ހދ އަތޮޅު ތައުލީމީ ތައުލީމީ މަރުކަޒުގެ އެރޮބިކްސް ސެންޓަރުގެ ޚިދުމަތް ފެށިފައިވަނީ ހުސްވި އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އެވެ. 10 ބައިވެރިންނާއެކު ފެށުނު މި ސެންޓަރުގެ މެމްބަރުންގެ އަދަދު 78 އަށް އަރައި، ސެންޓަރުން ދޭ ޚިދުމަތްތައް ފުޅާވެގެންދިޔަ ދިޔުމަކީ މި ސެންޓަރުގެ މަގުބޫލުކަން ކުޅުދުއްފުށީގައި އިތުރުވެގެން ދިޔަ ކަމުގެ ހެއްކެކެވެ.
އޭއީސީގެ ސްޓާފް ރެކްރިއޭޝަން ކުލަބުގެ ފަރާތުން އިންތިޒާމުކޮށްގެން ޝޭޕް އެރޮބިކްސްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ކުލާހުގެ ސެޝަންތައް ފުރަތަމަ ކޮޅު ސްކޫލުގެ ސްޓާފުންނަށް ޚާއްސަކޮށްގެން ގެންދެވުނު ނަމަވެސް މި ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. އަންހެން ބޭފުޅުންނަށް ޚާއްސަ 3 ކުލާހަކާއި ފިރިހެން ބޭފުޅުންނަށް ޚާއްސަ 2 ކުލާހެއް މި ސެންޓަރުން ކުރިއަށް ގެންދާއިރު ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނަގަމުން ނުދާކަމީ ކަސްރަތު ކުރަން ބޭނުންވާ ފަރާތްތަކަށް މިކަމުގައި ކުރިއަށްދިޔުމުގެ އިތުރު ބާރަކަށްވާ ކަމެކެވެ.
މި އެރޮބިކްސް ސެންޓަރު ހިންގުމާ ހަވާލުވެހުންނެވި އަބްދުއްރަޝީދު ސައީދު (އަބްސީ) ވިދާޅުވީ މިހާރު އެއްވެސް މެމްބަރަކު އަތުން ފައިސާ ނަގަމުން ނުދާ ކަމަށާއި އެހެން ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވޭނީ ކޮންމެވެސް މިންވަރެއް ނަގައިގެން ކަމަށެވެ.
“އަޅުގަނޑުމެން ފީއެއް ނުނަގަން. އެކަމަކު މޯޓިވޭޓް ކުރުމުގެ ގޮތުން ހާޒިރު ނުވާ ކޮންމެ ދުވަހަކަށް 10 ރުފިޔާގެ ޗަންދާއެއް ނަގަން. ބޮޑު ފީއެއްގެ ސަބަބުން ބައިވެރިންނަށް ކުލާސްތަކަށް ހާޒިރުވެވޭގޮތް ނުވެއްޖެނަމަ އަޅުގަނޑުމެންގެ މަގުސަދުން ބޭރުވީ.” އަބްސީ ވިދާޅުވިއެވެ.
އަބްސީ ވިދާޅުވީ ހާރބަލްގެ ނިއުޓްރިޝަން ބޭނުންކޮށްގެން ވަކި ޚާއްސަ ކަސްރަތު ތަކަކާއެކު ހަށިގަނޑުގެ މަސްތައް ބައްޓަން ކުރުމަށާއި ބަރުދަން ލުއިކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާ ކަމަށެވެ. އަދި ކުޅިވަރުތަކުގައި ދިމާވާ އިންޖަރީތަކަށް ކްލިނިކަލް ފަރުވާ ދެވޭނެ އިންތިޒާމު ތަކާއި ސެންޓަރުން އިސްނަގައިގެން އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ކަސްރަތު ކުލާސްތަކެއް ރާވަމުން ގެންދަވާ ކަމަށެވެ. މިގޮތުން ހާބަލް ޕްރޮޑަކްޓުތައް ސެންޓަރުން ގަންނަން ލިބެން ހުންނާނެކަން އަބްސީ ފާހަގަ ކުރެއްވިއެވެ.
މާލޭގެ މަޝްހޫރު ފިޓްނަސް ކުލަބު ތަކުން އިންސްޓްރަކްޓަރުން ތަމްރީނު ކުރުމަށް ފުރުސަތުތަކަށް ބަލަމުން ގެންދާ މި އެރޮބިކްސް ސެންޓަރަށް މާލެއިން އިންސްޓްރަކްޓަރެއް ވަޑައިގެން ވަނީ ކުލާސްތަކެއް ހިންގައި ދީފައެވެ. މިގޮތުން ބޭއްވުނު ކުލާސްތަކުން އެރޮބިކްސް ސެންޓަރުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކުރެވޭ ފެންވަރުގެ ކުދިން ވަނީ ތަމްރީނު ކުރެވިފައެވެ.
ލިބޭ ފުރުސަތުތައް ބޭނުން ހިފުމުގައިވެސް އޭއީސީގެ އެރޮބިކްސް ސެންޓަރަކީ ލާމަސީލު ބައެކެވެ. މިގޮތުން ބައިނަލް އަގްވާމީ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަވީރުގައި އެ ސެންޓަރުން ބައިވެރިވެ، ދުވަސްވީ މީހުންނަށް ކުރެވިދާނެ ކަސްރަތުތައް ވަނީ ބުނެދީފައެވެ.
އެރޮބިކްސް ސެންޓަރަށް ވާގިވެރިވެދޭ ފަރާތްތަކުގެ ތެރޭގައި ކަސްރަތު ކުރުމަށް ކުދިންނަށް ބާރު އަޅައިދޭ ފަރާތެއްގެ ގޮތުން އޭއީސީގެ ހަސީނާ އިބްރާހިމާއި އަބްދުލް ހަމީދު އަލީގެ ނަން އަބްސީ ފާހަގަ ކުރެއްވިއެވެ. އަދި ބޭނުންވާ ސާމާނު ފޯރުކޮށްދެއްވުމުގައި ޝޭޕް އެރޮބިކްސްގެ ހަބީބާ ގެ ނަންވެސް އަބްސީ ފާހަގަ ކުރެއްވިއެވެ.
ކަސްރަތު ކުރުމަކީ ދިރިއުޅުމުގެ ބައެއް ކަމަށް ހެދުމަކީ ބޭނުންތެރި ކަމެއް ކަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެއީ ނުހަނު މުހިއްމު ކަމެއް ކަމަށް އަބްސީ ވިދާޅުވި އެވެ. އަދި އެރޮބިކްސް ސެންޓަރުގެ ބައިވެރިން މިކަމަށްދޭ ތަރުހީބަށް ޝުކުރުވެރިވާ ކަމަށާއި ކުރިއަށް އޮތް ތާނގާ ވެސް އެގޮތުގައި ދެމި ތިބުމަށް އަބްސީ އެދިލެއްވި އެވެ.
ކުޅުދުއްފުށީގައި މީގެ ކުރިންވެސް ފިޓްނަސް ސެންޓަރުތައް ހުޅުވާފައިވެއެވެ. އެހެންނަމަވެސް އެންމެ އެދެވޭ ގޮތެއްގައި އެތަންތަން ކުރިއަށް ގެންދެވިފައިނުވާކަން ފާހަގަ ކުރެވެއެވެ.