twitterviber whatsapp telegramfacebookyoutube instagram
26th April 2024

އާ އަހަރެއް ފެށޭ ހިނދު

Jan 1, 2012

.

އުއްމުކުލްސޫމް އިބްރާހިމް

އުފާވެރި އާ އަހަރުގެ ހެޔޮއެދުމާ ތަހުނިޔާ ރާއްޖޭގެ އެންމެހާ އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ. މިފަދަ ކޮންމެ ދުވަހަކީ އަޅުގަނޑުމެން ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންދާ ދުވަހެކެވެ. އެކަކު އަނެކަކަށް ތަހުނިޔާ ކިޔާ ހަދިޔާ ބަދަލު ކުރުމަކީ މިހާރަކަށް އައިސް އާންމުކަމެކެވެ.

ދިރިއުޅުމުގައި ކޮންމެ ދުވަހަކީވެސް އާ ކަންތައްތަކާވެސް ކުރިމަތިލާން ޖެހޭ ދުވަހެކެވެ. ހެނދުނު ނިދިން ހޭލާއިރު އެދުވަހު ތިމާ ކުރިމަތިލާން ޖެހޭނީ ކޮންކަންތައްތަކަކާއި ކަމެއް އެކަކަށްވެސް ނޭގެއެވެ. އެހެން ނަމަވެސް އެހުރިހާ ކަމަކާއި ކުރިމަތިލަމުން އެދުވަސް ވެސް ނިމިދެއެވެ. ދިރިއުޅުމަކީ މިކަހަލަ އެއްޗެކެވެ. ދިރިއުޅުމުގައި އަބަދު ތިމާއާ ކުރިމަތިވަނީ ތިމާ އެންމެ ކުރިމަތިލާން ބޭނުންވާ ކަންތައްތަކެއް ނޫނެވެ. އޭގެ ބަދަލުގައި އުފަލާ ހިތާމަޔާ ކުރިމަތިލަމުން ދިރިއުޅުން ކުރިއަށްދަނީ ތޮށަލި ދުޅަޔަށޭ ކިޔާ އުޞޫލުންނެވެ. ހަމަޔަގީނުން ވެސް ނިމިގެން މިދިޔަ އަހަރުވެސް ކަންތައްތަށް ވެގެން ދިޔައީ މިގޮތަށްކަން ތީގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް ގަބޫލުފުޅު ކުރައްވާނެއެވެ.

އަނެއްކާވެސް އާ އަހަރެއް ފެށުނީއެވެ. އާދެ! ކޮންމެ އާ އަހަރަކާއެކު އާ އުންމީދުތަކެއްވެސް ކުރެވެމުންދެއެވެ. އާ ޕްލޭން ތަކެއް ކުރެވެމުންދެއެވެ. އަހަރު ފެށޭއިރު އެއަހަރު ތިމާ ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ކަނޑައަޅަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންތޯއެވެ. އަދި އެލަނޑު ދަނޑި ހާސިލު ކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޕްލޭން ކުރަނީ ކިތައް ބޭފުޅުންތޯއެވެ. ހަމަޔަގީނުންވެސް އެއްވެސް އަމާޒެއްނެތި މަސައްކަތްކުރުމާއި ވަކި ކަމެއް ހާސިލު ކުރުމަށް ވަކި ގޮތަކަށް މަސައްކަތްކުރުމާ ހާސްބައި ތަފާތުވާނެއެވެ. މިގޮތަށް މަސައްކަތް ކުރައްވާ ބޭފުޅުންނަށް މިކަން ވަރަށް ވަރަށް ރަނގަޅަށް ގަބޫލްފުޅު ކުރެއްވޭނެއެވެ.

ދިރުއުޅުމުގެ މައިދާނުގައި ކާމިޔާބު މީހަކަށް ވުމަށްޓަކައި ތިމާ ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލް ކުރުމަށް ވަކި ޕްލޭނެއް ހަދާ އެ ޕްލޭނަށް މަސައްކަތް ކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ހަމަ އެހެންމެ ތިމާ ހާސިލް ކުރަން ބޭނުންވާ މަންޒިލަށް އެކަނޑައަޅާ މުއްދަތުގެ ތެރޭގައި ވާސިލް ނުވެވުނުކަމުގައި ވީ ނަމަވެސް ހިންދޫކޮށްނުލައި ހިތްވަރާއެކު މަސައްކަތް ކުރާ މީހުންނަކީ ހިތްވަރުގަދަ މީހުންނެވެ. އަދި ދިރިއުޅުމުގެ މައިދާނުގައި ދިމާވާ އުފަލާއި ހިތާމަޔާ ކުރިމަތިލަމުން ހިތްވަރާއެކު މަސައްކަތްކޮށް ތިމާ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލްކުރާ މީހުންނަކީ ދިރިއުޅުމުގަ ކާމިޔާބު މީހުންނެވެ.

އާދެ! އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ ބޭފުޅަކީވެސް ދިރިއުޅުމުގެ މައިދާނުގައި ކާމިޔާބު މީހަކަށް ވާންބޭނުން ވާނެ މީހެކެވެ. އެހެން ކަމުން ދިރިއުޅުމުގެ މައިދާނުގައި ހުރިހާ ގޮތަކުން ވެސް ކާމިޔާބު މީހަކަށް ވުމަށްޓަކައި ތިމާ ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ފުރަތަމަ ކަނޑައަޅާށެވެ. އަދި އެކަމަށް މަސައްކަތް ކުރާނެ ޕްލޭނެއް ތައްޔާރުކޮށް އެގޮތަށް މަސައްކަތްކުރާށެވެ. ހަމަޔަގީނުން ވެސް ކާމިޔާބީއަކީ ހިތްވަރާއެކު މަސައްކަތް ކުރާމީހުންގެ ހައްގެކެވެ. މިފެށުނު އާ އަހަރަކީ ނިމިދިޔަ އަހަރަށް ވުރެ ހުރިހާ ގޮތަކުން ކާމިޔާބު އުފާވެރި އަހަރަކަށް ހަދަން އެދޭނަމަ މިދަންނަވާލެވުނު ކަންކަމާ ދޭތެރޭ ފުންކޮށް ވިސްނާލުން ކީއްތޯ؟

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355