twitterviber whatsapp telegramfacebookyoutube instagram
12th April 2026

މެދުއިރުމަތީގެ އެއާލައިން ހަބަކަށް ހަދަންވީ ހަނިމާދޫ

މޫސާ އަލީ
Apr 12, 2026

މެދުއިރުމަތީގައި މިހާރު ފެށިފައިވާ ހަނގުރާމައާއެކު އެންމެ ގެއްލުންވާ އެއް ދާއިރާއަކީ އެއާލައިން އިންޑަސްޓްރީ އެވެ. މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ވައިގެ ދަތުރުގެ މައިބަނދަރުތައް ބަންދުވުމެވެ. ގަތަރާއި ދުބާއީގެ ވައިގެ ސަރަހައްދު ބަންދުވުމާއެކު ދުނިޔޭގެ ވައިގެ މަގުތައް ބަންދުވުމެވެ. މިއާއެކު އެއާލައިންތަކުން ދަނީ "އަލްޓަޓޭޓިވް ރޫޓް" ތައް ހޯދަމުންނެވެ.

އަވަށްޓެރި ސްރީ ލަންކާ އިން ވެސް ވަނީ އެ ގައުމުގެ މަންތަލަ އެއާޕޯޓް މިފަދަ ހަބަކަަށް ހަދަން މަސައްކަތް ކޮށްފަ އެވެ. ހުށަހެޅުންތަކެއް ވެސް ދުނިޔޭގެ އެއާލައިންތަކަށް ހުށަހަޅާފަ އެވެ. އެކަމަކު ލަންކާއަށް މިކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ. ނަމަވެސް ރާއްޖޭގައި މި ފުރުސަތު ތަންނިނަށް އޮތީ ހުޅުވިފަ އެވެ. އެގޮތުން ރާއްޖޭގައި މިފަދަ އުންމިދީ ކަމަކަށް އެންމެ އެކަށީގެންވާ އެއާޕޯޓަކީ އިހަވަންދިއްޕޮޅުގެ މައި ދޮރާށި ކަމަށްވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް (އެޗްއޭކިއު) އެވެ.

ރާއްޖޭގެ ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވަނީ ދުރު މުސްތަގުބަލުގެ ޕްލޭނެއްގެ ދަށުން ރާއްޖޭގެ އެއާޕޯޓެއް އެފަދަ ފުރުސަތެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖޭން ވެސް އެފަދަ އޮޕްޝަންތަކަށް ބަދަލުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ބައިނަލްއަގުވާމީ ފެންވަރަށް ގެނައުމަކީ ރާއްޖޭގެ އިގްތިސާދީ އަދި ޖިއޯޕޮލިޓިކަލް މާހައުލަށް އައިސްފައިވާ ބޮޑު ބަދަލެކެވެ. ހދ އަތޮޅުގައި ހުރި މި އެއާޕޯޓަކީ ހަމައެކަނި އުމްރާނީ ތަރައްގީގެ މަޝްރޫއެއް ނޫނެވެ؛ މިއީ ރާއްޖޭގެ ފަތުރުވެރިކަން ލާމަރުކަޒީ ކުރުމަށާއި، ލޮޖިސްޓިކްސް ވަރުގަދަކުރުމަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އޮތް "ސެކަންޑަރީ ހަބް" މުހިންމު ބައެކެވެ. މެދުއިރުމަތީގެ އެއާލައިންތަކަށް ހަނިމާދޫން ލިބިގެންދާނީ ޖިއޮގްރަފީ ގޮތުން ކައިރިވުމާއި، ނެރޯ-ބޮޑީ އަދި ފަހުން ވައިޑް-ބޮޑީ ބޯޓުތައް ޖެއްސޭނެ ފަންނީ ގާބިލުކަމާއި އުތުރުގެ އަތޮޅުތަކުގެ ލަގްޒަރީ ޓޫރިޒަމަށް އޮތް ސީދާ މަގެކެވެ.

ހަނިމާދޫ އެއާޕޯޓަކީ ރީޖަނަލް ހަބަކަށް ވުމަށް އެންމެ ބޮޑަށް ބާރުދޭ ކަމަކީ އެތަނަށް މިހާރު ލިބިފައިވާ ކުރިއެރުމެވެ. ހަނިމާދޫ އެއާޕޯޓަކީ 1986 ވަނަ އަހަރު ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ފެށި މި އެއާޕޯޓަށް 2012 ވަނަ އަހަރު ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ހިންގަން ފަށައި މިހާރު މިވަނީ 136.6 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކުން ބޮޑު ބަދަލެއް ގެނެސްފަ އެވެ.

އިންޑިއަން އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން ހިންގި މި މަޝްރޫއުގައި ހަނިމާދޫގައި ވަނީ 2,465 މީޓަރުގެ ރަންވޭއެއް ތަރައްގީކޮށްފަ އެވެ. އަދި މިއީ ކޯޑް-ސީގެ ބޯޓުތައް ކަމަށްވާ އެއާބަސް A320 އަދި ބޯއިންގް 737 މަރުކާގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ ރަންވޭއެކެވެ. މެދުއިރުމަތީގެ އެއާލައިންތައް ކަމަށްވާ ފްލައި ދުބާއީ، އެއާ އެރޭބިއާ، ގަތަރު އެއާވޭޒް އަދި އެމިރޭޓްސް ފަދަ އެއާލައިންތަކުން ދެކުނު އޭޝިއާގައި ބޭނުން ކުރާ ބޯޓުތަކާ އެކަށޭނަ ރަންވޭއެކެވެ.

މީގެ އިތުރުން، މި އެއާޕޯޓުގެ ދެވަނަ ފޭސްގައި ރަންވޭ 3,000 މީޓަރަށް ބޮޑުކުރުމަށް ވަނީ ރޭވިފަ އެވެ. އޭރުން "ކޯޑް- އީ" ގެ ބޯޓުތައް ކަމަށްވާ ބޯއިންގް 777 އަދި އެއާބަސް A330 ފަދަ ބޮޑެތި ބޯޓުތައް ވެސް ޖެއްސޭނެ އެވެ. މިއީ މެދުއިރުމަތިން ސީދާ އުތުރުގެ އަތޮޅުތަކަށް ޓޫރިސްޓުން ގެނައުމަށް އޮތް ވަރަށް ބޮޑު ފުރުސަތަކަށްވާނެ އެވެ.

ގާތްގަނޑަކަށް 10,000 އަކަ މީޓަރަށްވުރެ ބޮޑު މި އެއާޕޯޓުގެ ޓާމިނަލް ފަރުމާކޮށްފައިވަނީ މަޑި އެއްގެ ބައްޓަމަށެވެ. މިއީ ރާއްޖޭގެ އަތޮޅު އެއާޕޯޓެއްގައި އެރޯބްރިޖް ގާއިމުކުރެވުނު ފުރަތަމަ ފަހަރެވެ. މިއީ މެދުއިރުމަތިން އަންނަ ޕްރީމިއަމް ފަސިންޖަރުންނަށް ބޭނުންވާ ފެންވަރުގެ ހިދުމަތެއް ކަމަށްވާއިރު، ޓާމިނަލްގެ ފުރަތަމަ ބުރީގައި ޑިއުޓީ ފްރީ، ވީއައިޕީ ލައުންޖް އަދި ރެސްޓޯރަންޓްތައް ހުންނާނެ އެވެ.

ކުރިން މި އެއާޕޯޓް ހިންގި ރީޖަނަލް އެއާޕޯޓްސްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި މެދުއިރުމަތީގެ އެއާލައިން ހަބަކަށް މި ސަރަހައްދުގައި ވެސް މިވަރުގެ އެއާޕޯޓެއް މަދުވާނެ އެވެ.

"ހަމަ އެކަނި ފެސިލިޓީއަށް ބެލިޔަސް މިހާރު ފުރިހަމަވާނެ. މީގެ އިތުރުން ފިއުޗާގައި އެމްއާރުއޯ [ބޯޓް މަރާމާތު ކުރާ ރީޖަނަލް ފެސިލިޓީ] އެއްވެސް ހެދިދާނެ. ކުރިން ވެސް މި އެއާޕޯޓަކީ ރީޖަނަލް ހަބަކަށް މަސައްކަތް ކުރަން ބައެއް އެއާލައިންތަކާ ވާހަކަވެސް ދެކެވިނު،" ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

"ކުޅުދުއްފުށީ އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ކުރިން ހަނިމާދޫއަށް ދަތުރުފަށަށް އިންޑިގޯ އާއި އެއާއޭޝިއާއާއެކު މަޝްވަރާތަކެއް ކުރެވުނެވެ. ނަމަވެސް ވެރިކަން ބަދަލުވެ އެކަން އޮތީ ހުއްޓިފަ އެވެ.

ހަނިމާދޫ އޮންނަ ސަރަހައްދުގެ ގޮތުން މެދުއިރުމަތިން އަންނަ ފްލައިޓްތަކަށް ބޮޑެތި ފައިދާ ތަކެއް ލިބެ އެވެ. މާލެއަށްވުރެ ގާތްގަނޑަކަށް 290 އާއި 320 ކިލޯމީޓަރާ ދެމެދުގެ މިންވަރަކަށް ހަނިމާދޫ އުތުރަށް އޮތުމުން، މިއީ ހުޅަނގު އުތުރުން ރާއްޖެއަށް ވަންނަ ފްލައިޓްތަކަށް ލިބޭ އެންމެ ފުރަތަމަ ގޭޓްވޭ އެވެ.

މިއީ ދުނިޔޭގެ ވައިގެ މައި ރޫޓެވެ. އޭވިއޭޝަން ދާއިރާގައި ދަތުރުކުރާ ދުރުމިން ކުރުވުމަކީ ތެލަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވާ ކަމެކެވެ. މާލެއާ ހަމައަށް ނުގޮސް ހަނިމާދޫއަށް ޖެއްސުމުން ގާތްގަނޑަކަށް 300 ކިލޯމީޓަރުގެ ދަތުރު ކުރުވެ އެވެ. މިކަމުގެ ސަބަބުން އެއާބަސް A320 ފަދަ ބޯޓަކުން ދަތުރެއްގެ މައްޗަށް 1,000 ކިލޯއަށްވުރެ ގިނަ ތެޔޮ ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި ހަނިމާދޫ އެއާޕޯޓަކީ ހަމައެކަނި ފަސިންޖަރުން އުފުލާ ތަނެއް ނޫނެވެ. މިއީ މަތީ ފެންވަރުގެ ލޮޖިސްޓިކްސް ހަބެކެވެ. ރާއްޖޭގެ މަސްވެރިކަމުގެ ބޮޑު ބައެއް ހިއްސާކުރާ އުތުރުގެ އަތޮޅުތަކުން ސީދާ ބޭރުގެ މާކެޓްތަކަށް މަސް އެކްސްޕޯޓްކުރުމަށް މި އެއާޕޯޓުގެ ސަބަބުން މަގު ފަހިވާނެ އެވެ.

ހަނިމާދޫ އެއާޕޯޓުގެ ކާމިޔާބީ ގުޅިފައިވަނީ އުތުރުގެ އަތޮޅުތަކުގެ ފަތުރުވެރިކަމުގެ އެނދު އިތުރުކުރުމާ އެވެ. ސަރުކާރުގެ އަމާޒަކީ ތިލަދުންމަތީ ސަރަހައްދުގައި 8,000 ފަތުރުވެރި އެނދު ތަރައްގީކުރުމެވެ. މިހާރުވެސް ހާ އަލިފު އަދި ހާ ދާލު އަތޮޅުގެ 13 ފަޅެއްގައި ރިސޯޓު ތަރައްގީކުރުމަށް ވަނީ ބީލަމަށް ހުޅުވާލާފަ އެވެ. މީގެ ތެރޭގައި ހއ. މާދުނީ ފަރުގެ ތިން ސަރަހައްދާއި، ކެލާ ފަޅު އަދި ހދ. އަތޮޅުގެ މާފަރު ފަރުގެ ސަރަހައްދުތައް ހިމެނެ އެވެ. މި ރިސޯޓުތައް ތަރައްގީކުރާ ފަރާތްތަކަށް އިމްޕޯޓް ޑިއުޓީން %15 އާ ހަމައަށް ލުއި ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ. މިހުރިހާ ކަމަކާއެކު ހަނިމާދޫ ވެފައިވަނީ ލަންކާގެ މަންތަލަ އެއާޕޯޓަށްވުރެ އެޓްރެކްޓިވް ތަނަކަށެވެ. ހުރިހާ ގޮތަކުންވެސް ފުރިހަމަ ތަނަކަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355