ޒިގްޒެގް ފޯރ ޔޫތް ލިންކޭޖުން އޮފީސްތަކާއި ކުންފުނިތަކަށް ބާއްވާ ހަތަރު ވަނަ ފުޓްސަލް މުބާރާތް، އޭޑީކޭ އެންޑީސީ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ރޭ ކުޅެވުނު މެޗްތައް ކުޅުދުއްފުށީ ޕޯޓްސް އާއި ކަސްޓަމްސް އިން ކާމިޔާބު ކޮށްފި އެވެ.
މިގޮތުން ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ޕޯޓްސް އާއި އެސްޓީއޯ ބައްދަލުކޮށް ޕޯޓްސް މޮޅުވެފައިވަނީ 3 ލަނޑު 1 ލަނޑުންނެވެ.
މި މެޗްގައި ޕޯޓްސްގެ އަހުމަދު އިސްމާއިލް ދެ ލަނޑު ކާމިޔާބު ކޮށްދީފައިވާއިރު އެޓީމުގެ 3 ވަނަ ލަނޑު ޖަހާފައިވަނީ އަބްދުއްރަހީމް އަލީ އެވެ. އަދި އެސްޓީއޯގެ ހަމަ އެކަނި ލަނޑު ޖަހާފައިވަނީ އަބްދުﷲ އަބޫބަކުރެވެ.
މި މެޗްގައި ޕޯޓުގެ ޖޯޒީ ނަމްބަރު 5 މުހައްމަދު ހަސަން އަށް މޮޅު ކުޅުންރިޔާގެ މަގާމު ލިބުނު އިރު އެޓީމުގެ ސަމީރު ޔޫސުފަށް ވަނީ ރީނދޫ ކާޑެއްވެސް ދައްކާފައެވެ.
ރޭ ކުޅުނު މި މުބާރާތުގެ ދެވަނަ މެޗު ކަސްޓަމްސް އިން ކާމިޔާބުކޮށްފައިވަނީ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނާއި ބައްދަލުކޮށް 6 ލަނޑު 3 ލަނޑުންނެވެ.
މި މެޗުގައި ކަސްޓަމްސްގެ އަލީ އާދަމާއި ފަތުހުﷲ އާދަމް ވަނީ ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މި މެޗްގައި އެޓީމުގެ އަނެއް ދެލަނޑު ޖަހާފައިވަނީ ހުސައިން ޝުއައިބާއި ޒައިދު މުހައްމަދެވެ. މި މެޗްގައި ފަޔާގެ އަނިލް އަހުމަދު ދެލަނޑު ޖަހާފައިވާއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އިބްރާހިމް ސަމީރެވެ.
މި މެޗްގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ކަސްޓަމްސްގެ ޖޯޒީ ނަމްބަރ7 އަލީ އާދަމެވެ. މި މެޗްގައި ފަޔާގެ މުހައްމަދު ހަސަންއަށް ވަނީ ރީނދޫ ކާޑެއްވެސް ދައްކާފައެވެ.
މި މުބާރާތުގެ އިތުރު ދެމެޗް މިރޭވެސް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ އެމްއެންޑީއެފް އާއި އެމްޑަބްލިއުއެސްސީ އެވެ. އަދި މިރޭގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ އެމްއާރުޑީސީ އާއި އަފީފުއްދީން ސްކޫލެވެ.