ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލަށް ޕޮލިސް އަދި އެމްއެންޑީއެފް ދަތުރުކޮށްފި އެވެ.
އެމްއެންޑީއެފް ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެސްޓީއޯއާ ބައްދަލުކޮށް 4-6 ލަނޑުން މެޗު ކާމިޔާބުކޮށްގެން ނެވެ. މި މެޗްގެ ފުރަތަމަ މިނެޓްގައި އެމްއެންޑީއެފްގެ އަބްދުﷲ ނާސިފްވަނީ ލަނޑެއް ޖަހާފައެވެ. އޭނާ ވަނީ މިމެޗްގައި އިތުރު ލަނޑެއް ޖަހާ މެޗްގެ މޮޅު ކުޅުންތެރިއާގެ މަޤާމްވެސް ހޯދާފައެވެ.
ނާސިފްގެ އިތުރުން އެޓީމްގެ އަހުމަދު އަލީ ވެސް ވަނީ މެޗްގައި 2 ލަނޑު ޖަހާފައެވެ. އެމްއެންޑީއެފްގެ އިތުރު ލަނޑުތައް ޖަހައިދިނީ އަބޫބަކުރު ޒަކަރިއްޔާ އާއި އަލީ އަބޫބަކުރު އެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި އެމްއެންޑީއެފް އިން ބޮޑު ލީޑެއް ނެގިނަމަވެސް ފަހު ހާފު ނިމެން ކައިރިވެފައި ވަނިކޮށް އެސްޓީއޯ އިން ތިން ލަނޑު ޖަހާފައި ވެއެވެ. އެސްޓީއޯއަށް ލަނޑުތައް ޖަހައިދީފައިވަނީ އެ ޓީމުގެ ހަސަން މުހައްމަދު، އަހުމަދު ނަދީމް އަދި އިބްރާހިމް އާސިފް އެވެ. މީގެ ތެރެއިން ހަސަން މުހައްމަދު ވަނީ 2 ލަނޑު ޖަހާފައި އެވެ.
ސެމީގެ ދެވަނަ މެޗުގައި މިއަދު ބައްދަލުކުރީ ފާއިތުވި އަހަރުގެ ޗެމްޕިއަން ހޮސްޕިޓަލުގެ ޓީމާއި ޕޮލިސް ޓީމް އެވެ. މި މެޗު ޕޮލިހުން ކާމިޔާބުކުރީ 4 ލަނޑު 2 ލަނޑުންނެވެ. މި މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ވެސް ޕޮލިސް ޓީމެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕޮލިސް ޓީމުގެ އަހުމަދު އިބްރާހީމް 2 ލަނޑު ޖަހާފައިވާއިރު އަނެއް 2 ލަނޑު ޖަހާފައިވަނީ އަލީ ފިރާގު އިބްރާހިމް އެވެ.
ގިނަ ފައުލްތަކެއް ފެނިގެންދިޔަ މި މެޗްގައި ހޮސްޕިޓަލުން ޖެހި ލަނޑުތައް ޖަހާދީފައިވަނީ އަހުމަދު އާދަމް އާއި މުހައްމަދު އަހުމަދު އެވެ. ފޯރިގަދަ މި މެޗް ނިމުމާއި ދާދި ގާތްވެފައިވަނިކޮށް ޕޮލިހުގެ އަހުމަދު މުހައްމަދުގެ އުޅަނބޮށި ހުޅުން ނެއްޓިގެން ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައެވެ.
މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު އެވެ.