twitterviber whatsapp telegramfacebookyoutube instagram
20th April 2024

19 ބިލިޔަން ޑޮލަރަށް ފޭސްބުކް އިން ވަޓްސް އެޕް ގަންނަނީ

Feb 20, 2014

މޯބައިލް އިންޓަނެޓް ބޭނުންކޮށް ފޯނުން މެސެޖް ފޮނުވުމަށް މީހުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެޕްލިކޭޝަން ވަޓްސްއެޕް، 19 ބިލިޔަން ޑޮލަރަށް ގަންނަން ފޭސްބުކް އިން ނިންމައިފި އެވެ.

ވަޓްސް އެޕް ގަތުމަށް ފޭސްބުކް ނިންމާފައިވާ އަގު ކަމަށްވާ 19 ބިލިޔަން ޑޮލަރުގެ ތެރެއިން 4 ބިލިޔަން ޑޮލަރު ދައްކަނީ ފައިސާ އިންނެވެ. އަދި 12 ބިލިޔަން ޑޮލަރަށް ވާވަރަށް ދެނީ ފޭސްބުކްގެ ހިއްސާ އެވެ. އަދި ބާކީ 3 ބިލިޔަން ޑޮލަރަކީ ވަޓްސް އެޕްގެ ފައުންޑަރުންނަށާއި މުވައްޒަފުންނަށް ފަހުގެ ތާރީހެއްގައި ދޫކުރާ ފޭސްބުކްގެ ހިއްސާއެވެ. މި މުއާމަލާތުގެ ދަށުން ވަޓްސްއެޕްގެ ކޯ ފައުންޑަރ ޖަން ކޫމް، ފޭސްބުކްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭނެ އެވެ.

އިންޓަނެޓް މެދުވެރިކޮށް ވަޓްސް އެޕް ފަދަ އެޕްލިކޭޝަންތައް ބޭނުންކުރުމުން އާދައިގެ ޓެކްސްޓް މެސެޖަށްދާ ހަރަދު ކުޑަވެއެވެ. ވަކިން ޗެޓްކުރުމަށާއި ގުރޫޕް މަޝްވަރާތަކަށް ގިނަ ބަޔަކު ބޭނުން ކުރާ މި އެޕްލިކޭޝަން ކުރިން އެޕަލް އެޕްސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވުން ކަމުގައި ވިޔަސް މިހާރު ލިބެނީ 0.99 ޑޮލަރަށެވެ. ނޫނީ ހިލޭ ޑައުންލޯޑް ކުރުމަށްފަހު އަހަރީ ފީ އަކަށް 0.99 ޑޮލަރު ޗާޖް ކުރެއެވެ.

މި މުއާމަލާތާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ފޭސްބުކްގެ ފައުންޑާ މާކް ޒުކާބާގް މީޑިއާގައި ވިދާޅުވީ މި ޑީލް ހުށައެޅުމުގެ ހިޔާލުވެސް އައީ މީގެ 11 ދުވަސް ކުރިން ކަމަށެވެ. ވަޓްސްއެޕް ފޭސްބުކް އާ ގުޅާލުމުން ބިލިޔަނެއްހައި މީހުން ވިއުގައަކުން ގުޅާލެވުނީކަމަށް ޒުކަބާގް ދެކެއެވެ. ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު ގާތްގަނޑަކަށް ބިލިޔަނަކާ ކައިރިކުރެއެވެ. ނަމަވެސް ވަޓްސް އެޕްގައި އިޝްތިހާރުތައް ނުޖަހާނެ ކަމަށް އޭނާ ބުނެއެވެ.

ކޮންމެ މަހެއްގެ މައްޗަށް ވަޓްސް އެޕް ބޭނުން ކުރާ މީހުންގެ އަދަދު 450 މިލިއަނަށް އަރައެވެ. އަދި 320 މިލިޔަން އެކްޓިވް ޔޫޒަރސް ކޮންމެ ދުވަހަކުވެސް އުޅޭކަމަށް ވަޓްސްއެޕްއިން ބުނެއެވެ.

ފޮޓޯއިން މެސެޖު ކުރާ ހިދުމަތެއް ކަމަށްވާ ސްނެޕްޗެޓް ގަތުމަށް 3 ބިލިއަން ޑޮލަރު ފޭސްބުކުން ހުށައަޅާފައި ވާ ކަމަށް ވެސް ރިޕޯޓު ތަކުން ބުނެއެވެ. ފޭސްބުކުން ވަނީ 1 ބިލިޔަން ޑޮލަރަށް އިންސްޓެގްރާމް ވެސް ގަނެފައެވެ. — ބީބީސީ —

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355