.
ބަދުރުއްދީން ޙަސަން
ކުޅުދުއްފުއްޓަކީ ރާއްޖޭގެ ނިސްބަތުން އާބާދީ ބޮޑު ރަށެކެވެ. އެހެން ގިނަ ރަށްރަށާއި ޚިލާފަށް ކުޅުދުއްފުށީގެ ގިނަ ރައްޔިތުންނަކީ ރަށުގައި ތިބިގެން މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ބައެކެވެ. ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ބޭނުންވާ ގިނަ ވަސީލަތް ތަކެއް ކުޅުދުއްފުށީ ގައި ލިބެން ހުރުމަކީ ވެސް ކުޅުދުއްފުށީގެ ރައްޔިތުން މާލެ އަށް ހިޖުރަ ނުކޮށް ތިބުމުގެ އެއް ސަބަބެވެ.
ރަށުގައި ދިރިއުޅޭ ބޮޑު އާބާދީ އެއް ކުޅުދުއްފުށީގައި އޮންނަ އިރު، އޭގެ ތެރެއިން ޒުވާނުން ވަކި މަދެއް ނުވާނެއެވެ. ކުޅުދުއްފުށީގައި ތަފާތު ކުޅިވަރު ތައް ކުޅޭ ޒުވާނުން އުޅެއެވެ. އޭގެ ތެރެއިން ގިނަ ޒުވާނުންނަކީ ފުޓުބޯޅަ ކުޅުމަށް ޝައުގުވެރިވާ ޒުވާނުންނޭ ބުނުމަކުން ބާސްކެޓްބޯޅަ ކުޅެންދާ ޒުވާނުންނަށް ބުނެވޭ ބަދުބަހަކަށް ނުވާނެއެވެ.
ކުޅުދުއްފުށީގެ ޒުވާނުންގެ އެކި ޓީމު ތައް ވަނީ އަތޮޅު ފުޓުބޯޅަ މުބާރާތާއި ޒޯން މުބާރާތް ތަކުގައި ކުޅެފައެވެ. އަދި މާލޭގައި އޮންނަ ޒޯން ޗެމްޕިއަނުންގެ ލީގުގައި ކުޅެ އެކިވަރުގެ ކާމިޔާބީތައް ވެސް ކުރިން ހޯދާފައިވެއެވެ. ނަމަވެސް އޭގެ ފަހުން އިތުރު ކާމިޔާބީއެއް ނުލިބޭތާ މިހާރު އަހަރުތަކެއް ފާއިތު ވެއްޖެއެވެ. ނަމަވެސް އެކަން އެހެންވީ ކުޅުދުއްފުށީގައި މޮޅެތި ކުޅުންތެރިން ނުއުފެދޭތީ އޭ މުޅިއަކުން ނުބުނެވޭނެއެވެ. ގައުމީ ފެންވަރުގައި ކުޅުދުއްފުށީގެ ކުޅުންތެރިން ނުފެންނީ ކީއްވެތޯ ވެސް އެއީ ކުރެވޭ ސުވާލެކެވެ. ނަމަވެސް އެމައުލޫއަށް ވަނީ ތަންކޮޅެއް ކުރިން މިނޫހުގައި ބަލާލައިފައެވެ.
މިއަދު ދައްކަން މިއުޅެނީ އެހެން ވާހަކަ އެކެވެ. ކުޅުދުއްފުށީގެ ޒުވާނުންނަކީ ފުޓުބޯޅަ އަށް ލޯބި ކުރާ ޒުވާނުން ތަކެކެވެ. ކޮންމެ ދުވަހަކު އޮފީސް ނިންމާފައި ގަވައިދުން ކުޅެންދާ ޒުވާނުން ގިނަވާނެއެވެ. އަދި އެކި ހިސާބުތަކުގައި ތަފާތު އެކި ނަންތަކުގައި ޓީމުތައް ހަދައިގެން އުޅޭ ޒުވާނުން ވެސް އުޅެއެވެ. ޑްރިބަލް، ޒިގްޒެގް، ބޭލާ، ކޮރަލްސް، ހިރަފުސް މިއީ ކުޅުދުއްފުށީގައި ގިނަ ބަޔަކު ދަންނަ ނަންނަމެވެ. މިއިން ކޮންމެ ނަމެއްގައިވާ ގުރޫޕު ތަކަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލަބްތައް ނޫންކަމުގައި ވިޔަސް، ފުޓުބޯޅަ އަށް ހުންނަ ޝައުގެއްގެ ސަބަބުން އެއްކޮށް ކުޅެ ގިނަ ދުވަސްތަކެއް ވެފައި ވާ ނަންނަމެވެ.
ކުޅުދުއްފުށީގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން އޮފީސް ތަކަށް ހާއްސަ ކޮށްގެން ޒިގްޒެގް ފޮރ ޔޫތު ލިންކޭޖް އިން ބާއްވަން ފަށާފައިވާ މުބާރާތުން ވެސް ކުޅުދުއްފުށީގައި ފުޓުބޯޅަ/ފުޓްސަލް އަށް އޮންނަ ލޯބި ފެނެއެވެ. ނަމަވެސް އެމުބާރާތަކީ ހަމައެކަނި ސަރުކާރު އޮފީސް ތަކާއި ކުންފުނި ތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމުން، އެފަދަ ތަންތަނުގައި ނޫޅޭ ޒުވާނުންނަށް އެމުބާރާތުގައި ނުކުޅެވޭ ކަމީ އިވޭ ޝަކުވާއެކެވެ. އެފަދަ ޒުވާނުންގެ ހުނަރު ފެނިގެންދަނީ ހިރަފުސް ކަޕާއި ކޮރަލްސް ކަޕް ގެ ނަމުގައި ބާއްވާ ފުޓްސަލް މުބާރާތް ތަކުންނެވެ.
ކުޅުދުއްފުށީގެ ޓީމުތައް އަތޮޅު މުބާރާތްތަކުން ފަހަކަށް އައިސް ފެއިލް ވަމުން ދިއުމުގެ ސަބަބެއް ކަމުގައި ބައެއް މީހުން ސިފަ ކުރަމުން އަންނަނީ ސިކްސް އަސައިޑް މުބާރާތްތަކާއި ފުޓުސަލް މުބާރާތްތައް ރަށުގައި އާއްމު ވުމެވެ. ނަމަވެސް، އެ ބަހުސް މިތަނުގައި އަދި ފަށާކަށް ނޫޅެމެވެ. އެހެން ފަހަކުން އެކަމަށް ބަލާލާނީއެވެ.
ފުޓްސަލް މުބާރާތްތައް ކުޅުދުއްފުށީ ގައި އާއްމު ވެފައިވި ކަމުގައި ވިޔަސް، އަނެއްކާވެސް ކުޅުދުއްފުށީގައި “އަސްލު” ފުޓްބޯޅައިގެ ފޯރި މިހާރު ވަނީ ހިފަން ފަށާފައެވެ. ބައެއް ދަނޑުތަކުގައި ހަވީރު ބޮޑު ގޯލަށް ނޫނީ ނުކުޅޭ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ހަމަ އެހެންމެ އެކުވެރި ކަމުގެ ފުޓުބޯޅަ މެޗުތަކެއް ކުޅުމުގެ ފޯރި ވެސް ވަނީ މިހާރު ހިފަން ފަށާފައެވެ. ދާދިފަހުން ކޮރަލްސްގެ ޓީމުވަނީ ހަނިމާދޫ ގެ ޓީމަކާއެކު މެޗެއް ކުޅެފައެވެ. އާއަހަރު ފެށުމަށް ވެސް ވަނީ އެފަދަ މެޗުތަކެއް ކުޅެފައެވެ. މިދިޔަ ހުކުރު ދުވަހު ވަނީ ކުޅުދުއްފުށީ ޕޮލިސް އާއި ޓީޗަރުންގެ މެޗެއް ކުޅެފައެވެ.
ކުޅުދުއްފުށީ ގައި ފުޓުބޯޅަ ކުޅޭ ޒުވާނުން ގިނަ ވެފައި، ފުޓުބޯޅަ އަށް ހުންނަ ފޯރި ގަދަވެފައިވާތީ ރަށުގައި ފުޓުބޯޅަ ލީގެއް ފެށުން އެއީ މިހާރު ޒުވާނުން ކުރާ ވަރަށް ބޮޑު އުއްމީދެކެވެ. އަދި އަތޮޅު މުބާރާތާއި ޒޯން މުބާރާތުގައި ވިދާލާވަރުގެ ޓީމުތަކެއް ކުޅުދުއްފުށިން ނެރުމައްޓަކައި، ބޮޑު ދަނޑަށް ހޭނި، މެޗުތަކެއް ކުޅުމަކީ މުހިއްމު ކަމެއް ކަމުގައި ކުޅުދުއްފުށީގައި ފުޓުބޯޅަ ކުޅޭ ބައެއް ޒުވާނުން ދެކެއެވެ.
ދުވަސް ކޮޅެއް ކުރިން ޒޯން ސްޓޭޑިއަމް އިން އިންތިޒާމު ކޮށްގެން ވަނީ އެފަދަ ލީގެއް ފައްޓާފައެވެ. ނަމަވެސް އެއް އަހަރަށް ފަހު ލީގު ވަނީ ހުއްޓިފައެވެ.
އަނެއްކާވެސް މިވަނީ އެފަދަ ލީގެއް ނުވަތަ މުބާރާތެއް ބޭއްވުމުގެ ވަގުތު ޖެހިފައެވެ. ކުޅުދުއްފުށީގެ ޒުވާނުން ތިބީ އެފަދަ މުބާރާތަކަށް ކެތްމަދު ވެފައެވެ. އިންތިޒާމު ކޮށްދޭނެ ފަރާތެއްގެ އިންތިޒާރުގަ އެވެ. ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ބަޔަކު އިންތިޒާމު ކޮށް ދޭންދެން ތިބިގެން އެއްވެސް ކަމެއް ނުވާނެކަމެވެ.
މިކަމުގައި ކުޅުދުއްފުށީގައި ރަޖިސްޓްރީ ވެފައި ހުރި ޖަމިއްޔާތަކާއި ފުޓުބޯޅަ ކުޅޭ ގުރޫޕުތައް އެއްބަހެއް ކިޔައި، އެއްމޭޒު ދޮށަށް އާދެވިދާނެއެވެ. ކޮންމެ ޖަމިއްޔާ އަކުންވެސް ބަޔަކު އިސްކޮށް ހަރަކާތްތެރި ވުމަށް ނަގައި، ހިންގާ ކޮމިޓީ އެއް އެކުލަވާލެވިދާނެއެވެ. ހުރިހާ ޖަމިއްޔާތަކެއް ގުޅިގެން އެފަދަ މުބާރާތެއް ބޭއްވުމަކީ އެއްބައިވަންތަ ވެއްޖެނަމަ ނުވާނެ ކަމެއް ނޫނެވެ.
ދެން އޮތީ ފައިސާގެ ވާހަކައެވެ. ތަންތަނުން ސްޕޮންސަރ ހޯދުމަކީ ކިހާވަރެއްގެ އުނދަގޫ ކަމެއްކަން އެނގެއެވެ. އަދި މުބާރާތްތައް އިންތިޒާމު ކުރާ ފަރާތްތަކަށް އެކަންތައް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ “ފަންޑްރެއިސް” ކުރެވިދާނެއެވެ.
ހުރިހާ ޖަމިއްޔާއެއް އެކުވެގެން މިކަން ކުރަން އެއްވެސް ޖަމިއްޔާ އަކުން އިސް ނުނަގައިފި ނަމަ، އެހެން ގޮތެއް ވެސް އެބައޮތެވެ. ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމް މިހާރު ވަނީ ކުޅުދުއްފުށީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިފަދަ ކަމެއް އިންތިޒާމު ކުރުމަށް ކައުންސިލް އިން ވެސް އިސްނެގުން ގޯހެއް ނުވާނެއެވެ. ކުރިން ޒޯން ސްޓޭޑިއަމް އިން އިންތިޒާމު ކޮށްގެން ލީގެއް ފެށިގޮތަށް ނުވަތަ އެއަށްވުރެ ފުރިހަމަ އަށް ކައުންސިލްގެ ބެލުމުގެ ދަށުން މިކަން ކުރިވިދާނެ ކަމަށް ފެނެއެވެ.
ކައުންސިލް އަށް ވެސް މައްސަލަ އަކަށް ވާނެކަމަށް ފެންނަނީ ބަޖެޓެވެ. ނަމަވެސް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އާ ގުޅިގެން ނުވަތަ އެފްއޭއެމް އާ ގުޅިގެން ކޮންމެ ވެސް ކަހަލަ އިންތިޒާމެއް ހަމަޖެހޭތޯ ވާހަކަ ދެއްކުމަކީ ނެތް ކަމެއް ނޫނެވެ.
ކޮންމެ ދިމާލެއްގައިވެސް ދަތިތައް ހުންނާނެއެވެ. ނަމަވެސް އެދަތިތައް ފަހަނަ އަޅާދިއުމަށް މަސައްކަތް ކުރަން ޖެހެއެވެ. ކުޅުދުއްފުށީގެ ޒުވާނުން ތިބީ ފުޓުބޯޅަ ލީގެއް ބޭނުންވެފައެވެ. ނަމަވެސް އެކަން ކުރަން ވެސް ތިބީ ހަމަ ކުޅުދުއްފުށީގެ ޒުވާނުންނެވެ. ހުރިހާ މީހުން އެކުގައި މަސައްކަތް ކޮށްގެން އެއީ ނުވާނެ ކަމެއް ނޫނެވެ. ދެކެން ބޭނުންވަނީ ކުޅުދުއްފުށީގައި ވަރުގަދަ އަދި ފޯރިގަދަ ފުޓުބޯޅަ ލީގެއް އުފެދި، އޭގެތެރެއިން ހޮވާލެވޭ މޮޅެތި ކުޅުންތެރިން ތަކެއް ކުޅުދުއްފުށި ތަމްސީލު ކުރާތަނެވެ.