މިމަހުގެ 22 އިން 24 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި ހދ އަތޮޅުން 3 ސްކޫލަކުން ބައިވެރިވެއްޖެ އެވެ.
އެތުލެޓިކްސް މީޓުގައި ބައިވެރިވެފައި ވަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ހދ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލާއި ހދ.ނޮޅިވަރަންފަރު ސުކޫލެވެ.
ހދ. އަތޮޅު ތައުލީމީ މަރުކަޒުން މި މީޓްގައި ތިން އުމުރު ފުރާއަކުން 52 އެތުލީޓުންނާއި 10 އޮފިޝަލުން ބައިވެރި ވާނެކަމަށް އެ ސްކޫލުން ހާމަކުރެއެވެ. އެއީ 9 އަހަރުންދަށް 11 އަހަރުންދަށް އަދި 13 އަހަރުން ދަށުގެ އުމުރުފުރާއިން ބައިވެރިވާ 26 އަންހެން އެތުލީޓުންނާއި 26 ފިރިހެން އެތުލީޓުންނެވެ.
ހދ. އޭއީސީގެ ސްޕޯޓްސް ސުޕަވައިޒަރ ޢަލީ ޝަރީފު ވިދާޅުވި ގޮތުގައި މި މުބާރާތަށް ތައްޔާރުވަމުން އަންނައިރު ފައިސާގެ ދަތިތައް ކުރިމަތިވެފައިވާކަމަށާއި އެހެންނަމަވެސް ބެލެނިވެރިންނާއި އަމިއްލަ ފަރާތްތަކުން ލިބޭ އެއްބާރުލުން އޭނާ ފާހަގަ ކުރައްވައެވެ. މި މުބާރާތަށް ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18ވަނަ ދުވަހު އެވެ.
ޖަލާލުއްދީން ސުކޫލުންވެސް އަންނަނީ މި މުބާރާތަށް ނުހަނު ފޯރި އާއެކު ތައްޔާރުވަމުންނެވެ. 15 އަހަރުން ދަށުގެ އުމުރުފުރާއިން އަދި 17 އަހަރުން ދަށުގެ އުމުރުފުރާއިން ގާތްގަނޑަކަށް 16 އެތުލީޓުންނާއި 4 އޮފިޝަލުން ބައިވެރިވާނެކަމަށް އެސްކޫލްގެ ޑެޕިއުޓީ ޕުރިންސިޕަލް އަލީ އިސްމާއިލް ވިދާޅުވި އެވެ.
އަލީ އިސްމާއިލް ވިދާޅުވީ މި މުބާރާތުގައި ވާދަ ކުރާ ޖަލާލުއްދީން ސްކޫލްގެ ޓީމް މާލެ ދިއުމަށް ފުރާނެ ވަކި ދުވަހެއް އަދި ހާމަކުރަން ދަތި ކަމަށެވެ.
މި މުބާރަތުގައި 23 އެތުލީޓުންނާއެކު ބައިވެރިވާ ތިންވަނަ ސްކޫލަކީ ހދ.ނޮޅިވަރަންފަރު ސުކޫލެވެ. ނޮޅިވަރަންފަރު ސްކޫލްގެ ޓުރޭނިން ލީޑިން ޓީޗަރ އަލީ އަހުމަދު ވިދާޅުވީ މި މުބާރާތުގެ ތައްޔާރުވުންތައް ރަމަޟާންމަހާއެކު މަޑުޖެހިލުމަށްފަހު މިހާރު އަނެއްކާ ފެށިގެން ކުރިއަށް ދާކަމަށާއި މިއީ މާލޭގައި އޮންނަ މުބާރާތެއްގައި ނޮޅިވަރަންފަރު ސްކޫލުން ބައިވެރިވާ ފުރަތަމަ ފަހަރު ކަމުން ރަނގަޅު ކާމިޔާބީ އެއް ހޯދުމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.
މިގޮތުން އެސްކޫލުން އެތުލީޓުން ވާދަކުރުމަށް ހަމަޖެހިފައިވަނީ 11 އަހަރުންދަށާއި 13 އަހަރުން ދަށާއި 15 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 17އަހަރުންދަށުގެ އުމުރުފުރާއިންނެވެ. މި މުބާރާތަށް ނޮޅިވަރަންފަރު ސްކޫލުގެ ޓީމު ފުރުމަށް ހަމަޖެހިފައިވަނީ މި މަހު 20 ވަނަ ދުވަހުއެވެ.
އެތުލެޓިކްސް މީޓުގައި ބައިވެރިވެފައިވާ ތިން ސްކޫލުންވެސް މައުލޫމާތު ދޭ ގޮތުގައި މި މުބާރާތަށް އެތުލެޓިކްސް އެސޯސިއޭޝަނުން މާބޮޑު އެއްބާރުލުމެއް ނުލިބެ އެވެ. އެގޮތުން އެސޯސިއޭޝަނުން ދީފައިވަނީ ހަމައެކަނި ހުރުމުގެ ހަރަދު ކަމަށާއި ކެއުމާއި އެހެނިހެން ހަރަދުތައް ކުރަން ޖެހެނީ ސްކޫލު ބަޖެޓުން ކަމަށެވެ.