twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބެލެނިވެރިންގެ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް އައި.ޕީ.އެސް ހޯދައިފި

Mar 22, 2014

ލިޔުނީ: އަޙްމަދު

ސުކޫލް ބެލެނިވެރިންގެ ނެޓްބޯޅަ މުބާރާތް ޖެހިޖެހިގެން ދެވަނަ ފަހަރަށް އައި.ޕީއެސް އިން ހޯދައިފި އެވެ.

މާޗް 14 އިން 21 އަށް ކުރިޔަށްދިޔަ 5 ވަނަ ސުކޫލް ބެލެނިވެރިންގެ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އައި.ޕީ.އެސް އިން ހޯދާފައިވަނީ އިއްޔެ ހަވީރު ޒޯން ސްޓޭޑިއަމްގައި ކުރިޔަށް ދިޔަ މި މުބާރާތުގެ ފައިނަލް މެޗްގައި އަމީރު އަމީން ސުކޫލްގެ މައްޗަށް 34-21 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މި މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އައި. ޕީ. އެސްގެ ނަސްރީނާ އަލީ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗް ޝަރަފުވެރި ކޮށްދެއްވީ (ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެނޑިޑޭޓް) ނާޒިމާ އަލީ އެވެ.

އައި. ޕީ. އެސް އަދި އަމީރު އަމީން ސުކޫލްގެ އިތުރުން ހދ. އޭ. އީ. ސީ އަދި އަފީފުއްދީން ސުކޫލް ވާދަކުރި މި މުބާރާތުގެ ކުއީން އޮފް ދަ ޓޯނަމެންޓަކަށް ހޮވިފައިވަނީ އައި. ޕީ. އެސް ގެ ޝާހިދާ މޫސާ އެވެ. މީގެ އިތުރުން މި މުބާރާތުގެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައިވަނީ އައި. ޕީ.އެސް ގެ ނަސްރީނާ އަލީ އާއި، ނަސީމާ އިބްރާހީމާއި އަމީރު އަމީން ސުކޫލްގެ ނާޒިމާ މުހައްމަދާއި، އައިމިނަތު ޔުމްނާއާއި، ނާއިފާ އަބްދުލް ރަހްމާންގެ އިތުރުން ހދ އޭ. އީ. ސީ ގެ ޒުއްޔިނަތު އާދަމް އެވެ. މި މުބާރާތުގައި އުމުރުން ދުވަސްވީ ކުޅުންތެރިން ބައިވެރި ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށް ދެވޭ އިނާމު ލިބިފައިވަނީ ހދ އޭ. އީ. ސީ ގެ އާއިޝަތު މުފީދާ އަށެވެ.

ބެލެނިވެރިންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް އެކުވެރިކަން ބަދަހި ކުރުމުގެ ގޮތުން ކުރިޔަށް ގެންދެވުނު މި މުބާރާތުގެ ވަނަވަނަ އަށް ދިޔަ ފަރާތްތަކަށާއި އޮފިޝަލުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވީ މި މެޗްގެ ޝަރަފުވެރިވެރި މެހެމާން ނާޒިމާ އަލީ އާއި ކުޅުދުއްފުށީ ކެމްޕަސްގެ ލެކްޗަރަރ ފާތިމަތު މުހައްމަދާއި، އައި. ޕީ. އެސް ހިންގެވުމާ ހަވާލުވެ ހުންނެވި ޝަމީމާ ހުސައިން އަދި އަމީރު އަމީން ސުކޫލް ހިންގެވުމާ ހަވާލުވެ ހުންނެވި އާއިޝަތު މުހައްމަދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355