އިންޑިއާގެ ރަންޗީގައި ބާއްވާ ދެކުނު އޭޝިއާގެ ދެ ވަނަ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ބައިވެރިވާ ފަސް އެތުލީޓުންގެ ތެރޭގައި ކުޅުދުއްފުށީގެ އެތްލީޓެއް ހިމެނިއްޖެ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން މިއަހަރު މާލެ އާއި ރާއްޖޭގެ އަތޮޅުތަކުގައި ބާއްވާފައިވާ އެކި އެކި މުބާރާތްތަކުގައި ވާދަކުރި އެތުލީޓުންގެ ތެރެއިން ނަގާފައިވާ މި ޓީމުގައި ހިމެނޭ ކުޅުދުއްފުށީގެ އެތްލީޓަކީ ޖަލާލުއްދީން ސްކޫލުގެ ހުސައިން ރިޒާ އެވެ.
ހުސައިން ރިޒާގެ އިތުރުން ރާއްޖެއިން މުބާރާތުގައި ވާދަކުރާ އެތުލީޓުންނަކީ އޭޝިއަން ޔޫތު ގޭމްސްގެ ސެމީ ފައިނަލުގައި ވާދަކޮށް އޭޝިއާގެ 200 މީޓަރު ދުވުމުގެ 16 އަހަރުން ދަށުގެ ގަދަ 16 ދުވުންތެރިންގެ ތެރޭ ހިމެނުނު އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލްގެ ހުސައިން ޝަހުދާން ފަހުމީ އާއި މިދިޔަ އަހަރުގެ ގިނަ މުބާރާތްތަކެއްގައި ވާދަކުރި ކަލާފާނު ސްކޫލްގެ ހުސައިން ނަވާފް ރައޫފާއި ޝަރަފުއްދީން ސްކޫލުގެ އިބްރާހިމް އަމީން ހަސަން ދީދީ އާއި މައިލޯ އިންޓަ ސްކޫލްގައި ވާދަކުރި އައްޑޫ ހައި ސްކޫލްގެ އަލީ ނާއިމް ހުސައިން އެވެ.
މިނޫހާ ވާހަކަ ދައްކަމުން ހުސައިން ރިޒާ ބުނީ މިފަދަ ފުރުސަތެއް ލިބިދާނެ ކަމަށް އުއްމީދުވެސް ނުކުރާ ކަމަށާއި މި ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށެވެ. އަދި އޭނާ އަށް މިހާހިސާބަށް އާދެވުނީ ކޯޗު މުހައްމަދު ހަސަންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކަމަށާއި ކޯޗަށް ޝުކުރު އަދާކުރާ ކަމަށްވެސް ހުސައިން ބުންޏެވެ. އަދި މި މުބާރާތުގައި ރާއްޖެއަށާއި ކުޅުދުއްފުއްޓަށް ފަޚުރުވެރި ނަމެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ހުސައިން ބުންޏެވެ.
މިމަހުގެ 10 – 12 އަށް ބާއްވާ މި މުބާރާތުގައި ރާއްޖެ އިން ވާދަކުރާނީ 100 މީޓަރާއި 200 މީޓަރާއި 400 މީޓަރު ދުވުމާއި 100 މީޓަރު އަދި 400 މީޓަރު ރިލޭގަ އެވެ. ރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ ޓީމުގެ ކޯޗަކީ އެސޯސިއޭޝަންގެ ސްޕްރިންޓް ކޯޗު އަދި ކުރީގެ ބާރު ދުވުންތެރިޔާ އަހުމަދު ފާއިލް އެވެ.