މިދިޔަ އަހަރުގެ ޗެމްޕިއަން “އެމަރަލްޑް” ބަލިކޮށް ޖަލާލުއްދީން ސްކޫލުގެ 15 ވަނަ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން “ޓޮޕާޒް” ހައުސް ހޯދައިފި އެވެ.
ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ދެއްކި މި މެޗުގައި ޓޮޕާޒް ކާމިޔާބުކުރީ 23 ޕޮއިންޓު 7 ޕޮއިންޓުގެ ތަފާތަކުންނެވެ.
އިއްޔެ ކުޅުނު ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށާއި ޓީމުތަކަށް އިނާމާއި ސެޓްފިކެޓްތައް ބައްސަވައި ދެއްވީ މުބާރާތުގެ ޝަރަފުވެރި މެހެމާނާ ހދ. އަތޮޅު ކައުންސިލް މެމްބަރ އުންމު ކުލްސޫމް އިބްރާހިމް އެވެ.
މިގޮތުން މި މުބާރާތުގައި ކުޅެވުނު މެޗުތަކުގެ ކުއީން އޮފް ދަ މެޗު ހޯދި ކުޅުންތެރިންނަށް ސެޓުފިކެޓް ވަނީ ދީފަ އެވެ. މި މުބާރާތުގެ ކުއީން އޮފް ދަ ޓޯނަމެންޓް އަދި ދެވަނަ މެޗާއި ހަތްވަނަ މެޗުގެ ކުއީން އޮފް ދަ މެޗަށް ހޮވިފައިވަނީ ޓޮޕާޒް ހައުސްގެ ޝިއުނާ އަބްދުއްރަހުމާން އެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފަ އެވެ.
މި މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ފުރަތަމަ މެޗުގެ ކުއީން އޮފް ދަ މެޗު ސަފަޔާ ހައުސްގެ އިކްރާމާ އަބްދުއްސައްތާރު، ތިންވަނަ މެޗުގެ ކުއީން އޮފް ދަ މެޗު އެމަރަލްޑް ހައުސްގެ ހަނާން މުހައްމަދު ނިޒާރު، ހަތަރު ވަނަ މެޗުގެ ކުއީން އޮފް ދަ މެޗު ޓޮޕާޒް ހައުސްގެ އައިމިނަތު ޒިމްނާ އަދި ފަސްވަނަ މެޗުގެ ކުއީން އޮފް ދަ މެޗު ޓޮޕާޒް ހައުސްގެ ފާތިމަތު ރިފާ ހިމެނިފައި ވެއެވެ. މީގެ އިތުރުން އެމަރަލްޑް ހައުސްގެ އައިމިނަތު ނައުޝާ އަދި ރޫބީ ހައުސްގެ ސީމާ ހަސަންވަނީ މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.
ހަވަނަ މެޗުގެެ ކުއީން އޮފް ދަ މެޗަކީ އެމަރަލްޑް ހައުސްގެ އައިސަތު ސަމާ އަބްދުﷲ އެވެ.
ފާއިތުވި އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމަރަލްޑް ހައުސްގެ ޓީމެވެ.