ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި އިއްޔެގެ ދެ މެޗު ކަސްޓަމްސް އާއި ޕޮލިސް ކާމިޔާބު ކޮށްފި އެވެ.
ފުރަތަމަ މެޗްގައި ކަސްޓަމާއި ކުޅުދުއްފުށީ ކައުންސިލް ވާދަކޮށް ކަސްޓަމްސް ކާމިޔާބުކުރީ 5 ލަނޑު 1 ލަނޑުންނެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމެންވާއިރަށް ކަސްޓަމްސް އިން ވަނީ 2 ލަނޑު ޖަހާފައެވެ. އެޓީމްގެ ފުރަތަމަ ހާފްގެ ލަނޑުތައް ޖަހާފައިވަނީ މާޖިދު އަހުމަދާއި މުހައްމަދު ހަސަން އެވެ.
ދެވަނަ ހާފްގައި ޖެހިގެން ދިޔަ ލަނޑު ތައް ޖަހާފައި ވަނީ ކަސްޓަމްސްގެ އަލީ އާދަމާއި، އަހުމީމް އަލީ އަދި ފަތުހުﷲ އާދަމްއެވެ. އޭގެ ތެރެއިން ފަހު ދެ ލަނޑު ޖަހާފައިވަނީ އިތުރު ވަގުތު ގައެވެ.
މިމެޗްގައި ކައުންސިލުން ޖެހި ހަމަ އެކަނި ލަނޑު ޖަހާފައިވަނީ ހުސައިން އަލީ އަށެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަސްޓަމްސްގެ ފަތުހުﷲ އާދަމެވެ.
އިއްޔެގެ ދެވަނަ މެޗްގައި ޕޮލިހާއި އެމްއެންޑީއެފް ބައްދަލުކޮށް ޕޮލިސް މޮޅުވީ 4 ލަނޑު 3 ލަނޑުންނެވެ. ފޯރިގަދަ މިމެޗް ގައި ޕޮލިހުގެ އަހުމަދު މުހައްމަދާއި އަހުމަދު އިބްރާހިމް އަދި އެމްއެންޑީއެފްގެ އަލީ އަބޫބަކުރު ވަނީ ދެލަނޑު ޖަހާފައެވެ. އަދި އެޓީމްގެ އަނެއް ލަނޑު ޖަހާފައިވަނީ އަބޫބަކުރު ޒަކަރިއްޔާ އެވެ.
މިމެޗްގެ މޭން އޮފް ދަ މެޗަކަށް ޕޮލިސް ޓީމްގެ އަހުމަދު މުހައްމަދު ހޮވިފައިވާއިރު އެޓީމުގެ އަބޫބަކުރު މުހައްމަދަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.
މިމުބާރާތުގައި މިއަދުވެސް ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ހޮސްޕިޓަލާއި އޭއީސީ އެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ އެސްޓީއޯ އާއި ދިރާގެވެ.