twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަފީފުއްދީން ސްކޫލްގެ އިންޓަރހައުސް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފަރީދީ ހައުސް ހޯދައިފި

Jul 7, 2013

އަފީފުއްދީން ސްކޫލްގެ އިންޓަރހައުސް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފަރީދީ ހައުސް ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދިޔަ ފައިނަލްމެޗްގައި ހަނި މޮޅަކުން ފަރީދީ ހައުސް މެޗު ކާމިޔާބުކުރީ ޣާޒީ ހައުސްގެ މައްޗަށް 1-0 ލަނޑުން ކުރި ހޯދައިގެންނެވެ. މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެފައި ވަނީ ޣާޒީ ހައުސްގެ ކުޅުންތެރިންނެވެ.  އެހެން ނަމަވެސް މި މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހައިދީފައިވަނީ ފަރީދީ ހައުސްގެ ޖޯޒީ ނަމްބަރު 7 މުހައްމަދު ޒަކަރިއްޔާ އެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ އެކި އެކި މަގާމުތަކަށް ވަނީ ސެޓްފިކެޓާއި ޓްރޮފީ ހަވާލުކޮށްފައެވެ. ވަނަވަނައަށް ދިޔަ ޓީމުތަކަށާއި ކުޅުންތެރިންނަށް އިނާމު ދެއްވީ ޝަރަފުވެރި މެހެމާނު ހދ ޓީޗަރ ރިސޯސް ސެންޓަރުގެ ޓީޗަރ އެޑިއުކޭޓަރ އަބްދުއްރަޝީދު ސައީދެވެ.

މި މުބާރާތުގެ ބެސްޓު ފޯވާޑުގެ މަގާމު ހޯދީ ޣާޒީ ހައުސްގެ މުހައްމަދު ޝާމްއެވެ. ބެސްޓް މިޑްފީލްޑަރަކަށް ފަރީދީގެ އަލީ އަބޫބަކުރު ހޮވިފައިވާއިރު އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ އެޓީމުގެ އަމްޖަދު ޔަހުޔާއެވެ.

މުބާރާތުގައި 8 ލަނޑު ޖަހައިގެން ޓޮޕް ސްކޯރަރގެ މަގާމު ހޯދާފައިވަނީ ފަރީދީ ހައުސްގެ ހުސައިން އާދަމެވެ. އަދި ބެސްޓް ޑިފެންޑަރ އާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ފަރީދީގެ ހަސަން މުހައްމަދު ހޮވިފައިވާއިރު އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޣާޒީ ހައުސްގެ އަހުމަދު ނަބީލް އެވެ.

ހުސްވި ޖޫން މަހުގެ ތިރީހުން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި ބައިވެރިވެފައިވަނީ މަޖީދީ ހައުސްއާއި، އަމީނީ ހައުސްގެ އިތުރުން ފަރީދީ އާއި ޣާޒި ހައުސްއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355