.
ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި 5-1 ކުން ކުޅުދުއްފުށީ ޕޮލިސް ބަލިކޮށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިން ޗެމްޕިއަންކަން ހޯދައިފިއެވެ.
ދެޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ގިނަ އަދަދެއްގެ ބެލުންތެރިން ދަނޑަށް ހާޒިރުވި ފޯރިގަދަ މިރޭގެ ފައިނަލް މެޗު ފަށައިގެން ފުރަތަމަ ދެތިން މިނެޓްގައި ފެނިގެން ދިޔައީ ޕޮލިސް ޓީމުން މެޗު ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުން ދިޔަތަނެވެ. މުބާރާތުގެ ފައިނަލް މެޗާ ކުރިމަތިލަނީ އެއްވެސް އިންޖަރީއެއް ނެތި ހުރިހާ ކުޅުންތެރިން ފިޓުކޮށް ތިބެކަމަށް މެޗުފެށުމުގެ ކުރިން ކޯޗު އިންޓަވިއު ދިން ޕޮލިސް ޓީމުން ދެމުން ދިޔަ ހަމަލާތަކުގެ ނަތީޖާއަކަށްވީ އެޓީމުގެ އަހުމަދު މުހައްމަދު ފޮނުވާލި ހަމަލާ ހޮސްޕިޓަލް ޓީމުގެ ކީޕަރ ގުއްދޫސްގެ އަތްދަށުން ގޯލުތެރެއަށް ވަދެ ލީޑު ހޯދުމެވެ. އެލީޑަށް ފަހުވެސް ޕޮލިސް ޓީމުން ހަމަލާތައް ދެމުން ގެންދިޔައެވެ.
ނަމަވެސް ފުރަތަމަ ހާފުގެ މެދާ ހަމައަށް ކުޅެވުނު ތަނާ ހޮސްޕިޓަލް ޓީމުން ވަނީ ގޭމުގެ ތެރެއަށް ވަދެ މެޗު ކޮންޓްރޯލް ކުރަން ފަށާފައެވެ. އަދި ވަރަށް ރީތި ޕާސްތަކެއް ޖެހުމަށްފަހު އެޓީމުގެ އަހުމަދު ގާސިމް ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ވެގެން ދިޔައެވެ. އަދި އެއަށްފަހުވެސް ނުރައްކާތެރި ހަމަލާތަކެއް ދެޓީމުންވެސް އުފައްދަމުން ދިޔަކަމުގައި ވިޔަސް މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-1 ކުން އެއްވަރު ވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ދެޓީމުންވެސް ވާދަވެރި ކުޅުމެއް ދައްކަމުން ދިޔައެވެ. ދެވަނަ ހާފުގެ މެދެއްހައި ހިސާބުގައި ޕޮލިސް ޓީމުގެ ފަރުހަތު މުހައްމަދަށް ދެރީނދޫ ކާޑު ހަމަވެ ރަތްކާޑެއް ދެއްކުމުން އެޓީމުން ކުޅެފައި ވަނީ ދެމިނެޓް ވަންދެން އެއް ކުޅުންތެރިއެއް މަދު ކޮންނެވެ. އަދި މިވަގުތު ކޮޅުވެ ތެރޭގައި ހޮސްޕިޓަލް ޓީމުގެ ކުޅުންތެރިންވަނީ ހަމަލާތައް އުފައްދާ ޕޮލިސް ޓީމު ޕްރެޝަރަށް ވައްޓާލައިފައެވެ. ދެމިނެޓް ހަމަވުމުން ޕޮލިސް ޓީމުގެ ފަރުހަތު ކުޅެން އެރި ކަމުގައި ވިޔަސް، އެ ޕްރެޝަރުގަނޑުގެ ތެރޭ ހޮސްޕިޓަލް ގެ އަހުމަދު ގާސިމް ވަނީ ގޯލެއް ޖަހައި ހޮސްޕިޓަލް އަށް ލީޑު ހޯދައިދީފައެވެ. އެއަށްފަހު ދެން ފެނިގެން ދިޔައީ ހޮސްޕިޓަލް ޓީމުން މެޗު ޑޮމިނޭޓްކޮށް ފުލުފުލުގައި ލަނޑު ޖަހަން ފެށިތަނެވެ. އަހުމަދު ގާސިމް އިތުރު ދެގޯލު ޖެހިއިރު ހޮސްޕިޓަލްގެ ފަސްވަނަ ގޯލް ޖަހައިދިނީ އަހުމަދު އާދަމް (ބާޑޭ) އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަށް ހޮވުނީ މެޗުގައި ހަތަރު ލަނޑު ޖެހި ހޮސްޕިޓަލްގެ އަހުމަދު ގާސިމްއެވެ.
މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ގޮތުގައި ދެކުޅުންތެރިން ހޮވިފައިވެއެވެ. އެއީ ހޮސްޕިޓަލްގެ އަހުމަދު ގާސިމް އާއި އަފީފުއްދީން ސްކޫލުގެ އަހުމަދު މޫސާއެވެ. މުބާރާތުގެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ޔޫޓިލިޓީސްގެ ހަސަން ހާލިދެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ އެސްޓީއޯއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ހޮސްޕިޓަލްގެ ގޯލް ކީޕަރ އަބްދުލް ގުއްދޫސް އާއި އެޓީމުގެ އަހުމަދު ގާސިމްގެ އިތުރުން ޕޯޓްގެ މުހައްމަދު ހަސަން އާއި ޕޮލިސްގެ ފަރުހަތު މުހައްމަދު އަދި ދިރާގުގެ އަހުމަދު ދާއޫދެވެ.