ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޓެލެމެޑެސިން އާއި އެންޑޯމެޓްރިއޯސިސް ހިދުމަތް ފަށައިފި އެވެ.
ކޭއާރުއެޗުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެ ހިދުމަތްތައް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
ޓެލެމެޑެސިންގ އަކީ އެހެން ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި، ވަސީލަތްތައް ބޭނުންކޮށްގެން، ޓެލެކޮމިއުނިކޭޝަން މެދުވެރިކޮށް ހާއްސަ ވިއުގައަކުން ސިއްހީ ހިދުމަތުގެ ނިޒާމު ގުޅާލެވޭ ހިދުމަތެކެވެ.
އެންޑޯމެޓްރިއޯސިސްއަކީ އަންހެނުން ތަހަންމަލްކުރާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ބަނޑުގައި ރިއްސުމާއި ދަރިމައިވުމުގައި ގޮންޖެހުންތައް ކުރިމަތިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވީ، ޒަމާނީ ބަދަލުތަކާއެކު ސިއްހީ ދާއިރާއިންވެސް އިންގިލާބީ ކުރިއެރުންތައް ހޯދަމުންދާކަމަށެވެ. އަދި ރާއްޖެއިންވެސް އެކަންކަމަށް އަހުލުވެރިވަމުން އަންނައިރު، ކުޅުދުއްފުށީގައި މި ފެށި ޓެލެމެޑިސިންގެ ހިދުމަތްވެގެންދާނީ ރައްޔިތުންނަށް ސިއްހީ ހިދުމަތާއި ބޭސްފަރުވާގެ ލުއިފަސޭހަތައް ގެނެސްދޭނެ ހިދުމަތަކަށްކަމަށެވެ.
އުތުރުގެ އަތޮޅުގެ ސިއްހީ ހިދުމަތް ބަރޯސާވެފައި އޮތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެކި ބަލިތަކަށް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 120،000 އެއްހާ މީހުން ފަރުވާ ހޯދާފައިވާ ކަން ފާހަގަކުރެއްވި އެވެ. މި އަދަދަށް ބަލާއިރު ތިލަދުންމަތީގައި ރަނގަޅު ސިއްހީ ފަރުވާއެއް ކަށަވަރުވެފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްތައް ހޯދޭނެ ގޮތެއް އޮތުމަކީ ސަރުކާރާއި ހިދުމަތް ހޯދާ ފަރާތްތަކަށް ވެސް ފައިދާ ހުރި ގޮތެއްކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ ކްލިނިކްގެ ހިދުމަތްވެސް ފެށި އެވެ. އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ޑައިރެކްޓާ ޖެނަރަލް އޮފް ހެލްތު، ޑރ. އަހުމަދު އަޝްރަފް އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކާއި މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ވެސް އެ ޖަލްސާގައި އެވޯޑު ދިނެވެ. އޭގެތެރޭގައި އެ ހޮސްޕިޓަލަށް 10 އަހަރާއި 20 އަހަރާއި 30 އަހަރުގެ މުއްދަތަކަށް ހިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދީފައިވެ އެވެ.