ލިޔުނީ: އަޙްމަދު ދާވޫދު
ސްކޮޓިޝް ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ސެލްޓިކުން ހޯދައިފި އެވެ.
މިއީ ސެލްޓިކުން ލީގު ކާމިޔާބު ކުރި 43 ވަނަ ފަހަރެވެ.
ރޭ ޕާޓިކް ތިސްލްގެ ދަނޑުގައި އެ ޓީމުގެ މައްޗަށް ސެލްޓިކުން ކުރިހޯދީ 5-1 ގެ ނަތީޖާ އަކުންނެވެ. ސެލްޓިކުގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކޮށްދިނީ އެންތޮނީ ސްޓޯކްސް އެވެ. ދެން އެ ޓީމުގެ ގޯލްތައް ކާމިޔާބު ކޮށްދިނީ މި ސީޒަނުގެ ޓޮޕް ސްކޯރަރ ކްރިސް ކޮމޮންސް އާއި ލިއާމް ހެންޑަރސަންގެ އިތުރުން ސްޓެފަން ޖޮހަންސަން އެވެ. ޕާރޓިކް ތިސްލްގެ ހަމައެކަނި ގޯލް ޖަހައިދީފައި ވަނީ ކްރިސްޓީ އެލީ އެވެ.
މީގެ އިތުރުން ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެވުނު މެޗްތަކަށް ބަލާއިރު ލިވަޕޫލްއިން ވަނީ ސަންޑަލެންޑް އަތުން 2-1 އިން މޮޅުވެ ލީގު ހޯދުމުގެ އުއްމީދު ދަމަހައްޓާފަ އެވެ. މިއީ ލީގުގައި ލިވަޕޫލް ޖެހިޖެހިގެން މޮޅުވި 7 ވަނަ މެޗެވެ. ޕްރިމިއާ ލީގުގައި ދެން ކުޅެވުނު މެޗްގައި ވެސްޓްހަމް އިންވަނީ ހަލްސިޓީ 2-1 އިން ބަލިކޮށް ތާވަލްގެ 11 ވަނައަށް ޖެހިލައިފަ އެވެ.
ސްޕެއިންގެ ލަލީގާގައި ރޭ އެތްލެޓިކޯ މެޑްރިޑުންވަނީ ޑިއެގޯ ކޮސްޓާގެ ހަމައެކަނި ލަނޑުން ގްރަނާޑާގެ މައްޗަށް ކުރިހޯދާ ތާވަލުގެ އެއްވަނަ ދަމަހައްޓާފަ އެވެ. ލީގުގައި ރޭ ރިއަލް މެޑްރިޑްއިން ވަނީ 2-1 އިން ސެވިއްޔާ އަތުން ބަލިވެ ތާވަލުގެ ތިންވަނައަށް ވެއްޓިފަ އެވެ. މިއީ ލީގުގައި ރިއަލް މެޑްރިޑް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. އަދި މީގެ އތުރުން ބާސެލޯނާއިން ސެލްޓަ ވީގޯ 3-0 އިން ބަލިކޮށް އެތްލެޓިކޯ މެޑްރިޑާއި ޕޮއިންޓްގެ ގޮތުންވަނީ އެއްހަމައެއްގައި ހިފަހައްޓާފަ އެވެ.