ކުޅުދުއްފުށީ ކޮރަލްސް ފުޓްބޯޅަ ޓީމުގެ ނިމިދިޔަ އަހަރުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން “ކޮރަލްސް ނައިޓް” ރޭ ބާއްވައިފި އެވެ.
މިސްގާލް ބޮޑު ބެރާއި ފަސީގެ މިއުޒިކާއެކު ކުރިއަށް ދިޔަ މި ހާއްސަ ހަފުލާގައި ޓީމް ކޮރަލްސްގެ ވޭތުވެ ދިޔަ އަހަރުގެ ހާއްސަ މަގާމުތަކެއް ވަނީ ހޮވާފަ އެވެ. މިގޮތުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ މިދިޔަ އަހަރު ކޮރަލްސް ޓީމުގެ ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކުރި ޒައިދު މުހައްމަދެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަބުދުއްﷲ އަބޫބަކުރު (ބަކާ) އެވެ.
ކުޅުދުއްފުށީގެ ފުޓްބޯޅައަށް ގިނަ ހިދުމަތްތަކެއްކޮށް، އެ ދާއިރާއިން ރީތި ނަން ހޯދާ ދީފައިވާތީ އެކަން ފާހަގަ ކުރުމުގެ ގޮތުން އާދަމް އިސްމާއިލަށް ވަނީ ޓީމު ކޮރަލްސްގެ ފަރާތުން ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް ހަވާލު ކޮށްދީފަ އެވެ.
މީގެ އިތުރުން ޓީމު ކޮރަލްސް ދައުވަތަށް ޓީމު ކޮރަލްސް އަށް ކުޅެދިން 4 ކުޅުންތެރިންނަން އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ.
އެ އެވޯޑުތައް ހަވާލު ކޮށްދެއްވީ ޓީމު ކޮރަލްސްގެ ފައުންޑަރ މެމްބަރުން ކަމަށްވާ ސައުދު މުހައްމަދާއި އަހުމަދު އަލީ، އާދަމް މުހައްމަދުގެ އިތުރުން އަހުމަދު ހަސަނާއި ހުސެއިން ހަސަނެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު ކުރިއަށް ދިޔަ ހަފުލާގައި މުނިފޫހިފުލުވުމުގެ ހާއްސަ ނެށުންތަކެއް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.
2013 ވަނަ އަހަރު ޓީމު ކޮރަލްސް ވަނީ ކުޅުދުއްފުށީގައި ބޭއްވުނު 3 ފުޓްބޯޅަ މުބާރާތުން ވެސް ޗެމްޕިއަންކަން ހޯދާފަ އެވެ. އެއީ އާދަމް އިސްމާއިލް ލީގާ، ޕޮލިސް ކަޕްގެ އިތުރުން ބޭލާ ކަޕެވެ.
މިއީ މިފަދަ ގޮތަކަށް ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ އެންމެ ފުރިހަމަ ހަފުލާކަން ފާހަގަ ކުރެވެ އެވެ.