ފޯރިގަދަ ފައިނަލް މެޗަކަށްފަހު އޭޑީކޭ އެންޑީސީ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސެލް މުބާރާތުގެ ތަށި މިދިޔަ އަހަރުގެ ވެސް ޗެމްޕިއަން ކުޅުދުއްފުށި ޕޮލިސް ޓީމް ހޯދައިފި އެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި މިރޭ ކުޅުނު މިމުބާރާތުގެ ފައިނަލް މެޗުގައި ކަސްޓަމްސްއާ ބައްދަލުކޮށް ޕޮލިސް ޓީމް މޮޅުވެފައިވަނީ 5-4 އިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ މިނެޓްގައި ކަސްޓަމްސް އިން ލަނޑު ޖަހާ ގޯލު ހުޅުވާލި ނަމަވެސް ހިނދު ކޮޅެއްގެ ތެރޭގައި ޕޮލިހުން ވަނީ ލަނޑެއް ޖަހާ އެއްވަރު ކޮށްފަ އެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައިރު ކޮންމެ ޓީމެއް ވެސް އޮތީ ދެލަނޑު ޖަހާފަ އެވެ.
ދެވަނަ ހާފުގައި ޕޮލިސް ޓީމުގެ ކުޅުން ވަރުގަދަކޮށް ކަސްޓަމްސްގެ ގޯލަށް ފުލުފުލުގައި 3 ގޯލު ޖަހާ ބޮޑު ލީޑެއް ނެގިއެވެ. ޕޮލިސް ޓީމުގެ ފަހު ގޯލަކީ ކަސްޓަމްސްގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރި ގޯލެކެވެ. ނަމަވެސް ކަސްޓަމްސް އިން ވަނީ މިޗު ނިމެންދިޔައިރު ކުޅުން ރަނގަޅުކޮށް އިތުރު 2 ލަނޑު ކާމިޔާބު ކޮށްފަ އެވެ. ކަސްޓަމްސްއިން ފަހުވަގުތު އުފެއްދި ގިނަ ހަމަލާތައް ދިފާއުކޮށްފައި ވަނީ ޕޮލިސް ޓީމުގެ ގޯލު ކީޕަރުގެ ހުޝިއާރު ކަމުންނެވެ.
ފޯރިގަދަ ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަށް ހޮވުނީ ފައިނަލް މެޗުގައި މޮޅުކުޅުމެއް ދެއްކި ޕޮލިސް ޓީމްގެ ޖޯޒީ ނަންބަރު 7 އިބުރާހިމް ހަސަން (ކުޑަ އިއްބެ) އަށެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕޮލިސް ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމަކާއި މިލްކުވާ ތައްޓެއް ދީފައިވެއެވެ.
މިމުބާރާތުގައި 19 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދީ ކަސްޓަމްސްގެ ޖޯޒީ ނަންބަރު 21 ޒައިދު މުހައްމަދެވެ.
މިމުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ޕޮލިސް ޓީމުގެ ޖޯޒީ ނަންބަރު 7 އިބުރާހިމް ހަސަނާއި އެޓީމްގެ ޖޯޒީ ނަންބަރު 3 ފަރުހަތު މުހައްމަދާއި އެޓީމުގެ ކީޕަރ ހުސެއިން އަލީގެ އިތުރުން ކަސްޓަމްސްގެ ޖޯޒީ ނަންބަރު 21 ޒައިދު މުހައްމަދު އަދި ކުރިއަރަމުން އަންނަ އުއްމީދީ ޒުވާން ކުޅުންތެރިއެއް ކަމަށްވާ ދިރާގުގެ ޖޯޒީ ނަންބަރު 13 ސިނާން އިބުރާހީމެވެ.
މިމުބާރާތުގެ ފެއާރ ޕްލޭ ޓީމަށް ހޮވިފައިވަނީ ކުޅުދުއްފުށީ އެސްޓީއޯ ބުރާންޗް ޓީމެވެ.
ޒިގުޒެގް އިންޓަރ އޮފީސް ފުޓްސެލް މުބާރާތަކީ ކުޅުދުއްފުށީގައި ކުޅެވޭ އެންމެ ފޯރިގަދަ އެއް ފުޓްސަލް މިމުބާރާތެވެ.