އެންމެ ފަހުގެ ޗެމްޕިއަން އަދި ޕްރިމިއަރ ލީގު 20 ފަހަރު ކާމިޔާބުކޮށްފައިވާ މެންޗެސްޓަރ ޔުނައިޓެޑް ލީގުގައި އަމިއްލަ ދަނޑުގައި ބަލި ނުވެ ދަމަހައްޓަމުންއައި ރެކޯޑް އެވަޓަންއިން ނިމުމަކަށް ގެނެސްފި އެވެ.
ރޭ ރާއްޖެ ގަޑިން 00:45 ގަ މެންޗެސްޓަރ ޔުނައިޓެޑް އާއި އެވަޓަން ބައްދަލުކުރި މެޗުން ޔުނައިޓެޑް ބަލިވެފައިވަނީ މެޗު ނިމެން 3 މިނެޓަށްވެފައި ވަނިކޮށް ކޮސްޓަރިކާގެ އުމުރުން 23 އަހަރުގެ ޒުވާން ޑިފެންޑަރ ބުރޭއިން އޮވިއެޑޯ އެވަޓަންއަށް ކާމިޔާބު ކޮށްދިން ހަމައެކަނި ގޯލުންނެވެ. ޔުނައިޓެޑްގެ މި ބައްޔަކީ އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 20 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗުގައި ޔުނައިޓެޑްއަށް ވަނީ ގޯލް ޖަހާނެ ގިނަ ހުސް ފުރުސަތު ތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ދެ ހަމަލާއެއް ގޯލުގެ ދަނޑީގަ ޖެހިފަ އެނބުރި ކުޅުމުގެ ތެރެއަށް އައިކަން ފާހަގަ ކޮށްލެވެ.
މި މެޗަކީ އެވަޓަން އަށް 11 އަހަރުވަންދެން ކޯޗުކޮށްދިން ޑޭވިޑް މޯއިސް މި ސީޒަންގަ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އެވަޓަން އާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. އަދި މި ސީޒަންގައި 27.5 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށް އެވަޓަން އިން މެންޗެސްޓަރ ޔުނައިޓެޑްއަށް ބަދަލުވި ބެލްޖިއަމްގެ މިޑްފިލްޑަރ ފެލާނީވެސް ކުރީގެ ކުލަބާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ.
ރޭގެ ބައްޔާއެކު މެންޗެސްޓަރ ޔުނައިޓެޑް ވަނީ 20 ޓީމް ވާދަކުރާ ތާވަލުގެ 9 ވަނައަށް ވެއްޓިފައެވެ. ޔުނައިޓެޑްއަށް 27 އަހަރުވަންދެން ކޯޗުކޮށްދިން އެލެކްސް ފާގަސަން މިދިޔަ ސީޒަނަށްފަހު ރިޓަޔރ ކުރުމަށްފަހު، ޑޭވިޑް މޯއިސް ގެ ކޯޗުކަމުގައި ޔުނައިޓެޑްއަށް އަދި ރަނގަޅު ކުޅުމެއް ދެއްކިފައިނުވާކަން ފާހަގަކޮށްލެއެވެ.
މިވަގުތު ލީގުގެ ނަތީޖާއަށް ބަލާއިރު ތާވަލުގެ 1 ވަނާގައި 34 ޕޮއިންޓާއެކު އާސެނަލްއެވެ. 30 ޕޮއިންޓާއެކު 2 ވަނާގައި ޗެލްސީ އޮތްއިރު، 28 ޕޮއިންޓާއެކު 3 ވަނާގައި އޮތީ މެންޗެސްޓަރ ސިޓީއެވެ.