twitterviber whatsapp telegramfacebookyoutube instagram
30th June 2026

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކޮށްފައި އޮތީ ބޮޑެތި ފްލައިޓް ޖެއްސޭ ގޮތަކަށް ނޫން: އަމީން

Jun 30, 2026

ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ ދިގު ދަތުރު ކުރެވޭ ފަދަ ވައިޓް ބޮޑީ އެއާކްރާފްޓް ޖެއްސޭ ފަދަ ގޮތަކަށް ނޫން ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ގަފޫރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ތަރައްގީވުމަކީ ތިލަދުންމަތީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އެގޮތުން ޗައިނާ ނުވަތަ ކޮލޮމްބޯ ފަދަ ގައުމުތަކަށް ޓްރާންސިޓެއް ގޮތުގައި ވިޔަސް އެ އެއާޕޯޓު ބޭނުން ކުރެވޭނެ މަސައްކަތް ނުކުރަނީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވި އެވެ.

"އޭނާ މިސާލަކަށް ބޮޑެތި މަތިންދާ ބޯޓު ގެންގުޅޭ އިރު މާލެ ހަނިމާދޫ ޗައިނާ އަށް ނޫނީ ކޮލޮމްބޯ ހަނިމާދޫ ޗައިނާ ވެސް ބޭއްވިދާނެ ނޫނިއްޔާ ބޭރު ބަޔަކާ ގުޅިގެން ވެސް މިތަނަށް ކޮންމެވެސް ކަހަލަ އޮޕަރޭޝަނަލަށް ކަމެއް އެބަ ހިނގަން ޖެހޭ. މިތަން މިހެން ބާއްވާނީތޯ،" ގަފޫރު ވިދާޅުވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ޑިވަލޮޕްކޮށްފައި ވަނީ ވައިޓް ބޮޑީ އެއާކްރާފްޓް ޑިވަލޮޕް ކޮށްގެން ދުއްވޭ ފަދަ ގޮތަކަށް ނޫން ކަމަށާއި އެ އެއާޕޯޓު ޑިޒައިންކޮށް އަދި މިހާތަނަށް ހުޅުވާފައި އޮތީ ނެރޯ ބޮޑީ ކުދި މަތިންދާ ބޯޓުތަކަށް ކަމަށެވެ.

"އެހެންވީމަ ޗައިނާ އަށް ވިޔަސް ލޯންގް ޑިސްޓެންސް އޮޕަރޭޝަންތަކަކަށް ހަނިމާދޫ އެއާޕޯޓު މިހާރު ޑިވަލޮޕްކޮށް ހުޅުވިފައި އޮތް ގޮތަކުން ބޯޓު ޖައްސައި ނޫނިއްޔާ ހިދުމަތެއް ނުލިބޭނެ." އަމީން ވިދާޅުވި އެވެ.

އެފަދަ އޮޕަރޭޝަންތައް ހިންގާ ނަމަ ތަފާތު ގޮތަކުން ވިސްނަން ޖެހޭނެ ކަމަށާއި ނޫނީ އޮތް ގޮތަކީ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުން ކަމަށް އަމީން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355