ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ވެސް ވަނީ ވަރުގަދަ މެޗުތަކެއް ކުޅެފަ އެވެ.
މިގޮތުން “ގުރޫޕް އޭ” ގެ ދެވަނަ މެޗުގައި އިންގްލެންޑްގެ މެންޗެސްޓަރ ޔުނައިޓެޑްވަނީ ހަނިގޮތަކަށް ސްޕެއިންގެ ރިއަލް ސޮސައިޑް އަތުން މޮޅުވެފަ އެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގެ ހަމައެކަނި ގޯލަކީ މެޗު ފެށިގެން 2 ވަނަ މިނެޓްގައި އިންގްލެންޑުގެ ފޯވާޑް ވޭން ރޫނީ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތުމުން ދިފާއު ކުރަން އުޅުމުގެ ތެރޭގައި ސްޕެއިންގެ އިންގޯ މާޓެއިންޒް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ބުދަ ރޭގެ ނަތީޖާތަކާއެކު މި ވަގުތު މި ގުރޫޕްގެ 1 ވަނާގައި 7 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ.
ރޭގަ ކުޅެވުނު މެޗުތަކުގެތެރެއިން އެންމެ ވަރުގަދަ މެޗެއްގެ ގޮތުގައި ފާހަގަ ކުރެވުނީ “ގުރޫޕް ބީ” ގައި މި މުބާރާތް 5 ފަހަރު ކާމިޔާބުކޮށްފައިވާ ސްޕެއިންގެ ރިއަލް މެޑްރިޑް އާއި ދެފަހަރު މިމުބާރާތް ކާމިޔާބުކޮށްފައިވާ އިޓަލީގެ ޔުވެންޓަސް ބައްދަލުކުރި މެޗެވެ. ރިއަލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު 2-1 ން ކާމިޔާބު ކުރީ ރިއަލް މެޑްރިޑެވެ.
މި މެޗުގައި 4 ވަނަ މިނެޓްގައި ރިއަލް އަށް ލީޑު ހޯދައިދިނީ ޕޯޗްގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ނަމަވެސް 22 ވަނަ މިނެޓްގައި ޔުވެންޓަސް އަށް މެޗު އެއްވަރުކޮށްދިނީ ފެނަންޑޯ ލޯރެންޓް އެވެ. ރިއަލްމެޑްރިޑް މޮޅުވި ގޯލް 29 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީވެސް ރޮނާލްޑޯއެވެ.
މި ނަތީޖާއާއެކު ރިއަލް މެޑްރިޑަށް 9 ޕޮއިންޓާއެކު މި ގުރޫޕްގެ 1 ވަނަ ލިބޭއިރު، ރޭގައި މި ގުރޫޕުގައި ގަލަސަތަރާއި ކުޅުނު މެޗުން މޮޅުވެ 4 ޕޮއިންޓާއެކު 2 ވަނައަށް ވަނީ ޖެހިލާފައެވެ.
ގުރޫޕް ސީގައި ބެލްޖިއަމްގެ އަންޑަލެޓް އާއި ފުރާންސްގެ ޕީ.އެސް.ޖީ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 5-0 ން ޕީ.އެސް.ޖީ ވަނީ ކާމިޔާބުކޮށްފަ އެވެ.
މި މެޗުގައި ސްވިޑެންގެ ސްޓްރައިކަރ ޒްލާޓަން އިބްރަހިމޮވިޗް ވަނީ ޕީ.އެސް.ޖީ އަށް 4 ގޯލް ކާމިޔާބު ކޮށް ހެޓްރިކެއް ހަދާފަ އެވެ. ޕީ.އެސް.ޖީ އަށް ދެން ގޯލްޖަހާދީފައިވަނީ އެޑިސަން ކަވާނީ އެވެ. މި ގުރޫޕްގައި 9 ޕޮއިންޓާއެކު 1 ވަނާގައި ޕީ.އެސް.ޖީ އޮތްއިރު 4 ޕޮއިންޓާއެކު 2 ވަނާގައި އޮތީ ރޭ ޕޯޗުގަލްގެ ބެންފިކާއާ ރަށުންބޭރުގައި ކުޅެ އެއްވަރު ކުރި ގުރީސްގެ އޮލިމްޕިއާކޯސް އެވެ.
ގުރޫފް ޑީގައި ރަޝިޔާގެ ސީ.އެސް.ކޭ މޮސްކޯ އަދި އިންގްލެންޑްގެ މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗް 2-1 ން ކާމިޔާބު ކުރީ ސިޓީ އެވެ. ރަށުންބޭރުގަ ކުޅުނު މި މެޗު ސިޓީއަށް ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ތަރި ސާޖިއޯ އަގުއެރޯގެ 2 ލަނޑުންނެވެ. ސީ.އެސް.ކޭ މޮސްކޯ ގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޒޯރަން ޓޮސިކް އެވެ.
އެންމެފަހުގެ ޗެމްޕިއަން ޖަރުމަނުގެ ބަޔާންމިއުނިކް ރޭ ވަނީ އަމިއްލަ ދަނޑުގައި ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެން 5-0 ބަލިކޮށްފައެވެ.
ބަޔާންގެ ފުރަތަމަ ލަނޑު 25 ވަނަމިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ފްރެންކް ރިބެރީއެވެ. ދެވަނަ ލަނޑު 37 ވަނަމިނެޓްގައި ކާމިޔާބުކޮށްދިނީ ޑޭވިޑް އަލްބާ އެވެ. ތިންވަނަ ލަނޑު 61 ވަނަ މިނެޓްގައި ރިބަރީ ކާމިޔާބުކުރިއިރު ހަތަރުވަނަ ލަނޑު 64 ވަނަ މިނިޓގައި ކާމިޔާބުކޮށްދިނީ ސްވެންސްޓްނެގާ އެވެ. ބަޔާންގެ ފަހުލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ މާރިއޯ ގޮމޭޒް އެވެ.
ގުރޫޕް ޑީ ގައި 9 ޕޮއިންޓާއެކު 1 ވަނާގައި ބަޔާން އޮތްއިރު، 6 ޕޮއިންޓާއެކު 2 ވަނާގައި އޮތީ މެންޗެސްޓަރ ސިޓީއެވެ.
[yass cats=49]