ޗެމްޕިއަންސް ލީގުގެ ގުރޫޕް އެފް ގައި އެންމެ ފަހުގެ ރަނައަޕް ޖަރުމަނުގެ ބޮރުޝިއަރ ޑޮޓްމަންޑް އާ ދެކޮޅަށް ދެވަނަ ލީގްގައި ޑޮޓްމަންޑްގެ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ބަލިކޮށް އާސެނަލްގެ ފެންވަރު ދައްކާލައި އާސެނަލް އިން ރަނގަޅު ބަދަލެއް ހިފައިފި އެވެ.
ރޭ ކުޅެވުނު މި މެޗުގެ ހަމައެކަނި ލަނޑު އާސެނަލްއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 62 ވަނަ މިނެޓްގައި މި ސީޒަންގައި އާސެނަލްއަށް މޮޅު ކުޅުމެއް ދައްކަމުންއަންނަ ވޭލްސްގެ 22 އަހަރުގެ ޒުވާން މިޑްފީލްޑަރ އޭރަން ރެމްސީ އެވެ. މިދެޓީމު އާސެނަލް ދަނޑުގައި ބައްދަލު ކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޑޮޓްމަންޑެވެ.
ރޭގެ މޮޅާއެކު އާސެނަލް މުބާރާތުގެ ކުއާޓަރ ފައިނަލާ ގާތަށް ޖެހިލިއިރު އާސެނަލްއަށް 9 ޕޮއިންޓާއެކު ގުރޫފްގެ 1 ވަނަ ލިބެނީ 2 ވަނާގައި އޮތް އިޓަލީގެ ނަޕޯލީއާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ފައިދާ 2 ގޯލުންނެވެ. ރޭގެ ބައްޔާއެކު ޑޮޓްމަންޑަށް ވަނީ މުބާރާތުގެ ކުއާޓާފައިނަލަށް ދިއުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ.
ރޭ ކުޅެވުނު ބައެއް އެހެން މެޗްތަކަށް ބަލާއިރު ގުރޫޕް އީ ގައި ފްރާސްގެ ޝަލްކޭ އާއި ވާދަކޮށް އިނގިރޭސި ވިލާތުގެ ޗެލްސީ ވަނީ ފަސޭހަ ކަމާއެކު އަމިއްލަ ދަނޑުގައި މޮޅުވެފައެވެ. ޗެލްސީގެ ގޯލްތައް ޖަހާދީފައިވަނީ މެޗުގެ 31 އަދި 54 ވަނަ މިނެޓްގައި ކެމަރޫންގެ ތަރި ސެމިއުލް އެޓޫ ގެ ދެ ގޯލާއި އަދި 83 ވަނަ މިނެޓްގައި ސެނަގޯލްގެ ސްޓްރައިކަރ ޑަމްބާ ބާ އެވެ. ރޭގެ މޮޅާއެކު ޗެލްސީ ވަނީ 9 ޕޮއިންޓާއެކު މި ގުރޫޕްގެ 1 ވަނާގައި ހަމަ ޖެހިލާފައެވެ.
ގުރޫޕް އެޗްގައި ސްޕެއިންގެ ބާސެލޯނާ އާއި އިޓަލީގެ އޭސީ މިލާން ބައްދަލު ކުރި މެޗް 3-1 ން ފަސޭހަކަމާއެކު ކާމިޔާބުކުރީ ބާސެލޯނާއެވެ.
ބާސެލޯނާ ދަނޑުގައި ކުޅުނު މިމެޗުގައި ބާސެލޯނާގެ ފުރަތަމަ ގޯލް ލިބުނު ޕެނަލްޓީއަކުން 30 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއެވެ. ބާސާގެ ދެވަނަ ގޯލް ސްޕެއިންގެ މިޑްފިލްޑަރ ސާޖިއޯ ބުސްކެޓް 39 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިން އިރު ބާސާގެ 3 ވަނަ ގޯލް 83 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީވެސް މެސީއެވެ.
އޭސީ މިލާންގެ ހަމައެކަނި ގޯލަކީ ސްޕެއިންގެ ޑިފެންޑަރ ބާސާގެ ޖެރާޑް ޕީކޭ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ރޭގެ މޮޅާއެކު ބާސެލޯނާ 10 ޕޮއިންޓާއެކު ވަނީ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ވެފައެވެ. މި ދެޓީމު ފުރަތަމަ އޭސީ މިލާން ދަނޑުގައި ކުޅުމު މެޗު ނިމިފައިވަނީ 1-1 ން ދެޓީމް އެއްވަރުވެގެނެވެ.