twitterviber whatsapp telegramfacebookyoutube instagram
24th August 2026

ޑަބްލިއުޑީސީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފައިވްއަށް، ކުއީންއަކަށް ސާދުނާ!

މުޙައްމަދު އަހުމަދު
Aug 24, 2026

ކުޅުދުއްފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށް ގެންދިޔަ 'ޑަބްލިއުޑީސީ ނެޓްބޯލް ޗެލެންޖް 2026'ގެ ޗެމްޕިއަންކަން ފައިވްއިން ހޯދައިފި އެވެ. ފައިވްއިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކޭވައިއާރުސީ ޖޫނިއާސް ބަލިކޮށްގެންނެވެ.

ރޭ ކުޅުދުއްފުށި ނެޓްބޯޅަ ދަނޑުގައި ކުޅެވުނު ފައިނަލް މެޗުގައި ކޭވައިއާރުސީ ޖޫނިއާސްގެ މައްޗަށް ފައިވްއިން ކުރިހޯދީ 29 ޕޮއިންޓް 22 ޕޮއިންޓުންނެވެ. ރޭގެ މެޗުގައި ފޯރިގަދަ އަދި އެހާމެ ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައިރު މެޗުގެ ކުއީންއަކަށް ހޮވިފައިވަނީ ފައިވްގެ ތަޖުރިބާކާރު ގޯލް ޝޫޓް ސާދުނާ އިބްރާހިމް އެވެ.

މުބާރާތުގެ އެހެން ހާއްސަ ވަނަތަކަށް ބަލާލާއިރު އެންމެ ގަދަ 7 ކުޅުންތެރިންނަށް ހޮވިފައިވަނީ ކޭވައިއާރުސީގެ ގޯލް އެޓޭކް ލަމްޔާ އަބްދުﷲ، ގޯލް ޑިފެންސް އަރޫމާ އިބްރާހިމް ހަސަން، ގޯލް ޝޫޓް ފާތިމަތު ޝައިހާ އަސްލަމް އަދި ފައިވްގެ ގޯލް ކީޕަރު ސަމާ އަބްދުއްސައްތާރުގެ އިތުރުން ގޯލް ޑިފެންސް މިންނާ ހަސަނާއި ވިންގް ޑިފެންސް އަމިނަތު ލައުޒާ އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް އަފީފުއްދީން ސްކޫލް ހޮވުނުއިރު އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ގެންދިޔައީ ކޭވައިއާރުސީ ޖޫނިއާސްގެ އަޔާނާ އަބްދުއްރަޝީދު އަހްމަދެވެ. އަދި މުޅި މުބާރާތުގައި ދެއްކި މޮޅު ކުޅުމާއެކު މުޅި މުބާރާތުގެ ކުއީންއަކަށް ހޮވުނީ ފައިވްގެ ގޯލް ޝޫޓް ސާދުނާ އިބްރާހިމް އެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ޑަބްލިއުޑީސީން 15000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރއަޕް ޓީމަށް ވަނީ 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. ކުޅުދުއްފުށީގެ އާ ނެޓްބޯޅަ ކޯޓު އެޅިފަހުން ބޭއްވި މިއީ ފުރަތަމަ މުބާރާތަށްވެގެންދިޔައިރު ކޭއޯއާ ވާހަކަ ދައްކަމުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ އަމިނަތު އިބްރާހިމް ވިދާޅުވީ މުބާރާތް ކުރިއަށް ގޮސްފައިވަނީ ވަރަށް ކާމިޔާބުކަމާއެކީ ކަމަށެވެ.

އަދި މިގޮތަށް ރޭވިގެން ނެޓްބޯޅަ މުބާރާތެއް ބޭއްވުނީ ކުޅިވަރު ނެތިގެންދާ ކަމުގެ ބިރު އޮތުމުގެ ސަބަބުންކަމަށާއި އަދި މިމުބާރާތުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށީގެ އަންހެނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް އަންހެނުންގެ ދުޅަހެޔޮ ސިއްހަތަކަށް ބާރުއެޅުމުގެ ގޮތުން ކަމަށް ރައީސާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިކަހަލަ މުބާރާތްތައް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ރައީސާ ވަނީ ދެއްވާފަ އެވެ.

މިމުބާރާތް ކުރިއަށްގެންގޮސްފައިވަނީ ޖުމްލަ 8 ޓީމަކާއެކު އެވެ. އަދި މިމުބާރާތަކީ ކުޅުދުއްފުށީގެ އަދި ކުޅުދުއްފުށީގައި ދިރިއުޅެމުންދާތާ 6 މަސްވެފައިވާ އަންހެނުންނަށް ހާއްސަކޮށްގެން ކުޅުދުއްފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން ކުރިއަށް ގެންދިޔަ ކާމިޔާބު މުބާރާތެއްކަން ފާހަގަކޮށްލެވެ އެވެ.

ދެން އެންމެ އަވަހަށް އަންހެނުންގެ މުބާރާތެއް ކުޅުދުއްފުށީގައި އޮތީ އަންނަ އޮކްޓޫބަރު މަހު ބާއްވާ ފުޓްސަލް މުބާރާތެވެ. އެއީ މިއަހަރު ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ބޭއްވެން ނެތުމުން ބަދަލުގައި ބޭއްވޭ ފިރިހެނުންނަށް އަދި އަންހެނުންނަށް ވަކިން ހާއްސަކުރެވިގެން ބޭއްވޭ ފުޓްސަލް މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355