twitterviber whatsapp telegramfacebookyoutube instagram
8th July 2026

ހަނިމާދޫ އެއާޕޯޓަށް ބޭނުމީ ބޮޑެތި ފްލައިޓެއް ނޫން ؛ ޓޫރިޒަމް އެނދު

Jul 8, 2026

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ އިންޑިއާ އަށް އުދުހުނު ދުވަސްތަކެއް ދިޔަ އެވެ. އެ ދުވަސްވަރު ވެސް ބޮޑުތިލަދުންމަތީގެ ރައްޔިތުން އުންމީދުކުރީ ހަނިމާދޫން ފުރައިގެން ބޭރަށް ދެވޭނެ ގޮތެެވެ. ބޭރުން ބޯޓު ޖައްސައި ހއ. އަދި ހދ. ގެ ރަށްތަކަށް ފައިދާވާނެ ގޮތެކެވެ. ނަމަވެސް އެކަމަށް އޮތް ހުރަހަކަށްވީ ހަނިމާދޫގައި ފުރިހަމަ އެއާޕޯޓެއް ނުހެދުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓަށް ތަރައްގީ ކުރުމުގެ މަަޝްރޫއެއް ފަށައި، މި ސަރުކާރުން އެތަން ނިމްމައި ހުޅުވި އެވެ. އެތަން ނިންމާފައިވަނީ ނެރޯބޮޑީ ބޯޓު ފަހަރު ޖައްސައި ހިދުމަތް ދެވޭނެ ގޮތަކަށެވެ. މާނައަކީ އޭ 320 އާއި ބީ737 ގެ ބޯޓު ފަހަރަށް މި އެއާޕޯޓް ވަނީ ފައްކާކޮށްފަ އެވެ. މިއީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ބޮޑު އަދަދެއް ފެންނަ ސައިޒުގެ ބޯޓު ތަކެވެ. މިއީ ކުރި ހިސާބުތަކުން ޓޫރިސްޓުން ގެނެވޭނެ އޮޕަރޭޝަނަށް ފުރިހަމަކޮށްފައިވާ އެއާޕޯޓެކެވެ.

އެހެންވެ މިތަން މިއޮތީ އެފަދަ ދަތުރުތަކަށް ފައްކާވެފައި ކަމަށް ބައެއް ތަޖުރިބާކާރުން ބުނެ އެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގައި ދާދި ފަހުން ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިިނިސްޓަރު މުހައްމަދު އަމީން ދެއްކެވީ މުޅިން އެހެން ވާހަކަ އެކެވެ. އަމީނަށް މުހިންމުވީ އެ އެއާޕޯޓުގައި ވައިޑްބޮޑީ ބޮޑެތި ބޯޓު ޖެއްސުމެވެ.

އަމީން ވިދާޅުވި ގޮތުގައި ހަނިމާދޫ އެއާޕޯޓަކީ ވައިޑްބޮޑީ ބޯޓުތައް ކަމަށްވާ އޭ330 ނުވަތަ ބީ777 ފަދަ ދުރު ރާސްތާގެ ބޯޓުތައް ޖެއްސޭނެ ވަސީލަތްތައް ހުރި ތަނެއް ނޫނެވެ. އެހެންކަމުން ޗައިނާ ނުވަތަ ޔޫރަޕުން ސީދާ ވައިޑްބޮޑީ ބޯޓުތައް ގެނައުމަކީ މިހާރު އޮތް އިންފްރާސްޓްރަކްޗާގެ ސަބަބުން ނުކުރެވޭނެ ކަމެކެވެ.

އެކަމަށް ރައްދު ދެއްވީ އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. އޭނާ ވިދާޅުވި ގޮތުގައި ނެރޯބޮޑީ އޮޕަރޭޝަންސް އަކީ މިވަގުތުގެ މާކެޓް ޑިމާންޑަށް ބަލާއިރު އެންމެ ފައިދާހުރި އަދި އިގްތިސާދީ ގޮތުން ބުއްދިވެރި ގޮތެވެ.

މިކަމާ ބެހޭ ގޮތުން އޭވިއޭޝަން ސިނާއަތުގެ ތަޖުރިބާކާރުންގެ ރައުޔު ވެސް ތަފާތެކެވެ. އެ ފަރާތްތަކުން ސިފަ ކުރަނީ މިހާރުވެސް ނެރޯބޮޑީ ބޯޓުފަހަރުން ޓޫރިސްޓުން ގެންނަމުން ދަނިކޮށް ކޮންމެހެން އެތަން ވައިޑްބޮޑީ ބިޔަ ބޯޓު ފަހަރަށް ތަރައްގީ ކުރަން އިތުރު މަޝްރޫއެއް ހިންގުމަކީ މި ވަގުތަށް ބޮޑު އިސްރާފެއްގެ ގޮތުގަ އެވެ،

ދާއިރާގެ ތަޖުރިބާކާރަކު "ކުޅުދުއްފުށި އޮންލައިން" އަށް ވިދާޅުވި ގޮތުގައި ރާއްޖެ އާ ދެ ގަޑިއިރާއި ފަސް ގަޑިއިރުގެ ރާސްތާއިން ޓޫރިސްޓުން ގެނަމުންދާއިރު، ކޮންމެހެން ލޯންގް ހޯލް ފްލައިޓަށް ހަނިމާދޫ ތަރައްގީ ކުރުމަށްވުރެ އެއާޕޯޓް ފީޒިބަލް ކުރަން ބޭނުންވަނީ ޓޫރިޒަމް އެނދުތަކެވެ.

"މިނިސްޓަރު އަމީން މިހާރު އެ ހުންނެވީ ޓޫރިޒަމް ވުޒާރާގަ. އެހެންވީއި މިވަގުތު ވައިޑް ބޮޑީއެއްގެ ވާހަކަ ދެއްކުމަށްވުރެ ޓޫރިޒަމް އެނދު އިތުރުވާނެ ގޮތެއް ހެދުން މުހިންމުވަނީ،" ކުރިން ރީޖަނަލް އެއާޕޯޓު ހިންގުގައި އިސްކޮން އުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ.

މިހާރު ހަނިމާދޫ ތަރައްގީކޮށްފައިވާ މިންވަރުން މިތަން ފީޒިބަލް ކުރެވިދާނެ ހެއްޔެވެ؟ އެކަމާމެދު ފަންނީ ނަޒަރުން ވިސްނާލުން މުހިންމެވެ.

މިހާރު ހުރި މިންވަރުން ހަނިމާދޫ ހިންގޭނެ

ހަނިމާދޫގެ ރަންވޭ އަށް ބަލާއިރު ކުރިން އޮތް 1,220 މީޓަރުގެ ރަންވޭ ވަނީ 2,465 މީޓަރަށް ދިގުކޮށްފަ އެެވެ. މާނައަކީ މިއީ ނެރޯބޮޑީ އޮޕަރޭޝަނަށް ދައްކާ މިންވަރެއްގެ ރަންވޭއެކެވެ. އަދި ހަނިމާދޫ އެއާޕޯޓުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބިނާއަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ރަމްޒުކޮށްދޭ ގޮތަށް، އެމްބޯމަޑިއެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ އާ ޕެސެންޖާ ޓާމިނަލެވެ. މި ޓާމިނަލަކީ 10,230 އަކަމީޓަރުގެ ދެ ފަންގިފިލާގެ ޒަމާނީ އިމާރާތެކެވެ. މިއީ އެއް މިލިއަން ފަސިންޖަރުންގެ ކެޕޭސިޓީގެ ތަނެކެވެ.

ބައިނަލްއަގުވާމީ ނެރޯބޮޑީ ފްލައިޓުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި އެއާޕޯޓުން ތެޔޮ އެޅޭނެ އިންތިޒާމު ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ހަނިމާދޫ އެއާޕޯޓުގައި ތިން މިލިއަން ލީޓަރުގެ ޖެޓް އޭ1 ތެޔޮ ރައްކާކުރެވޭނެ ތިން ތާނގީ ހިމެނޭ ފިއުލް ފާމެއް އަދި ތެޔޮ އުފުލާ ބޯޓުފަހަރަށް ހާއްސަ ފިއުލް ޖެޓީއެއް ވަނީ ގާއިމުކޮށްފައެވެ.

ގްރައުންޑް ހޭންޑްލިން އޮޕަރޭޝަންސްތަކަށް ބަލާއިރު، އެމްއޭސީއެލް އިން މިހާރު ވަނީ އެއާޕޯޓުގެ ގްރައުންޑް އޮޕަރޭޝަންސްތައް އެއްކޮށް އެކުންފުނީގެ ދަށަށް ބަދަލުކޮށްފައެވެ. މީގެ ކުރިން އައިލެންޑް އޭވިއޭޝަނުން ބަލަހައްޓަމުންދިޔަ ހޭންޑްލިން ހިދުމަތްތައް އެމްއޭސީއެލް ގެ ދަށަށް ދިއުމާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފަދަ ޒަމާނީ ގްރައުންޑް ސަޕޯޓް އިކުއިޕްމަންޓް ބޭނުންކުރުމުގެ މަގު ވަނީ ހުޅުވިފައެވެ. މިއީ މި އޮޕަރޭޝަން ސްމޫތްކޮށް ކުރިއަށް ގެންދަން އެޅުނު ބާރަކަށްވާނެ އެވެ.

ލުއި ދީގެން ތަރައްގީ ކުރަންވީ ގެސްޓްހައުސްތަކެއް

މި ހުރިހާކަމެއް މިގޮތަށް ހަނިމާދޫގައި ފުރިހަމަވެފައިވާއިރު، މި ވަގުތު ހަނިމާދޫ އެއާޕޯޓަށް ބޭނުންވަނީ އިތުރު މަަޝްރޫއަކަށް ވުރެ ބޮޑަށް އިތުރު އެނދުތަކެއް ކަމަށް ވެސް ތަޖުރިބާކާރުން ދެކެ އެވެ. އެތަން ފީޒިބަލް ކުރާނަމަ ޖުމްލަ 3،000 އެނދު ބޭނުންވެ އެވެ. ނަމަވެސް މި ވަގުތު ހއ. އަދި ހދ. އާއި ށ، އެއްކޮށްލައިގެންވެސް ހުރީ ޖުމްލަ 1,618 އެނދެވެ.

ހއ. އަތޮޅުގައި މިވަގުތު ހުރީ 718 އެނދެވެ. އެއީ ދެ ރިސޯޓުގައި ހުރި 448 އެނދާއި 21 ތަން 270 އެނދެވެ. އަދި ހދ. ގައި ހުރީ ދެ ރިސޯޓްގައި ހުރި 162 އެނދާއި 10 ގެސްޓްހައުސްގައި ހުރި 118 އެނދު އަދި އެއް ހޮޓަލުގައި ހުރި 101 އެނދެވެ.

މީގެ އިތުރުން ށ. ގައި ހުރީ ދެ ރިސޯޓެއްގައި ހުރި 444 އެނދުގެ އިތުރުން 10 ގެސްޓްހުސްގައި ހުރި 72 އެނދެވެ. އެހެންވެ ލުއި ފައިނޭންސިން ދީގެން ނަމަވެސް ގެސްޓްހައުސް އެނދުތަކެއް އިތުރުކޮށްގެން މި އެއާޕޯޓް ފީޒިބަލް ކުރެވިދާނެ އެވެ.

މީގެ ކުޑަ މިސާލަކީ އއ. ތޮއްޑޫ އެވެ. މިދިޔަ 7 އަހަރު ދުވަހު އެ ރަަށަށް އެސްއެމްއީ ބޭންކުން 30 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. ނަތީޖާއަކީ މިހާރު ތޮއްޑޫގައި އެކަނި 2،000 އެނދު އެބަހުއްޓެވެ.

އެހެންވެ މިހާރު ޓޫރިޒަމް މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އެއްކޮށް ހިންގަވާ މިނިސްޓަރު އަމީނަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަކީ މިވަގުތު މުހިންމު ވަނީ ހަނިމާދޫގައި އިތުރު އެއާޕޯޓް މަޝްރޫއެއް ހިންގާވީއެއް ނޫން ކަމެވެ. ކުރަންވީ ކަމަކީ ނާގޯށި އަަވަހަށް ހުޅުވަންވީ އެވެ. އަދި އަވަހަކަށް ކުރު މަގަކުން ގޮސް ޓޫރިސްޓު އެނދުތަކެއް މި ސަރަހައްދުގައި ތަރައްގީ ކުރަންވީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355