް 1 ގެ އެއްވަނަ ޕޮލިސް ޓީމާއެވެ.

ދެވަނަ ބުރުގެ ޖާގަ ކުރިންވެސް ކަށަވަރު ވެފައި އޮތް ޕޮލިސް ޓީމު ރޭ އެމްއާރުޑީސީ އާ ބައްދަލުކޮށް މޮޅުވެފައި ވަނީ 7-2 ކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިހުގެ ފަރުހަތު މުހައްމަދެވެ.

މިމުބާރާތުގައި މިރޭ ކުޅެވޭ ފޯރި ގަދަ ވާނެކަމަށް ބެލެވޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ކުޅުދުއްފުށި ޕޯޓް އާއި ކަސްޓަމްސް އެވެ. ދެވަނަ މެޗުގައި އަފީފުއްދީން ސްކޫލާއި ތައުލީމީ މަރުކަޒު ބައްދަލު ކުރާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355