ކުޅުދުއްފުށީގައި ފުޓްސަލް ދަނޑެއް ހެދުމަށް އެސްޓީއޯއާ ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޑިފެންސް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު މުހައްމަދު ނާޒިމް އެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ސޮއިކުރެއްވިއިރު އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމް އެވެ.
ޔޫތު މިނިސްޓްރީގެ “ސްޕޯޓްސް އެރީނާ” މަޝްރޫއުގެ ދަށުން ހަދާ މި ފުޓްސަލް ދަނޑު ހެދުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ އާއި ޑިފެންސް މިނިސްޓްރީގެ އެހީތެރިކަމާއެކު އެވެ. އެގޮތުން ދަނޑު ހެދުމަށް ބޭނުންވާ ތަކެތި ދިނުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ އިންނެވެ. އަދި އަމަލީގޮތުން ދަނޑު ހެދުމުގެ މަސައްކަތް ކުރާނީ ޑިފެންސް މިނިސްޓްރީންނެވެ.
ފުޓްސަލް ދަނޑު ހެދުމުގެ ގޮތުން އެސްޓީއޯއިން ދޭ އެހީތެރިކަމުގެ ބަދަލުގައި، 10 އަހަރު ދުވަސް ވަންދެން އެސްޓީއޯގެ އިޝްތިހާރުތައް މި ދަނޑުތަކުގައި ބަހައްޓައިދޭނެ އެވެ.
ޔޫތު މިނިސްޓްރީގެ ‘ސްޕޯޓްސް އެރީނާ މަޝްރޫއު’ ގެ ދަށުން ގާއިމްކުރާ މި ފުޓްސަލް ދަނޑު ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި ނިމޭވަރު ވާނެ ކަމަށް ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
އެސްޓީއޯ އާއި ޑިފެންސް މިނިސްޓްރީއާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ގާއިމު ކުރުމަށް ނިންމާފައިވާ ފުޓްސަލް ދަނޑުތަކުގެ ތެރެއިން 3 ދަނޑެއް އަޅާ ނިމިފައިވަނީ ‘ޔުނިޓީ ތްރޫ ފުޓްސަލް’ ޕްރޮޖެކްޓްގެ ދަށުން ކަމަށާއި ބާކީ އޮތް 4 ފުޓްސަލް ދަނޑު ގާއިމް ކުރެވޭނީ ސްޕޯޓުސް އެރީނާ ޕްރޮޖެކްޓުގެ ދަށުންނެވެ.
ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އަހަރެއްގެ ތެރޭގައި 34 ފުޓްސަލް ދަނޑު އެޅުމަކީ ޔޫތު މިނިސްޓްރީގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.