ލިޔުނީ: އަޙްމަދު ދާވޫދު
ޖަރުމަނުގެ ބުންޑަސް ލީގާގެ ތާރީހުގައި އެންމެ އަވަހަށް ލީގު ކާމިޔާބުކުރި ޓީމުގެ ގޮތުގައި މި ސީޒަނުގެ ޗެމްޕިއަންކަން ބަޔާން މިއުނިކުން ހޯދައިފި އެވެ.
ބަޔާން މިއުނިކް ލީގު ކާމިޔާބު ކުރީ ލީގުގައި ބާކީ 7 މެޗް އޮއްވަ އެވެ.
ބުންޑަސް ލީގާގައި އެންމެ ފަހުން ކުޅެވުން 50 މެޗްގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައި ނުވާ ބަޔާން މިއުނިކުން ލީގު ކާމިޔާބު ކުރީ ރޭގަ ހާރތަ ބާރލިންގެ މައްޗަށް 3-1 އިން ކުރި ހޯދައިގެންނެވެ. ބަޔާންގެ ގޯލްތައް ކާމިޔާބު ކޮށްދިނީ ޓޮނީ ކުރޫސް، މާރިއޯ ގޮޓްޒޭ އަދި ފްރޭންކް ރިބެރީ އެވެ. ހާރތަ ބާލިންގެ ހަމައެކަނި ގޯލް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން އެޑްރިއަން ރާމޯސް އެވެ.
ސްޕެއިންގެ ބާސެލޯނާއަށް ގިނަ ކާމިޔާބުތަކެއް ހޯދާދިނުމަށް ފަހު ބަޔާންއާ ހަވާލުވި ކޯޗް ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަޔާން މިއުނިކުން އަންނަނީ ބޮޑެތި ކާމިޔާބުތަކާއި ރެކޯޑްތައް ހޯދަމުންނެވެ. މިއީ ބަޔާން މިއުނިކުން ލީގު ކާމިޔާބުކުރި 23 ވަނަ ފަހަރެވެ. ބުންޑަސް ލީގާގެ ތާރީހުގައި ދެން އެންމެ ގާތުން ޓީމަކަށް ލީގު ހޯދިފައި ވަނީ 5 ފަހަރު އެވެ. އެއީ ވާދަވެރި ބޮރޫސިޔާ ޑޯރޓްމަންޑް އަދި ބޮރޫސިޔާ މުންޗެންގުލެޑްބެކް އިންނެވެ.
ބަޔާން މިއުނިކްވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ވެސް ދަތުރު ކޮށްފަ އެވެ. އޭޕްރީލް 1 ވަނަ ދުވަހުގެ ރޭ 23:45 ގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗްގައި ބައްދަލު ކުރާނީ ރޭ މެންޗެސްޓަރ ސިޓީގެ އަތުން އަމިއްލަ ދަނޑުގައި 3-0 އިން ބަލިވި މެންޗެސްޓަރ ޔުނައިޓެޑާ އެވެ.
ރޭ ޕްރިމިއާ ލީގުގައި ކުޅެވުނު އެހެން މެޗްތަކަށް ބަލާއިރު އެވަޓަން ވަނީ ނިއުކާސަލްގެ މައްޗަށް 3-0 އިން ކުރިހޯދާ ޗެމްޕިއަންސް ލީގުގެ ފުރުސަތު ބޮޑު ކޮށްފަ އެވެ. އާސެނަލް ސެވެންސީއާ 2-2 އިން އެއްވަރުވުމުގެ ސަބަބުން ލީގު ހޯދުމަށް އޮތް ފުރުސަތުތައް ވަނީ ހަނިވެފަ އެވެ.