twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފެށިއްޖެ

Nov 5, 2013

ޒިގްޒެގް ފޯރ ޔޫތް ލިންކޭޖުން ބާއްވާ އޮފީސްތަކާއި ކުންފުނިތަކަށް ބާއްވާ ހަތަރު ވަނަ ފުޓްސަލް މުބާރާތް، އޭޑީކޭ އެންޑީސީ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ރޭ ފަށައިފި އެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވުނު މެޗުގައި ރޭ ބައްދަލުކުރީ ޕޮލިސް ޓީމާއި އޭއީސީގެ ޓީމެވެ. އޭޑީކޭ އެންޑީސީގެ އޮޕަރޭޝަން މެނޭޖަރު އަބްދުﷲ އަލީ ޝަރަފުވެރި ކޮށްދެއްވި މި މެޗު 9 ލަނޑު 1ލަނޑުން ކާމިޔާބު ކުރީ ޕޮލިސް ޓީމެވެ.

ޕޮލިސް ޓީމުގެ އަހުމަދު މުހައްމަދާއި އިބްރާހިމް ހަސަން މި މެޗްގައި 3 ލަނޑު ޖަހާފައިވެ އެވެ. އެ ޓީމުގެ އަހުމަދު ފަހުމީ އާއި އަހުމަދު މޫސާ ވެސް ވަނީ ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. އެ ޓީމުގެ ފަހު ލަނޑަކީ އޭއީސީ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗްގައި އޭއީސީން ފެނިގެން ދިޔަ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް ރަޝީދެވެ.

ވާރެ ވެހެމުން ދިއުމުގެ ސަބަބުން ފަށަން އޮތް ގަޑިއަށް ވުރެން ތަންކޮޅެއް ލަހުން ފެށުނު މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ޓީމުގެ ޖާޒީ ނަމްބަރު 8 އަހުމަދު މުހައްމަދެވެ.

މި މުބާރާތުގައި ރޭ ކުޅެވުނު ދެވަނަ މެޗްގައި އެމްއެންޑީއެފް އާއި ހޮސްޕިޓަލުގެ ޓީމު ބައްދަލު ކުރި މެޗް ނިމުނީ 5-5 އިން އެއްވަރު ވެގެން ނެވެ. ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ޝަރަފުވެރި ކޮށްދިނީ ފެނަކަ ކޯޕާރޭޝަން ކުޅުދުއްފުށި އިންޖީނުގޭ އެސިސްޓެންޓް އިންޖިނިއަރު އަހުމަދު ހަސަން އެވެ.

މެޗް ފެށިގެން މާ ގިނަ އިރު ތަކެއް ނުވެ ހޮސްޕިޓަލުން އެމްއެންޑިއެފްގެ ގޯލު ހުޅުވާލައި ތިން ލަނޑުގެ ލީޑެއް ވަނީ ނަގާފައެވެ. މި މެޗުގައި އެމްއެންޑީއެފްގެ އަލީ އަބޫބަކުރު 2 ލަނޑު ކާމިޔާބު ކޮށްދިން އިރު އެޓީމުގެ އަހުމަދު އަލީއާއި އަބުދްﷲ ނާސިހްގެ އިތުރުން އަބްދުﷲ އަލީވެސް ވަނީ ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. މި މެޗުގައި ހޮސްޕިޓަލު ޓީމުގެ އަހުމަދު އާދަމް އާއި އަސްލަމް މުހައްމަދު ލަނޑެއް ކާމިޔާބު ކޮށްދިން އިރު އެޓީމުގެ މުހައްމަދު އަހުމަދު ދެ ލަނޑު ކާމިޔާބު ކޮށްދީފައި ވެއެވެ. މި މެޗްގެ މޭން އޮފް ދަ މެޗްކަށް ހޮވުނީ ހޮސްޕިޓަލު ޓިމުގެ ޖާޒީ ނަންބަރު 11 އަސްލަމް މުހައްމަދެވެ.

މި މުބާރާތުގައި މިރޭ ވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭގެ ފުރަތަމަ މެޗުގައި ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑްގެ ޓީމާއި އެސްޓީއޯ ބައްދަލު ކުރާއިރު ދެވަނަ މެޗުގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ކަސްޓަމާއި ފަޔަރ އެންޑް ރެސްކިއު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355