ހަނިމާދޫ ޒުވާނުން ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ އާދަމް ސަލީމް ކަޕް 2012 ފުޓްބޯޅަ މުބާރާތް އިއްޔެ ފަށައިފި އެވެ.
ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗްގައި ހުކުރު ދުވަހުގެ ހަވީރު ބައްދަލުކޮށްފައި ވަނީ ޕޮލިސް އެންޑް އެމްއެންޑީއެފް އާއި ޔޫތު ފްރެންޑްސް ޖޫނިއަރސް އެވެ. ޔޫތް ފްރެންޑްސް ޖޫނިއަރސް މިމެޗް ކާމިޔާބު ކޮށްފައިވަނީ 2-1 އިންނެވެ.
މިމެޗުގައި ޔޫތު ފްރެންޑްސް އިން ކާމިޔާބުކުރި ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ 17 ވަނަ މިނެޓްގައި ޔޫތު ފްރެންޑްސް ޖޫނިއަރގެ ޖޯޒީ ނަންބަރ 20 ޝުހޫދު ހަސަން އެވެ. އެކެއް ސުމަކުން ޔޫތު ފްރެންޑްސް ކުރީގައި އޮވެ މެޗް ނިމެން ދަނިކޮށް 80 ވަނަ މިނެޓްގައި ޕޮލިސް އެންޑް އެމްއެންޑީއެފް ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި އެޓީމުގެ ނައީމު ކާމިޔާބު ކުރިގޯލަކުން ނަތީޖާ ހަމަހަމަ ވިއެވެ. ނަމަވެސް މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ޔޫތު ފްރެންޑްސްގެ ޖޯޒީ ނަންބަރ 31 ފަރުހާދު މޫސާ ގޯލެއް ޖަހައި އެޓީމު މޮޅު ކޮށްދިނެވެ.
މި މެޗްގައި ޖުމްލަ އިން ރީދޫ ކާޑު ފެނިގެންދިޔައެވެ. އެއީ ޔޫތް ފްރޭންޑްސް ޖޫނިއަރސްގެ ފަރުހާދާއި މުހަންމަދު މަފާޒަށާއި އަދި ޕޮލިސް އެންޑް އެމްއެންޑީއެފްގެ އަބްދުލް އަލީމަށެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔޫތް ފްރެންޑްސް ގެ ޖޯޒީ ނަންބަރ 7 އަބްދުﷲ އިބްރާހިމް އެވެ.
އިއްޔެގެ މެޗު ޝަރަފްވެރި ކޮށްދެއްވާފައިވަނީ މުބާރާތުގެވެސް ޝަރަފްވެރި މެހެމާން، ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސަލާމް އަލީ އެވެ.
ބައިވެރިވި 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގައި މިއަދު އޮންނާނީ ގްރޫޕް ބީ ގެ މެޗެކެވެ. މި މެޗްގައި ބައްދަލުކުރާނީ B2 ސްޕޯރޓްސް އާއި ރިއަލް ސްޓާރ އެވެ. މާދަމާ ގްރޫޕް އޭގައި ބައްދަލު ކުރާނީ އަހުލީ އާއި އެންމެ ފަހުގެ ޗެމްޕިއަން ޔޫތު ފްރެންޑްސް އެވެ.
ހަނިމާދޫ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްދާ މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 07 ން 31 ށެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ އެސް.ޓީ.އޯ އެވެ.