ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ 18ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
މިގޮތުން ކައުންސިލްތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް އަންނަ ހޯމަދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ޑިސެމްބަރު 8ގެ ހަވީރު 3:00 އަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކުރެއެވެ. އެގޮތުން، ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ފޯމް ބަލައިގަންނާނެ ކަމަށާއި ހުކުރުދުވަހު ފޯމް ބަލައިގަންނާނީ މެންދުރުފަހު 2:00 އިން ހަވީރު 6:00 ކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.
2011 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބާއި ހިލާފަށް އަންނަ އަހަރު ބާއްވާ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ކައުންސިލަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއިއެކު ކުށު ރިކޯޑުތައް ސާފްކުރުމަށްފަހު ފަހު ކޯޓުތަކުން ދޭ ލިޔުން އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ. މިގޮތުން ރަށު ކައުންސިލަށް ކުރިމަތިލާ ނަމަ ފޯމް ހުށަހަޅާނީ، ، އެ ރަށެއްގައި ގާއިމުކޮށްފައިވާ އިލެކްޝަންސް ކޮމިޓީއަށެވެ. އަދި އަތޮޅު ކައުންސިލަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށައަޅަން ޖެހޭނީ އެ އަތޮޅެއްގެ އިލެކްޝަންސް ޔުނިޓުގައި ގާއިމުކޮށްފައިވާ އިލެކްޝަންސް ކޮމިޓީއަށް ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.
ޖެނުއަރީގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ކައުންސިލްތަކުގެ އިންތިހާބުގައި 975 ރަށު ކައުންސިލަރުންނާއި 123 އަތޮޅު ކައުންސިލަރުންގެ އިތުރުން 17 ސިޓީ ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަ ޖެހިފަ އެވެ.
ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން2011 ވަނަ އަހަރު އިންތިޚާބުކުރި ކައުންސިލް ތަކުގެ ދައުރު އަންނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހަށް ހަމަވާނެއެވެ.