– ފައިނަލް މެޗުން ބަލިވީ ނަސީބު ނެތުމުން: ޕޮލިސް ޓީމުގެ ކޯޗު
އިބްރާހިމް ހަމީދު
ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުން މޮޅުވެ ޗެމްޕިއަންކަން ލިބުމުގެ ފަހަތުގައި ވަނީ ޓީމުގެ އެކުވެރިކަމާއި ކުޅުންތެރިންގެ މެދުގައި އޮންނަ އިތުބާރު ކަމަށް ރޭ ޗެމްޕިއަންކަން ހޯދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓީމުގެ މެނޭޖަރ އަބްދުލް ގަފޫރު މޫސާ ބުނެފިއެވެ.
ހޮސްޕިޓަލް ޓީމުގެ މެނޭޖަރު އަބްދުލްގަފޫރު މޫސާ ބުނީ މިރޭ މެޗުން ހޮސްޕިޓަލް ޓީމަށް ލިބިގެން ދިޔައީ ވަރަށް ފުރިހަމަ ކާމިޔާބީއެއް ކަމަށާއި ފައިނަލް މެޗުން ޓީމު ހޯދި ކާމިޔާބީއާ ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
“މިރޭ އަޅުގަނޑުމެންނަށް މިލިބުނީ ވަރަށް ފުރިހަމަ ކާމިޔާބީއެއް. މިއިން ފެނިގެން މިދިޔައީ ޓީމުގެ އެކުވެރިކަމާއި ކުޅުންތެރިންގެ މެދުގައި އޮންނަ އިތުބާރާއި ގުޅުން ރަނގަޅުކަން. މިމުބާރާތް ކޮންމެ މެޗެއް އަދި ފައިނަލު މެޗްގައިވެސް ރަނގަޅު ކާމިޔާބެއް ލިބިގެން މިދިޔައީ މެނޭޖްމަންޓާއި ސްޓާފުންގެ ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން.” މެޗަށް ފަހު ކުޅުދުއްފުށީ އޮންލައިން އަށް ދެއްވި ހާއްސަ ބަސްދީގަތުމުގައި ގަފޫރު ބުންޏެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މުބާރާތް ތަކުގައި ބައިވެރިވެގެން ހޮސްޕިޓަލު ޓީމަށް ރަގަޅު ކާމިޔާބީ ތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް މެނޭޖަރު އަބްދުލް ގަފޫރު ބުންޏެވެ. އަދި މުބާރާތުގައި ސަޕޯޓަރުން ޓީމަށް ދިން .ފުރިހަމަ ތަރުހީބަށް ޝުކުރުއަދާކުރިއެވެ
ފައިނަލް މެޗު ނިމުމުން ކުޅުދުއްފުށީ ޕޮލިސް ޓީމުގެ ކޯޗު ކުޅުދުއްފުށީ އޮންލައިނަށް ދެއްވި ބަސްދީގަތުމެއްގައި ބުނެފައި ވަނީ، މެޗުގައި ވަރަށް ރަނގަޅަށް ޕޮލިސް ޓީމު ކުޅެފައިވާ ކަމަށާއި ބަލިވީ ނަސީބު ނެތިގެން ކަމަށެވެ.
“ވަރަށް ރަނގަޅަށް ޓީމު ކުޅުން. ނަމަވެސް ނަސީބު ނެތީ. ޓީމުގެ ވަރަށް މުހިއްމު ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމާއެކު ކުޅުންތެރިންގެ ކޮންފިޑެންސް ވަނީ ގެއްލިގެން ދިޔައީ. އެދަނޑިވަޅުގެ ބޭނުން ހިފައި ހޮސްޕިޓަލް ޓީމުން ސްކޯތަކެއް ކުރީ.” ޕޮލިސް ޓީމުގެ ކޯޗު ބުންޏެވެ. “ފަހުންވެސް ރަގަޅަށް ކުޅެވޭތޯ ވަރަށް މަސައްކަތް ކުރި. ވަގުތު ކުޑަތަންވެފައި އޮތުމުގެ ސަބަބުން އެވަގުތު ކޮޅުގައި ވެސް ޓީމުގެ ކުޅުންތެރިން ރަގަޅު ކުޅުމެއް ދެއްކި. އެހެންނަމަވެސް މިރޭގެ މެޗްގައި ހަމަ ނަސީބު ނެތީ.”
ކުޅުދުއްފުށީ ޕޮލިސް ޓީމު ފައިނަލަށް ދަތުރު ކޮށްފައި ވަނީ މުބާރާތުގައި އެހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ.