މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން ކުޅުދުއްފުށީގައި މިމަހު ކަސްރަތު ޕްރޮގްރާމެއް ހިންގަން ހަމަޖެހިފައި ވާކަމަށް އެ އިސްޓިޓިއުޓުން ބުނެފިއެވެ.
ޔޫތު މިނިސްޓްރީގެ ދަށުން ވަކި ބޮޑީއެއްގެ ގޮތުގައި ހިނގަމުން އަންނަ އެމްއެންއައިއެސް އިން ކުޅުދުއްފުށީގައި އާއްމުކޮށް ހުޅުވާލައިގެން ކަސްރަތު ޕުރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މިހިނގާ އެޕްރީލް މަހުގެ 13 އިން 17 އަށެވެ. މި ކަސްރަތު ޕުރޮގްރާމް ހިންގުމަށް މިމަހުގެ 9 ވަނަ ދުވަހު އެ އިސްޓިޓިއުޓްގެ ޓީމެއް ކުޅުދުއްފުއްޓަށް ދާނެއެވެ.
އެމްއެންއައިއެސްގެ އޮފިޝަލެއް ކަމުގައިވާ އަބްދުއްސަލާމް އިބްރާހިމް ކުޅުދުއްފުށީ އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ކުޅިވަރު ކުޅެ ކަސްރަތު ކުރާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުޅުދުއްފުށީގައި ހިންގޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ބައިވެރިންނަށް “ޝެޑޯވް ބޮކްސް” ކަސްރަތު ކުރާނެގޮތް ދަސްކޮށްދޭނެއެވެ.
“ޝެޑޯވް ބޮކްސް އަކީ ޖިމް ތަންތަނުގައި ބޭނުންކުރާ ފަދަ އެއްވެސް އިކުއިޕްމަންޓެއް އަދި ޓޫލްސް އެއް ބޭނުން ނުކޮށް ކުރެވޭ ކަސްރަތެއް.” ސަލާމް ވިދާޅުވިއެވެ. “ޝެޑޯވް ބޮކްސް ދަސްކޮށްގެން ގޭގައި ވެސް ކަސްރަތު ކޮށްލެވޭނެ.”
ސަލާމް އިތުރަށް ވިދާޅުވި ގޮތުގައި، ޕުރޮގްރާމްގައި ބައިވެރިވާ އަންހެން ބޭފުޅުންގެ ނިސްބަތް ގިނަވެއްޖެ ނަމަ، އަންހެން ބޭފުޅުންނަށް ހާއްސަ ޝެޑޯވް ބޮކްސް ޑާންސް ޕްރޮގްރާމެއް ވެސް ހިންގާނެއެވެ. އަދި ކުޅުދުއްފުށީގެ ޒުވާނުންނާއި ޖަމިއްޔާތަކުން ފުރިހަމަ ތަރުހީބެއް ލިބިއްޖެނަމަ މުސްތަގްބަލުގައި ޓްރެއިނަރސް އޮފް ޓްރެއިނީސް (ޓީއޯޓީ) ޕްރޮގްރާމެއް ހިންގައި، ކުޅުދުއްފުށީގައި ދާއިމީ ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދާނެ ބައެއް ތަމްރީނު ކުރާނެއެވެ.
ތަފާތު އާ ކުޅިވަރުތައް ރާއްޖެ އަށް ތައާރަފްކޮށް ރާއްޖޭގައި ކުޅިވަރު ތަރައްގީ ކުރުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގެ ނަމުގައި މުއައްސަސާއެއް އުފެއްދުމަށް ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ އެޕްރީލް މަހުއެވެ.