ރޮނާލްޑޯ ސްޕެނިސް ލަލީގާގައި ހެދި 19 ވަނަ ހެޓް ޓްރިކާއެކު 5-1 ން ފަސޭހަކަމާއެކު ރިއަލް ސޮސައިޑް އަތުން ރޭ ރިއަލް މެޑްރިޑް މޮޅުވެއްޖެ އެވެ.
ރިއަލް މެޑްރިޑްގެ އަމިއްލަ ދަނޑު ސެންޓިއާގޯ ގައި ކުޅުނު މި މެޗު ފެށިގެން ރިއަލް ސޮސައިޑް ރަނގަޅު ކުޅުމެއް ދައްކަމުންދަނިކޮށް މެޗުގެ 12 ވަނަ މިނެޓްގައި ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ރިއާލް އަށް ލީޑް ނަގައިދީ ގޯލް ހުޅުވާލަދިން އިރު އޭގެ 5 މިނެޓް ފަހުން ފުރާންސްގެ ސްޓްރައިކާ ކަރިމް ބެންޒަމާ ވަނީ ރިއާލްގެ 2 ވަނަ ގޯލް ޖަހާ ލީޑު ފުޅާކޮށްދީފައެވެ.
ރިއަލްމެޑްރިޑް ގެ 3 ވަނަ ގޯލް މެޗުގެ 26 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީވެސް އެންމެ ފަހުން ރިއާލް ކުޅުނު 4 މެޗުން 9 ގޯލް ކާމިޔާބު ކޮށް ރަނގަޅު ފޯމުގައި ހުރި މެންޗެސްޓަރ ޔުނައިޓެޑުން ވިދާލި ރޮނާލްޑޯއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން 38 ވަނަ މިނެޓްގައި ރިއާލްގެ 4 ވަނަ ގޯލް ކާމިޔާބު ކޮށްދިނީ ޖަރުމަނުގެ މިޑްފިލްޑަރ ސަމީ ކަދިރާ އެވެ.
ރިއަލް ސޮސައިޑްގެ ފުރަތަމަ ގޯލް މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބު ކޮށް ސުން ކަނޑުވާލަދިނީ ފްރާންސް ގެ 22 އަަހަރުގެ ޒުވާން މިޑްފިލްޑަރ އެންޓޯނީ ގްރިޒްމެން އެވެެ.
ރިއަލް މެޑްރިޑްގެ 5 ވަނަ ގޯލް އަދި ރޮނާލްޑޯގެ 3 ވަނަ ގޯލް މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބު ކުރި އިރު މި ގޯލާއެކު ރޮނާލްޑޯ މި ސީޒަންގައި ސްޕެނިސް ލަލީގާގައި ޖެހި ގޯލްގެ އަދަދު ވަނީ 16 އަށް އަރާފައެވެ. ގޯލް ލިސްޓްގެ 2 ވަނާގައި 13 ގޯލާއެކު އެތްލެޓިކޯ މެޑްރިޑްގެ ސްޓްރައިކަރ ކޮސްޓަރ ހިމެނެއިރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ބާސެލޯނާގެ އާޖެންޓީނާ ތަރި ލައިނޮލް މެސީ ހިމެނެނީ 8 ގޯލާއެކު 3 ވަނާގައެވެ.
މި މޮޅާއެކު ރިއާލް މެޑްރިޑް ވަނީ 34 ޕޮއިންޓާއެކު 1 ވަނާގައި އޮތް ބާސެލޯނާއާއި އޮތް ފަރަގު 3 ޕޮއިންޓަށް ކުޑަކޮށްފައެވެ. ލަލީގާގެ 2 ވަނާގައި 33 ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު މި ދެޓީމަށްވުރެ އެއް މެޗު އިތުރަށް ކުޅެ ރިއަލް މެޑްރިޑަށް ލިބިފައިވަނީ 31 ޕޮއިންޓެވެ.