ބޭލާކަޕްގެ ފުރަތަމަ މެޗުގައި ކުޅުދުއްފުށީގެ ވަރުގަދަ ކްލަބް ހިރަފުސް ކޮޅަށް 5 ލަނޑު ޖަހާ ބޮޑު ތަފާތަކުން ނޮޅިވަރަމްގެ ކުލަބް ތިލަދުންމަތި މޮޅުވެއްޖެ އެވެ.
މުބާރާތް ފެށުމުގެ ގޮތުން މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ހިރަފުސް އާ ބައްދަލުކޮށް މޮޅު ކުޅުމެއް ދައްކާ ކްލަބް ތިލަދުންމަތި މޮޅުވީ 5 -2 އިންނެވެ.
ފުރަތަމަ ހާފުގައި ކުލަބް ތިލަދުންމައްޗަށް ހިރަފުސްގެ ގޯލު ހުޅުވައިދިނީ އެޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ ހުސެއިން އީސަ އެވެ. އޭނާ ވަނީ މިމެޗުގައި 3 ލަނޑު ޖަހާ ހެޓްރިކް ހަދާފަ އެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-0 ކުލަބު ތިލަދުންމަތި ކުރީގައި އޮވެ އެވެ.
މެޗުގެ ދެވަނަ ހާފުގައި ހިރަފުސް ޓީމުން ކުޅުން ރަނގަޅުކޮށް ފުލުފުލުގައި ދެ ލަނޑުޖަހައި 2-2 އަށް ނަތީޖާ ބަދަލު ކޮށްލި އެވެ. ހިރަފުސްގެ ގޯލުތައް ޖަހައިދިނީ އަޝްރަފު މުޙައްމަދާއި އަސްޖައު މޫސާއެވެ. ނަމަވެސް ނަތީޖައި ހަމަހަމަ ކޮށްގެން ހިރަފުސްއަށް އޮވެވުނީ ކުޑަ އިރުކޮޅަކު އެވެ. ކްލަބް ތިލަދުންމަތިން ވަނީ އޭގެ ފަހުން މެޗުގެ ކޮންޓްރޯލް އަތުލާ ނުރައްކާކޮށް ހިރަފުސް ކޮޅަށް އިތުރު 3 ގޯލު ޖަހާފައެވެ.
މި މެޗުގެ ފަހު ހާފުގައި ހިރަފުސް އިން ބައެއް ހަމަލާ އުފެއްދި ކަމުގައި ވިޔަސް، މުޅި މެޗުގައިވެސް ހިރަފުސްގެ މެދުތެރެއިން ފެނުނީ ވަނދު ކުޅުމެކެވެ.
މި މެޗުގައި 5 ރީނދޫ ކާޑާއި 1 ރަތް ކާޑު ދައްކާފައިވެ އެވެ.ރަތް ކާޑު ދައްކާފައިވަނީ ކުލަބު ތިލަދުންމަތީގެ ހަސަން ސަފީފު އަށެވެ.
މިމެޗުގެ މޭން އޮފް ދަ މެޗަށް ހޮވުނީ ކުލަބު ތިލަދުންމައްޗަށް 3 ލަނޑު ޖަހައި ދިން ހުސެއިން އީސާ އެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގައި ކުރިއަށްދާ މި މުބާރާތުގައި މާދަމާ ކުޅޭނީ ގުރޫޕް ބީ ގެ މެޗެކެވެ. އެ މެޗުގައި ބައްދަލު ކުރާނީ ކުޅުދުއްފުށީ ޒިގްޒެގާއި ނެލައިދޫ ޓީމެވެ. މުބާރާތުގައި 6 ޓީމެއް ބައިވެރި ކޮށްފައިވާ އިރު މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހު 27 ގައެވެ.
މިއީ ބޭލާއިން މި ފެންވަރުގައި ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.